ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕްރައިމް ކެއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ތަޢުލީމީ، ފަންނީ އަދި ވަޒީފާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. ޕްރައިމް ކެއަރ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު މުޙައްމަދު ދީދީއެވެ.

މި ފަހުމުނާމާގެ ދަށުން، ފާމަސީ ދާއިރާއިން އިރުޝާދުގެ ދަށުން ޢަމަލީ ތަމްރީނު ހޯދުމާއި، ފަންނީ ތަޖުރިބާ ހާސިލުކުރުމުގެ އިތުރުން، ދެފަރާތުން އެއްބަސްވާ އެހެނިހެން ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ސަބަބުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މިހާރުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، އަދި ދަސްވެނިންނަށް ފަންނީ ބޭފުޅުންގެ ބެލުމުގެ ދަށުން ފާމަސީގެ ޢަމަލީ މާޙައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތުން މަސައްކަތް ކުރާނީ ހަމަހަމަކަމާއި، އިޙްތިރާމާއި، އަދި ދެފަރާތަށް ލާބަހުރި ގޮތެއްގެ މަތިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އިސްނެގުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޤާބިލު، އަމިއްލަ ނަފްސަށް އިތުބާރު ހުރި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށްޓަކައި، ތަޢުލީމީ މުއައްސަސާތަކާއި ޞިނާޢީ ދާއިރާގެ ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ދެފަރާތުގެ ފާހަގަކޮށްފައިވެއެވެ.

ކިޔަވައިދިނުމާއި ޢަމަލީ ތަޖުރިބާ އެއްކޮށްލުމުގެ ސަބަބުން، ކުރިމަގުގެ ފާމަސީ މަސައްކަތްތެރިންގެ ފަންނީ ތައްޔާރީތައް ވަރުގަދަވެ، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަކީ، ހެލްތު ސައިންސަސްގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި ޤައުމީ ތަރައްޤީއަށް ޚިދުމަތްކުރުމަށްޓަކައި މާނަހުރި ގުޅުންތައް ބިނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު