ނާކާމިޔާބީއަކީ ނިމުމެއް ނޫން، ކުރިއަށްދިއުމަށް ދަރިވަރުންނަށް ހިތްވަރުދޭންޖެހޭ!

އަޙްމަދު މުޖާހިދު

މި މަޒުމޫނު ލިޔަން ފެށުމުގެ ކުރިން މިމައުޟޫއާ ގުޅޭގޮތުން ތަޢުލީމީ ދާއިރާގެ ރައްޓެއްސަކާ ވާހަކަ ދައްކާލުމުން އޭނާ ކުރި ދެތިން ސުވާލެއް ލިޔެލާނަމެވެ. ބައިސްކަލް ދުއްވަން ދަސްވީ އެއްފަހަރުވެސް އަރިއަޅާނުލައި ނުވަތަ ނުފުރޮޅި ހެއްޔެވެ؟ ފަތަން ދަސްވީ އެއްވެސްވަރަކަށް ލޮނު ފޮދެއް ނޮބޮވި ހެއްޔެވެ؟ ހިނގަން ދަސްވީ އެންމެ ފަހަރަކުވެސް ނުވެއްޓި ހެއްޔެވެ؟ ހަގީގަތަކީ މިއިން ކޮންމެ ކަމަކީވެސް ކާމިޔާބަށް ކުރާ ދަތުރުގެ މަރުހަލާއެކެވެ. ނާކާމިޔާބަކީ ކާމިޔާބަށް ކޮށޭ މަގެކެވެ. ކޮންމެ ދަރިވަރަކުވެސް ކާމިޔާބީއަށް އުންމީދުކުރާނެއެވެ. އެކުދިން ގަދައަޅާ މަސައްކަތްކޮށް އިމްތިހާންތަކަށް ތައްޔާރުވެ ތަފާތު މުބާރާތްތަކުގައި ބައިވެރިވަނީ ކާމިޔާބަށް ވާސިލްވުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކޮންމެ ފަހަރަކު ކާމިޔާބީއަކީ ހިތް އެދޭ ގޮތަށް ލިބޭ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ނުހަނު ބުރަ މަސައްކަތް ކުރި ކަމުގައިވިޔަސް އިމްތިހާނުން ދަށް ނަތީޖާއެއްވެސް ލިބިދާނެއެވެ. ބައިވެރިވި ކުޅިވަރު މުބާރާތަކުން ވަނައެއްވެސްެ ނުލިބިދާނެއެވެ. އެންމެ އުއްމީދު ކުރި މަގާމުވެސް ހާސިލް ނުކުރެވިދާނެއެވެ. މިއީ ދަރިވަރުންގެ ހިތްވަރު އެލި މާޔޫސްވެދާނެ ކަމެކެވެ. އިތުރަށް ކުރިއަށްދިއުމުގެ ރޫހު ގެއްލިދާނެ ކަމެކެވެ. މާޒީގެ ސަފުހާތަކުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ނާކާމިޔާބީއަކީ ދަތުރުގެ ނިމުން ނޫންކަމެވެ. އެއީ ކަންކަން ދަސްކޮށް އަމިއްލަ ނަފްސު އިސްލާހުކޮށް ކުރިއަށްވުރެ ވަރުގަދަ އަޒުމަކާއެކު އަލުން ތެދުވުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމެވެ.

އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގައި ދަރިވަރުންގެ ކާމިޔާބީ މިނެކިރާ މައިގަނޑު މިންގަނޑަކީ އިމްތިހާނުގެ ނަތީޖާ ކަމުގައި ގިނަ ފަހަރަށް ބެލެވެއެވެ. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގު ވަޒަންކުރެވޭއިރު ނަތީޖާ ދަށްވާ ދަރިވަރުންނަށް މާޔޫސްކަމާއި ލަދުވެތިކަމާއި ނުވަތަ އުންމީދު ގެއްލުމުގެ އިހްސާސްތައް ކުރިމަތިވެއެވެ. ތަޢުލީމީ ގޮތުން ހޯދާ ކާމިޔާބީއަކީ މުހިންމު ކަމެއްކަމާމެދު ޝައްކެއް ނެތް ނަމަވެސް ދަރިވަރެއްގެ ކިބައިގައި ހުންނަ ހުނަރާއި ގާބިލިއްޔަތަކީ ހަމައެކަނި އިމްތިހާނުގެ ނަތީޖާއިން ވަޒަންކުރެވޭނެ އެއްޗެއް ނޫންކަން އަޅުގަނޑުމެން ހަނދާން ބަހައްޓަން ޖެހެއެވެ. ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ތަފާތު ހުނަރުތަކާއި ޝައުގުވެރިވާ ކަންކަން އެކުލެވިގެންވެއެވެ. ނަތީޖާ ދަށްވުމަކީ އެ ދަރިވަރެއްގެ ކިބައިގައި ބުއްދިވެރިކަން ނުވަތަ ކާމިޔާބުވުމުގެ ގާބިލުކަން ނެތްކަމުގެ ދަލީލެއް ނޫނެވެ. އެއީ ކަމެއް ދެނެގަތުމުގައި ނުވަތަ އިސްލާހުކުރުމުގައި ތަފާތު ގޮތަކަށް މަސައްކަތްކުރަން ޖެހިފައިވާކަން އަންގައިދޭ ނިޝާނެކެވެ.

ނާކާމިޔާބީއަކާ ކުރިމަތިވުމަށްފަހު ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަލުން މަސައްކަތް ފެށުމަށް އޮންނަ ބިރުވެރިކަމެވެ. ބައެއް ކުދިންނަށް ތިމާއަކީ ކާމިޔާބު ނުލިބޭނެ މީހެއް ކަމަށް ގަބޫލުކުރެވެން ފަށާއިރު އަނެއްބައި ކުދިން އުނގެނުމަށް ހުންނަ ޝައުގުވެރިކަން މުޅިން ގެއްލިގެންދެއެވެ. "ގްރޯތު މައިންޑްސެޓް" ނުވަތަ ކުރިއަށްދިއުމުގެ ވިސްނުމުގެ މުހިންމުކަން ބޮޑުވަނީ މިފަދަ ހާލަތްތަކުގައެވެ. އެމެރިކާގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ އަދި ތަޢުލީމީ ދާއިރާގެ ދިރާސާވެރިޔާ ކެރޮލް ޑުވެކް (2006) ބަޔާންކުރައްވާ ގޮތުގައި ތިމާގެ ގާބިލުކަމާއި ހުނަރުވެރިކަމަކީ މަސައްކަތްކޮށްގެން ނުވަތަ އުނގެނުމުގެ ތެރެއިން އިތުރަށް ހަރުދަނާކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރާ މީހުން، އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކުރިއެރުމަށް ލިބޭ ފުރުސަތުތަކެއްގެ ގޮތުގައި ބަލައިގަނެއެވެ. އެހެންކަމުން ދަރިވަރުންގެ މިއަދުގެ ނަތީޖާއަކީ މާދަމާގެ ކާމިޔާބީ ނުވަތަ މުސްތަގުބަލު ކަނޑައަޅާ ހަމައެކަނި މިންގަނޑު ނޫންކަން އެކުދިންނަށް ވިސްނައިދޭން ޖެހެއެވެ. "މިއީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން" މިހެން ބުނުމުގެ ބަދަލުގައި، "އިތުރު ހިއްވަރާއި މަސައްކަތާއެކު އަދިއަހަރެންނަށް ވާނެ" މިހެން ބުނުމަށް އެކުދިންނަށް ހިތްވަރު ދޭންޖެހެއެވެ. ވިސްނުމަށް ގެންނަ މި ކުޑަކުޑަ ބަދަލުގެ ސަބަބުން އުނގެނުމާމެދު ދަރިވަރުން ދެކޭގޮތަށް ހެޔޮ ބަދަލެއް އަންނާނެއެވެ. ދަރިވަރުންގެ ކިބައިގައި މިފަދަ ވިސްނުން އަށަގަންނުވުމުގައި އުނގަންނައިދޭ މީހުންގެ ދައުރު ވަރަށް ބޮޑެވެ. މުދައްރިސެއްގެ ބަހާއި އަމަލަކީ ދަރިވަރުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށްދޭ ކަމަކަށް ނުވަތަ އިތުރަށް މަސައްކަތް ކުރުމުގެ ރޫހު މަރާލާފަދަ ކަމަކަށްވެސް ވެދާނެއެވެ. ދަރިވަރަކަށް ކިޔެވުމުގައި ދަށް ނަތީޖާއެއް ލިބޭ ހިނދު އެ ކުއްޖާއަށް ފާޑުކިޔައި ދަށްކޮށްލައި ނުވަތަ އެހެން ކުދިންނާ އަޅާކިޔައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި ދަރިވަރަށް ދިމާވާ ދަތިތައް ދެނެގަނެ ލަފާދީ މަގުދައްކަންވާނެއެވެ.  ތަޢުލީމީ ދާއިރާގެ ދިރާސާވެރިން ކަމުގައިވާ ހެޓީ އަދި ޓިމްޕަރލީ (2007) ގެ ދިރާސާތަކުން ހާމަވާގޮތުގައި އުނގެނުމުގެ ފެންވަރު ރަނގަޅުކޮށް ކާމިޔާބީ ހާސިލުކުރުމަށްޓަކައި އެދެވޭ ގޮތެއްގައި ފީޑްބެކް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ބެލެނިވެރިންނަކީވެސް މިކަމުގައި ހަމަ އެހާމެ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އާއިލާގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަމަކީ ކޮންމެ ކުއްޖަކުވެސް އުއްމީދުކުރާނެ އަދި ބޭނުންވާނެ ކަމެކެވެ. ކޮންމެ ކުއްޖަކުވެސް ތަފާތެވެ. ވިސްނާ ގޮތާއި އުޅޭ އުޅުންވެސް ތަފާތެވެ. ޝައުގުވެރިކަން ހުންނަ ކަންކަމާއި ކުރިއަށް ދާން ބޭނުންވާ ރޮނގުވެސް ތަފާތެވެ. ބެލެނިވެރިން މިކަން ދަންނަންވާނެއެވެ. ކޮންމެ ބެލެނިވެރިޔެއްވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅަކީ ކާމިޔާބު މޮޅު ދަރިވަރަކަށް ވާށެވެ. އެހެންނަމަވެސް ދަރިވަރާމެދު ބެލެނިވެރިޔާ ކުރާ އުއްމީދަކީ ދަރިވަރަށް އިތުރު ޕްރެޝަރަކަށް ނުވަތަ ބިރަކަށް ވެގެންނުވާނެއެވެ. ކުއްޖާއަށް އެންމެ ރަނގަޅު ނަތީޖާއެއް ނުލިބޭ ހާލަތުގައިވެސް ބެލެނިވެރިންގެ ފަރާތުން ރުޅިވެރިކަން ފެނިގެންނުވާނެއެވެ. ބެލެނިވެރިޔާއަށް ކުއްޖާ ކުރާ އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި ކުއްޖާގެ ވާހަކަ އަޑުއަހައި އެފަދަ ނަތީޖާއެއް ލިބެން މެދުވެރިވި ސަބަބުތައް ދެނެގަނެ ހައްލު ހޯދުމަށް ކުއްޖާއާއެކު މަސައްކަތްކުރަންވާނެއެވެ. އާއިލާގެ އެހީތެރިކަމާއި އަޅާލުން ލިބޭ މާހައުލެއް އޮތުމަކީ ކުއްޖާ ކުރިއަށްދިއުމަށް އެންމެ އެހީތެރިވެދޭނެ އެއްކަމެވެ. ދަތި އުނދަގޫ ވަގުތުތަކުގައި ވެސް މައިންބަފައިން އެކުދިންނަށް އިތުބާރުކުރާކަން އެނގުމަކީ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާ ކަމެކެވެ.

