ހިރިޔާ ސްކޫލަށް ބޮޑު ކާމިޔާބީއެއް، ޤައުމީ ގަދަ ދިހައެއްގައި 30 ދަރިވަރުން، އެއްވަނައިގައި ތިން ދަރިވަރުން

ފާއިތުވި ދެ އަހަރު ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުން: އެ ސްކޫލުން ދަނީ ކިޔެވުމުގައި ވެސް ނަތީޖާ ދައްކަމުން- ފޮޓޯ: ހިރިޔާ ސްކޫލް

ހިރިޔާ ސްކޫލްގެ ތާރީޚުގައިވެސް އެންމެ ގިނަ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ ހުސްވި އަހަރުއެވެ. 2020-2021 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ 30 ދަރިވަރަކު ވަނީ ހިމެނިފައެވެ. އަދި ފަޚުރުވެރި އެއްވަނައިގައި ތިން ދަރިވަރުން ހިމެނިފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި މީގެ ކުރިން ހިމެނިފައި ވަނީ އެ ސްކޫލްގެ އެންމެ ދެ ދަރިވަރުންނެވެ.

2019 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނިފައި ވަނީ އެ ސްކޫލްގެ ހަ ދަރިވަރުންނެވެ.

ހިރިޔާ ސްކޫލަށް ބާރަ އަހަރު ފުރިގެން ދިޔައިރު، ފާއިތުވި ދިރާސީ އަހަރަކީ އެ ސްކޫލްގެ ރަންއަހަރެވެ. އެންމެ ކާމިޔާބު އަހަރެވެ.

ހިރިޔާ ސްކޫލްގެ 2019 ވަނަ އަަހަރުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވުނު މަރިޔަމް ލައިޝާ ޝަރީފަށް، ޝަރަފުވެރިމެހުމާން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު، އިނާމް ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ހިރިޔާ ސްކޫލް

ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދު ސިފަކުރެއްވި ގޮތުގައި އެ ސްކޫލްގެ ހަޤީޤީ ފެންވަރު ވަޒަން ކުރުވުނީ ފާއިތުވި އަހަރުއެވެ. އެއީ އެ ސްކޫލްގެ ގުރޭޑް އެކަކަށް ވަން ކުދިން، އެ ސްކޫލްގައި ހޭދަ ކުރި ދިހަ އަހަރަށްފަހު، ސާނަވީ އިމްތިޙާނު ނިންމާލީ ފާއިތުވި ދިރާސީ އަހަރުގައި ކަމަށް ވީތީއެވެ.

" ހިރިޔާގެ ކްރީމް ކޮޅު މި ފެނުނީ" ކާމިޔާބީއާ މެދު ހިތްހަމަޖެހިވަޑައިގެން ރިންޒީ ވިދާޅުވިއެވެ.

ހިރިޔާ ސްކޫލްގެ 2020-2021 ވަނަ އަަހަރުގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވުނު ފާތިމަތު އަނާ ނިޒާމަށް ޝަރަފުވެރިމެހުމާން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު، އިނާމް ހަވާލުކޮށް ދެއްވަނީ- ފޮޓޯ: ހިރިޔާ ސްކޫލް

ރިންޒީ ވިދާޅުވީ ހިރިޔާ ސްކޫލްގެ ހަޤީޤީ ފެންވަރު ދެއްކުމަށް އެ ސްކޫލްގެ ހުރިހާ މުވައްޒަފުން ފާއިތުވި އަހަރުތަކުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ފެނިގެން ހިނގެއްޖެ ކަމަށެވެ.

" މިއީ، މި ސްކޫލްގެ ހަގީގީ ކާމިޔާބީ ފެށޭ ހިސާބަކީ. ދުރާލާ ރޭވިގެން ޓީމެއްގެ ގޮތުގައި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މި ފެނުނީ. ދެން އޮތީ މި ނަތީޖާ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް" ރިންޒީ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ރިންޒީ، ތައުލީމީ ދާއިރާގައި މަސައްކަތް ކުރަވަމުން ގެންދަވާތާ 29 އަހަރުވިއިރު، ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ ހަ އަހަރު ކުރިން ހިރިޔާ ސްކޫލުންނެވެ. މިއީ ރިންޒީއަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސިފަކުރެއްވީ ވެސް އެގޮތަށެވެ.

" އަޅުގަނޑުގެ ތަޢުލީމީ ކެރިއަރުގައި ވެސް ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް. މިފަދަ ކާމިޔާބީއެއް ހޯދަން، ދުރާލާ ޕްލޭންތަކެއް ކުރިން. އަމަލީ ގޮތުން އެކަންތައްތައް ދާ ގޮތް ބަލައި، ގާތުން މޮނީޓާވެސް ކުރިން"

ރިންޒީ ވިދާޅުވީ ހިރިޔާ ސްކޫލާ ހަވާލުވެވަޑައިގަތުމަށް ފަހު އޭރު ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ފެންވަރު ދިރާސާ ކުރެއްވި ކަމަށެވެ. އޭގެ ބޭނުމަކީ އެ ދަރިވަރުންނަށް ބޭނުންވާ ކަންތައްތަކަކީ ކޮބާތޯ ބައްލަވައި ސްކޫލްގެ ފަރާތުން ހައްލުކޮށްދެވޭނެ ކަންތައްތައް ކޮށްދެއްވުމެވެ.

" އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފަހަރު ޓީޗަރުންނާ ބައްދަލުކޮށް، ކޮންމެ ކުއްޖެއްގެ ނަތީޖާއާ މެދު ވަކިވަކިން މަޝްވަރާ ކުރިން. ބޭނުމަކަށްވީ ސާނަވީ އިމްތިޙާނުގައި ނަތީޖާ ނެރޭ ސްކޫލަށް ހިރިޔާ ހެދުން" ރިންޒީ ވިދާޅުވިއެވެ.

ހިރިޔާ ސްކޫލްގައި 1500 އެންހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *