ލިޔުނީ ހަލީމަތު ނަޖްވާ
ބަހަކީ ހަމައެކަނި މުއާޞަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ؛ އެއީ ޤައުމެއްގެ ސަގާފަތާއި، ތާރީޚާއި، އަމިއްލަވަންތަކަމުގެ މައިބަދައެވެ. ދިވެހިރާއްޖެއަށް ބަލާއިރު، އަޅުގަނޑުމެން ފަޚުރުވެރިވާ އެންމެ ވަރުގަދަ އެއް ބަހާއަކީ މުއްސަނދި އަދި އަދަބީ ގޮތުން ފުރިހަމަ ދިވެހި ބަހެވެ. ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންގެ މެދުގައި މި މާތް ބަސް ބީރައްޓެހިވެ، ތަޢުލީމީ ގޮތުން ދިވެހި ބަހަށް ދަރިވަރުން ދަށްވަމުންދާ މަންޒަރު ފެންނަމުން ދިޔުމެވެ. ގޭތެރެއިންނާއި، މަދަރުސާގެ މާޙައުލުން އަދި މީސްމީޑިއާއިން އިވެނީ ދިވެހި ބަހުގެ ހީނަރުކަމުގެ އަޑެވެ. މިއީ މިއަދު ކޮންމެ ދިވެއްސަކުވެސް ފުންކޮށް ވިސްނައި، ކަންބޮޑުވާންޖެހޭ މުހިންމު މައްސަލައެކެވެ. މިކަމުގެ އަސްލަކީ ކޮބައި ހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަކަށް، ތަޢުލީމީ ނިޒާމުގެ ތެރޭގައި ދިވެހި ބަހަށް ދެވިފައިވާ މަޤާމަށް ބަލައިލަން ޖެހެއެވެ. ޒަމާނީ ތަޢުލީމުގައި އިނގިރޭސި ބަހަކީ ކިޔަވައިދިނުމުގެ މައިގަނޑު މީޑިއަމް ކަމުގައި ވުމުން، ދަރިވަރުންގެ ގިނަ ވަގުތު ހޭދަވަނީ އިނގިރޭސި ބަހަށެވެ. ދިވެހި ބަހާއި އިސްލާމް ފިޔަވައި ހުރިހާ މާއްދާއެއް އިނގިރޭސި ބަހުން ކިޔަވައިދޭއިރު، ދިވެހި ބަސް މިވަނީ ހަމައެކަނި 'އެއް މާއްދާ' ގެ ގޮތުގައި ހަނިވެފައެވެ. ނަތީޖާއެއްގެ ގޮތުން، ދަރިވަރުންގެ ވިސްނުމާއި ޚިޔާލު ފާޅުކުރުމުގެ ބަހަކަށް އިނގިރޭސި ބަސް ވެގެންދާއިރު، ދިވެހި ބަހުން ލިޔުމާއި ވާހަކަދެއްކުމަކީ ބުރަ މަސައްކަތަކަށް ވެގެންދެއެވެ.
ދެވަނަ ސަބަބަކީ ޢާއިލީ އަދި އިޖުތިމާޢީ މާޙައުލެވެ. މިއަދު ގިނަ ގޭބިސީތަކުގައި ކުދިން ވާހަކަދައްކަން ފަށާ އުމުރުން ފެށިގެން ދަސްކޮށްދެވެނީ އިނގިރޭސި ބަހެވެ. މައިންބަފައިން ދެކޭގޮތުގައި ދަރިފުޅު އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަދެއްކުމަކީ މޮޅު އަދި ތަހުޒީބު ކަމެކެވެ. ނަމަވެސް، މާދަރީ ބަސް ނޭނގި ބޭރު ބަހަކަށް މޮޅުވުމަކީ ފަޚުރެއް ނޫންކަން ގިނަ ފަހަރަށް ހަނދާން ނެތެއެވެ. ގޭތެރޭގެ ވާހަކަދެއްކުމުގައި ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސި ނުވަތަ ދެބަސް އެއްކޮށްގެން ވާހަކަދެއްކުމަކީ އާދައަކަށް ވުމުން، ކުދިންގެ ބަހުގެ ބިންގާ އެޅެނީ ބަލިކަށިކޮށެވެ.
މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި މީސްމީޑިއާގެ ނުފޫޒަކީވެސް މައިގަނޑު އެއް ސަބަބެވެ. ކުޑަކުދިން ބަލާ ކާޓޫނުތަކާއި، ވީޑިއޯ ގޭމްތަކާއި، އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގެ ކޮންޓެންޓް ބިނާވެފައިވަނީ ބޭރު ބަސްބަހަށެވެ. ދިވެހި ބަހުން ކުދިން ޝައުޤުވެރިވާ ފަދަ ޑިޖިޓަލް ވަސީލަތްތަކާއި ކުޑަކުދިންގެ ވާހަކަފޮތްތައް މަދުވުމަކީ، ދިވެހި ބަހާ ކުދިން ދުރުވާން މެދުވެރިވާ ސަބަބެކެވެ. ދިވެހި ބަހުން ފޮތް ކިޔުމުގެ އާދަ ނެތުމުގެ ސަބަބުން، ދަރިވަރުންގެ ބަސްކޮށާރު (ވޮކެބިއުލަރީ) އިންތިހާއަށް ފަގީރުވެ، ޖުމްލަ އެކުލަވައިލުމާއި އިމްލާގެ ކުށްތައް އާންމުވެއެވެ.
ހަމައެއާއެކު، ދިވެހި ބަސް ކިޔަވައިދިނުމުގެ އުސޫލުތަކަށްވެސް ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި ބަހަކީ ހަމައެކަނި ގަވާއިދުތަކެއް ދަސްކޮށް، އިމްތިޙާނަކުން ފާސްވާން ކިޔަވާ އެއްޗެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ޝައުޤުވެރި، އަދަބީ ރީތިކަން އެކުލެވޭ ބަހެއްގެ ގޮތުގައި ކުދިންނަށް އުނގަންނައިދޭން ޖެހެއެވެ. ފޫހި ގޮތަކަށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަކީ ދަރިވަރުން އެ މާއްދާއަށް ހުންނަ ޝައުޤު ކެނޑިގެންދާނެ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހި ބަހަށް ދަރިވަރުން ދަށްވުމަކީ ހަމައެކަނި ދަރިވަރުންގެ ނުވަތަ ޓީޗަރުންގެ އިހުމާލެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ ވިސްނުމާ ގުޅިފައިވާ މައްސަލައެކެވެ. މިއަދު އަޅުގަނޑުމެން ހޭނާރައިފިނަމަ، މާދަމާ މި ފަޚުރުވެރި ބަސް ދިރިހުންނާނީ ހަމައެކަނި ތާރީޚީ ފޮތްތަކުގެ ތެރޭގައެވެ. އެހެންކަމުން، ގޭތެރެއިން ފެށިގެން މަދަރުސާތަކާއި މީޑިއާތަކާ ހަމައަށް، ދިވެހި ބަހަށް ލޯބިޖައްސައި، ބަސް ދިރުވައި އާލާކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. ފަޚުރުވެރި ދިވެއްސަކަށް ވެވޭނީ، އަމިއްލަ މާދަރީ ބަހަށް ފަޚުރުވެރިވެގެންނެވެ.
advertisment
ހިޔާލު