އުނގަންނައިދޭ މުއަައްސަސާތަކަކީ ސުވާލުކޮށް އެހީތެރިކަން ހޯދޭނެ ފަދަ މާހައުލަކަށް ވާންޖެހެއެވެ. އުނގަންނައިދޭ މާހައުލަކީ މިދެންނެވިފަދަ ރަނގަޅު މާހައުލެއްނަމަ ކަންކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަމާއި ކެތްތެރިކަމާއެކު އެއްވާނެއްގައި ކުރިއެރުން ހޯދުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އާލާވެއެވެ. އުނގެނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަމާ ގުޅޭގޮތުން  އޮސްޓްރޭލިޔާގެ ތަޢުލީމީ ނަފުސާނީ އިލްމުވެރިން ކަމުގައިވާ މާޓިން އަދި މާޝް (2006) ކުރައްވާފައިވާ ދިރާސާއިން ހާމަވާގޮތުގައި ކިޔަވާ ކުދިންނަށް ކުރިމަތިވާ ދަތިތަކާ ހުރަސްތަކާ ކުރިމަތިލައި އެއިން އަރައިގަތުމަށް އެހީތެރިވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންކަމުން ދަރިވަރުން ހޯދާ މޮޅު ނަތީޖާތައް ފާހަގަކުރާ ފަދައިން ދަރިވަރުން ހޯދާ ކުރިއެރުމާއި ދައްކާ ހިއްވަރާއި ސާބިތުކަންވެސް އަގުވަޒަންކުރަން ޖެހޭނެއެވެ. މިއަދު ދިމާވާ ކަމަކުން ނުވަތަ ކުރިމަތިވި ނާކާމިޔާބީއަކުން އަރައިގަންނަން ދަސްކުރާ ދަރިވަރަކީ މާދަމާ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާ ގަދަ އަޒުމަކާއެކު ކުރިމަތިލާނެ ހަރުދަނާ ފަރުދަކަށް ވެގެންދާނެއެވެ. ކާމިޔާބީއަކީ ދުވަހަކުވެސް ނާކާމިޔާބު ނުވުމެއް ނޫނެވެ. އެހެންކަމުން މިއަދު ދިމާވާ ނާކާމިޔާބީއަކީ މާދަމާގެ ކާމިޔާބީއަށް އޮތް ހުރަހެއް ނޫންކަން ދަރިވަރުންނަށް ބުނެދޭންޖެހެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *