ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ތ. ވޭމަންޑޫގައި ގާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ޚާއްޞަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.
24 ނޮވެމްބަރު 2026 ދުވަހު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއާއި ޔުނިވަރސިޓީގެ އިސްވެރިންގެ އިތުރުން، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙް އަދި ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނާއި، ރަށުގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސް ރަށްވެހިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަޙްމަދު ވިދާޅުވީ، ރަށްރަށުގެ އާބާދީތަކާ ވީހާވެސް ގާތުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވައި، ޖިއޮގްރަފީގޮތުން ވަކިވަކިން އުފެދިފައިވާ ރަށްތަކަށް ހަމަހަމަކަމާއެކު ތަޢުލީމީ ފުރުޞަތުތަކާއި ތަރައްޤީ ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ނުހަނު މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި މި ކެމްޕަސް ޤާއިމުކުރެވުމުގެ ސަބަބުން ވޭމަންޑޫއަށާއި ކައިރި ރަށްތަކަށް ދެމެހެއްޓެނިވި ތަރައްޤީ ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހޮސްޓެލްގެ ވަސީލަތްތައް ނެތުމާއި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ދަރިވަރުން އުފުލާ ތަކުލީފުތަކަށް ނިމުމެއް އައިސް، މި ޕްރޮޖެކްޓާއެކު ވޭމަންޑޫ އަދި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލް ނިންމުމަށްފަހު އެކި ދާއިރާތަކުން ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަހައްދުގައި ތިބެގެން ކިޔެވުމަކީ މުޅި ސަރަހައްދަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށާއި، މިއީ އައި.ޔޫ.އެމްގައި ކިޔަވަން އަންނަ ބައިނަލްއަޤްވާމީ ދަރިވަރުންނާ ދިވެހި ދަރިވަރުން ބައްދަލުވެ، ދަރިވަރުންގެ ތަޖުރިބާއާއި ދުނިޔަވީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަންވެސް ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށްދާ ގޮތް ރަށުގެ ރައްޔިތުން ގާތުން ބައްލަވައި، މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުންނާއި ރައްޔިތުން ހިއްސާކުރަން ބޭނުންވާ ކަންކަމުގައި ޔުނިވަރސިޓީއާ މުޢާމަލާތްކުރުމަށް މަރުޙަބާ ކިޔާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވޭމަންޑޫ ކައުންސިލުން ފަހިކޮށްދެއްވި ފުރުޞަތުތަކާއި ވެދެއްވި އެހީތެރިކަމަށްޓަކައި ވައިސް ޗާންސެލަރ ވަނީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.
އައި.ޔޫ.އެމްއިން ވޭމަންޑޫގައި ކެމްޕަހެއް ޤާއިމް ކުރަނީ، ވޭމަންޑޫއިން ހަމަޖައްސައިދީފައިވާ ގާތްގަނޑަކަށް 23,000 އަކަފޫޓުގެ ބިމެއްގައެވެ. މި މަޝްރޫޢުގެ ދަށުން 3 ޢިމާރާތެއް ބިނާކުރާނެއެވެ. އެއީ ކެމްޕަހުގެ މެއިން އަދި އިދާރީ ޢިމާރާތަކާއި، އެކޮމޮޑޭޝަން ޢިމާރާތެއްގެ އިތުރުން ގާތްގަނޑަކަށް 50 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކެމްޕަސް މެއިން އަދި އިދާރީ ޢިމާރާތުގައި ކްލާސްރޫމްތަކާއި، ސެމިނަރ ރޫމަކާއި، މަލްޓިޕަރޕަސް ހޯލަކާއި، ލައިބްރަރީއެއްގެ އިތުރުން އިދާރީ އޮފީހާއި މީޓިންގ ރޫމް ޤާއިމް ކުރާނެއެވެ. އަދި އެކޮމޮޑޭޝަން ޢިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތައް ހިމެނެއެވެ. މީގެ އިތުރުން ޖިމް، އިންޑޯ ރެކްރިއޭޝަން ފެސިލިޓީތައް، ކެމްޕަސް ކެފެޓީރިއާ އަދި ކޮމަން ރޫމްވެސް ގާއިމްކުރާނެއެވެ.
މި ޑިޒައިން-ބިލްޑް މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ. ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ ދޮޅު އަހަރު ދުވަހުގެ މުއްދަތެކެވެ.
advertisment
ހިޔާލު