ޢާއިޝަތު މައިހާ މާހިރު
ކޮންމެ ބޮޑު ކާމިޔާބީއެއްގެ ފަހަތުގައި ވެސް ނުފެންނަ އެތައް ޤުރުބާނީއަކާއި، ކަރުނައާއި، ބުރަ މަސައްކަތްތަކެއް ފޮރުވިފައި އޮވެއެވެ. މިއީ ތ. ގުރައިދޫ، އޯކިޑްމާގެ، މަރްޔަމް ނަޝާ ނަސީމްގެ ޙަޔާތުގެ ޞަފުޙާތަކުން ފެންނަ ޙަޤީޤަތެކެވެ. މެލޭޝިއާގެ މަޝްހޫރު ޓޭލަރސް ޔުނިވަރސިޓީން 2026 ވަނަ އަހަރު މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ފުރިހަމަކޮށް، މުޅި ކޯހުން އެއްވަނަ ހޯދުމުގެ އިތުރުން، މި އަހަރު ރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ހަރުކަށި ބާ އިމްތިޙާނުން އެންމެ މަތީ ދަރަޖަ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2026 ވަނަ އަހަރު ހޯދައިގެން ނަޝާ މިވަނީ ޤާނޫނީ ދާއިރާގައި ފަނޑުވުމެއް ނެތް އުއްމީދީ ދަންމަރެއްގެ ގޮތުގައި ވިދާލާފައެވެ.

ސްކޫލް ދައުރުގައި ޓިއުޝަނަށް ދިޔަ މަގުމަތީގައި ނަޝާގެ ލޮލުގައި އަޅައިގަތީ ސޫޓެއް ލައިގެން، ނުހަނު ފިސާރި ޝަޚްޞިއްޔަތެއްގައި ހުރި އަންހެން ކުއްޖެއްކެވެ. އެ ކުއްޖާ ފެނުމުން މަންމަ ބުނީ މަންމަ ވެސް ބޭނުމީ ނަޝާ އެކަހަލަ ގޮތަކަށް ފެންނަން ކަމަށެވެ. އެ ހިނދު، މަންމަ ގާތުގައި އެއީ ކޮން ދާއިރާއެއްގެ ބައެއްތޯ އެހުމުން މަންމަ ދިން ޖަވާބަކީ "އެއީ ޤާނޫނީ ވަކީލުން" ކަމުގައެވެ.
މަންމަގެ އެ ކުޑަކުޑަ ބަސްކޮޅުން ނަޝާގެ ހިތުގައި ލޯޔަރަކަށް ވުމުގެ ވިންދު ޖަހަން ފެށިއެވެ. އެ ދުވަހަށްފަހު، ޤާނޫނީ ވަކީލަކަށް ވާން ކުރަންޖެހޭ ކަންކަމުގެ ދިރާސާތައް ފެށިއެވެ. ނަމަވެސް، ނަޝާގެ ޢަޒުމަކަށްވީ ހަމައެކަނި ވަކީލެއްގެ ލަޤަބު ހޯދުމެއް ނޫނެވެ. އޭނާ ބޭނުންވީ އެންމެ "މޮޅު" ވަކީލަށް ވާށެވެ.
ނަޝާގެ ތަޢުލީމީ ބިންގާ އެޅުނީ ޖަމާލުއްދީން ސްކޫލުންނެވެ. ގްރޭޑް 1 އިން 7 އަށް އެ ސްކޫލުގައި ކިޔެވުމަށްފަހު، ސާނަވީ ތަޢުލީމު ޙާޞިލުކުރީ އަމީނިއްޔާ ސްކޫލުންނެވެ. އަދި މަތީ ސާނަވީ ސީއެޗްއެސްސީން ނިންމުމަށްފަހު، ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ކިޔެވުމަށް ވިލާ ކޮލެޖާ ގުޅުނެވެ. އަސްލު ބޭނުންވީ ޑިގްރީއަށް ވެސް ރާއްޖެއިން ބޭރަށް ދާށެވެ. ނަމަވެސް އެ ފުރުޞަތު ތަނަވަސްނުވުމުން އަމާޒު ހިފީ މާސްޓާސްއަށް ބޭރަށް ދިޔުމަށެވެ.
ޑިގްރީގެ ދުވަސްވަރަކީ ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެ ވަށާލި ދުވަސްވަރެވެ. ހުރިހާ ކުލާހެއް އޮންލައިންކޮށް ނަގަން ޖެހުމުން، ކޮލެޖްގެ ޙަޤީޤީ އިޙްސާސެއް ނުލިބުނެވެ. އެހެންކަމުން، މާސްޓާސްއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ޝައުޤުވެރިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ.

މާސްޓާސްއަށް މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ ޚިޔާރުކުރި މައިގަނޑު ސަބަބަކީ، އަމިއްލަ ވަޒަނާ ދުރުގައި އުޅޭއިރު ވެސް ގާތްކަމުގެ އިޙްސާސެއް ހޯދުމަށެވެ. އެ ޔުނިވަރސިޓީގައި ދިވެހި ދަރިވަރުން އުޅޭތަން ފެނުމަކީ ނަޝާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.
ނަމަވެސް، ފެށުން އެހާ އޮމާނެއް ނޫނެވެ. ރާއްޖޭގައި ކިޔަވާފައި ދިޔުމުން، އިންޓަނޭޝަނަލް ފެންވަރުގެ އެހެން ޤައުމުތަކުގެ މޮޅެތި ދަރިވަރުންނާ ވާދަކުރެވިދާނެތޯ ހިތުގައި އަމިއްލަ ނަފްސާމެދު ޝައްކު އުފެދުނެވެ. އެކަމަކު، ނަޝާގެ ހިތުގައި އޮތީ ތަފާތު ދަރިވަރަކަށް ވުމުގެ ވަރުގަދަ ޢަޒުމެވެ.
ނަޝާގެ ކިޔެވުމުގެ ތާވަލު އާދަޔާ ޚިލާފެވެ. ކޮންމެ ސެޝަނެއް ރެކޯޑްކޮށް، އެ ރެކޯޑިންގތައް އަޑުއަހައިގެން އަމިއްލައަށް ނޯޓްސް ހަދައެވެ. ދެވަނަ ކުލާހަށް ދާއިރު ކުރީ ކުލާހުގެ ހުރިހާ ބައެއް ފުރިހަމައަށް ރިވައިސްކޮށް، ކޮންމެ ސުވާލަކަށް ވެސް ޖަވާބުދެވޭ މިންވަރަށް ތައްޔާރުވެއެވެ. ލެކްޗަރަރުން ކުރާ ސުވާލުތަކަށް އެންމެ ފަރިތަކޮށް، ޔަޤީންކަމާއެކު ޖަވާބުދޭ އެއް ދަރިވަރަކީ ނަޝާއެވެ.

ބޭރު ޤައުމެއްގައި އެކަނި ދިރިއުޅެމުން ކިޔެވުމުގެ ހުރިހާ ކަމެއް އަމިއްލައަށް ބެލެހެއްޓުމަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންނަމަވެސް، ނަޝާ އެކަން ދުށީ އޭނާގެ ހަރުދަނާކަމާއި ކުރިއަށް ދިއުމަށް ލިބުނު އިތުރު ބާރެއްގެ ގޮތުގައެވެ. ދިރިއުޅުމުގެ އެތައް ކަމެއް އަމިއްލައަށް ދަސްވެ، ނަފްސު އިހުނަށްވުރެ ބާރުވެރިވި ކަމެއްގެ ގޮތުގައެވެ.
ފުރަތަމަ ސެމެސްޓަރުގެ ހުރިހާ މާއްދާއަކުން "އޭ" ފާސް ލިބުމުން ކާމިޔާބީއަށް އުއްމީދު ކުރެވުނު ނަމަވެސް، މުޅި ކޯހުން އެއްވަނަ ލިބުނުކަން ޓީޗިންގ ސުޕަވައިޒަރު މެސެޖަކުން އެންގި ވަގުތަކީ ނަޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭބި ވަގުތެކެވެ. ކުރި ބުރަ މަސައްކަތުގެ މޭވާ ލިބުނުކަމުގެ އިޙްސާސާއެކު އޭނާ އެންމެ ފުރަތަމަ ވެސް ޝުކުރުވެރިވީ އޭނާގެ ލޮބުވެތި ޢާއިލާއަށެވެ.
މާސްޓާސް ނިންމުމަށްފަހު، ލޯ ފާރމަކާ ގުޅި، ފުރިހަމަ ކުރި ތަމްރީނުތަކުގައި ވެސް ނަޝާ ދެއްކީ ނަމޫނާއެކެވެ. މަސައްކަތް ނިންމާލުމަށްފަހު ގެއަށް އައިސް، ކޮންމެ ދުވަހަކު ވަކި ޢަދަދަކަށް ކޭސްތައް ކިޔައި، އޭގެ ޚުލާޞާ ނަގައި ދަސްކުރިއެވެ. މި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރު ބޭއްވި ބާ އިމްތިޙާނުން އެންމެ މަތީ ދަރަޖަ ހޯދި ދަރިވަރުންގެ ލިސްޓަށް ނަޝާގެ ނަން އެރިއެވެ. މިއީ އޭނާގެ ޙަޔާތުގައި ވެސް މިހާތަނަށް ހާސިލުކުރެވުނު އެންމެ ފަޚުރުވެރި އެއް ކާމިޔާބީއެވެ.

ނަޝާގެ ކުރިމަގުގެ އަމާޒަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު ގާނޫނީ ފާރމެއްގައި މަސައްކަތްކޮށް، އެފަދަ ތަނެއް އަމިއްލައަށް ހުޅުވައި ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ޚިދުމަތް އިންޞާފުވެރިކަމާއެކު ފޯރުކޮށްދިނުމެވެ.
މި ދިގު ދަތުރުގައި އޭނާއަށް ވާގިވެރިވި ފަރާތްތަކުގެ މަތިން ނަޝާ ހަނދާން ނައްތައެއް ނުލައެވެ. މަންމަ ނާޒް އަދި ބައްޕަ ނަސީމްގެ އިތުރުން، އެއްބަނޑުއެއްބަފާ ނަހީން، ނަޝްވާން އަދި ދޮންބެ ސުޢޫދުގެ ފަރާތުން ލިބުނު އެއްބާރުލުމެވެ. އަދި ބައިވެރިޔާ ޙައްމާދާއި އޭނާގެ މަސައްކަތުގެ އެކުވެރިންގެ އެހީތެރިކަމަށް ނަޝާ ޝުކުރުވެރިވެއެވެ.
ނަޝާ ޤަބޫލުކުރާ ގޮތުގައި އިންސާނާ ނިސްބަތްވަނީ ކިތަންމެ އާދައިގެ ޢާއިލާއަކަށް ނުވަތަ މާޙައުލަކަށް ކަމުގައި ވިޔަސް، އަޒުމާއެކު ގަދައަޅައި މަސައްކަތް ކޮށްފިނަމަ ހާސިލުނުވާނެ ހުވަފެނެއް ނޯންނާނެއެވެ. އެއްވެސް ޙާލެއްގައި ހިތްވަރު އެލުވާލައިގެން ނުވާނެއެވެ.

"އެންމެ މުހިންމު ކަމަކީ ފަސް ވަގުތު ނަމާދުކޮށް، ހުރިހާ ކަމެއްގައި ވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން. ދީންވެރިވުމަކީ ހަޤީޤީ ކާމިޔާބީގެ ތަޅުދަނޑި،" ނަޝާ ބުންޏެވެ.
ނަޝާގެ މި ބަސްކޮޅަކީ މިއަދުގެ ކޮންމެ ޒުވާނަކު ވެސް ހިތުގައި ބިންވަޅު ނަގަންވީ އަގުހުރި ނަޞޭޙަތެކެވެ.

ނަޝާގެ މި ފަޚުރުވެރި ކާމިޔާބީއަކީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށް ލިބުނު ޝަރަފެއް ނޫނެވެ. މިއީ މުޅި ރާއްޖެއަށާއި، ވަކިން ޚާއްޞަކޮށް ޤާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ދެއްކި އަގުހުރި މިސާލެކެވެ. ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގައި ވަކި ހައްދެއް ނެތްކަން ނަޝާ ވަނީ އޭނާގެ ޢަމަލުން ސާބިތުކޮށްދީފައެވެ.
advertisment
ހިޔާލު