ސީ.އެފް.އެސް އިން "ނޯ ޔޯ ޔުނިވަރސިޓީ" ހަރަކާތުގެ ތެރެއިން ފައުންޑޭޝަން ސްޓަޑީޒްއާ ބެހޭ ހޭލުންތެރިކަން އިތުރުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ކުރިއަށްގެންދާ "ނޯ ޔޯ ޔުނިވަރސިޓީ" އިސްނެގުމުގެ ދަށުން، "ޑިސްކަވަރ ސީ.އެފް.އެސް: ދަ ފައުންޑޭޝަން ބިހައިންޑް އެވްރީ ގްރެޖުއޭޓް" މި ޝިއާރުގެ ދަށުން ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ޚާއްސަ ހަރަކާތްތަކެއް 10 ސެޕްޓެމްބަރު 2026 ގައި ބާއްވައިފިއެވެ. މި ހަރަކާތަކީ ދަރިވަރުންގެ ކާމިޔާބީއަށާއި އެކަޑެމިކް ފެންވަރު މަތިކުރުމުގައި ފައުންޑޭޝަން ސްޓަޑީޒް އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ހަރަކާތެކެވެ.

ސީ.އެފް.އެސް އިމާރާތުގައި ބޭއްވުނު މި ހަރަކާތުގައި، އެ ސެންޓަރުން ހިންގާ ޕްރޮގްރާމްތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން ޔުނިވަރސިޓީގެ ތައުލީމީ މަގްސަދުތައް ހާސިލުކުރުމަށް އެ ސެންޓަރުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މިގޮތުން، މަތީ ތައުލީމުގެ ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކޮށްދީ، ޑިގްރީ ޕްރޮގްރާމްތަކަށް ބަދަލުވުމުގައި ފައުންޑޭޝަން މަރުހަލާގެ މުހިންމުކަން އޮޅުންފިލުވައިދިނުމަށް ތަފާތު ސްޓޭޝަންތަކާއި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގެ ތެރެއިން ފާހަގަކޮށްލެވުނު "ޑިޖިޓަލް ޑިސްކަވަރީ ވޯލް" މެދުވެރިކޮށް، ސީ.އެފް.އެސްގެ އެކަޑެމިކް އަދި އިދާރީ މުވައްޒަފުންނާއި، ލިބެންހުރި ޕްރޮގްރާމްތަކާއި، ދަރިވަރުންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ޑިޖިޓަލްކޮށް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން "ސްޓޫޑަންޓް ޖާރނީ މެޕް" މެދުވެރިކޮށް، ސާނަވީ ތައުލީމަށްފަހު ފައުންޑޭޝަން މަރުހަލާ ނިންމައި، ޑިގްރީއާ ހަމައަށް ދަރިވަރުން ކުރާ ދަތުރާއި، ވަޒީފާގެ މައިދާނަށް ނުކުތުމާ ހަމައަށް ތަރައްގީވާ މުހިންމު ހުނަރުތައް ދައްކާލާފައިވެއެވެ. މީގެ ތެރޭގައި ފާޑުކިއުމާއެކު ވިސްނުމާއި، މުާމަލާތުކުރުމުގެ ހުނަރާއި، ގުޅިގެން މަސައްކަތްކުރުމާއި، ދިރާސާކުރުމުގެ ހުނަރުގެ އިތުރުން އުމުރަށް އުނގެނުމުގެ މުހިންމުކަން ހިމެނެއެވެ.

ބައިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި "ފައުންޑޭޝަން މިތު ބަސްޓާސް" ފަދަ ހަރަކާތްތައް ކުރިއަށްގެންގޮސް، ފައުންޑޭޝަން ތައުލީމާ މެދު އާންމުކޮށް ހުންނަ ކުށްހީތައް ސާފުކޮށްދީފައިވެއެވެ. އަދި "ސީ.އެފް.އެސް ކޮލަބްރޭޝަން ކެފޭ" ގައި ދަރިވަރުން ތައުލީމަށް ތައްޔާރުކުރުމާ ބެހޭގޮތުންނާއި، އެކި ފެކަލްޓީތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. "ރިފްލެކްޝަން ވޯލް" މެދުވެރިކޮށް ބައިވެރިންގެ ޚިޔާލާއި ފާޑުކިޔުން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތްތަކުގައި ބައިވެރިވެ "އެކްޓިވިޓީ ޕާސްޕޯޓް" ފުރިހަމަކުރި ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، އިނާމު ވެސް ވަނީ ދީފައެވެ.

މި އިސްނެގުމަކީ "ވަން އެމް.އެން.ޔޫ" ނުވަތަ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާކޮށް، ޔުނިވަރސިޓީގެ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ސީ.އެފް.އެސް އަކީ އެމް.އެން.ޔޫގެ ތައުލީމީ ބިންގާކަން ހާމަކޮށްދީ، ދަރިވަރުންގެ މުޅި ތައުލީމީ ދަތުރުގައި އެ ސެންޓަރުން ދޭ އެއްބާރުލުން މި ހަރަކާތުން ވަނީ އަންގައިދީފައެވެ.

މި ހަރަކާތަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑި (ކޮލިޓީ އެޑިއުކޭޝަން) އާއި 17 ވަނަ ލަނޑުދަނޑި (ޕާޓްނަރޝިޕްސް ފޯ ދަ ގޯލްސް) އާ ގުޅުންހުރި ކަމެކެވެ. މިއީ މަތީ ތައުލީމުގެ މަގުތައް ސާފުކޮށްދީ، ހަމަހަމަ ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ޔުނިވަރސިޓީގެ އެކި ދާއިރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކޮށް ގުޅުން ބަދަހިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. ސީ.އެފް.އެސް އިން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *