ޔޫ.އޭ.އީ އެމްބަސީ އާއި އެމް.އެން.ޔޫ ގުޅިގެން 2026 ވަނަ އަހަރުގެ އިމިރާތީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އިމިރޭޓްސް (ޔޫ.އޭ.އީ) ގެ އެމްބަސީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން، "އަޅުގަނޑުމެން ކުރިއަށްދަނީ އިތުރު ވަރުގަދަކަމާއި ފުރިހަމަކަމާއެކު" މި ޝިއާރުގެ ދަށުން، 2026 ވަނަ އަހަރުގެ އިމިރާތީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

މި ހަފުލާގައި ޔޫ.އޭ.އީ އެމްބަސީ އާއި، އެމް.އެން.ޔޫ އަދި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އިމިރާތީ އަންހެނުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އަންހެނުންގެ އިސްނެގުމާއި، ތައުލީމާއި އަދި ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލުމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، 1978 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ އާއި ޔޫ.އޭ.އީ އާ ދެމެދު އޮތް ގާތް ސިޔާސީ ގުޅުމާއި ރަހުމަތްތެރިކަމުގެ މައްޗަށް ބަޔާންކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ބައިވެރިވުމާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަފުލާގެ މައި ތަގުރީރު އިއްވަވައިދެއްވަމުން، ޔޫ.އޭ.އީ އެމްބަސީގެ ޗާޖް ޑި އެފެއާޒް، ހީބާ އަލްޖުނައިބީ ވަނީ، ޔޫ.އޭ.އީގެ ބާނީ އައްޝައިޚް ޒައިދު ބިން ސުލްތާން އައްނަހްޔާންގެ ތަސައްވުރާއި، އައްޝައިޚް މުޙައްމަދު ބިން ޒައިދު އައްނަހްޔާން އަދި އައްޝައިޚާ ފާތިމާ ބިންތި މުބާރަކްގެ އިރުޝާދުގެ ދަށުން އިމިރާތީ އަންހެނުން ހޯދަމުންދާ އިންގިލާބީ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން، ޔޫ.އޭ.އީގެ ސިޔާސީ އަދި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ދައުރު ބޮޑުކަން މި ހަފުލާގައި ފާހަގަކުރެވުނެވެ. އެގޮތުން ފެޑަރަލް ނޭޝަނަލް ކައުންސިލްގެ ގޮނޑިތަކުގެ 50 އިންސައްތަ އަންހެނުން ފުރަމުންދާއިރު، ކެބިނެޓްގެ 37 ވަޒީރުންގެ ތެރެއިން 9 މަގާމަކީ އަންހެން ބޭފުޅުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ ޒުވާން އަންހެން ވަޒީރު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ކާމިޔާބީތަކުން ހާމަވަނީ ގައުމީ ތަރައްގީގައި އަންހެނުންނަށް މާނަހުރި ގޮތެއްގައި ބައިވެރިވެވޭނެ ފަހި މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމެވެ.

އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ އާއި ރާއްޖޭގައި ވެސް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ކުރިއެރުމަކީ ހަމައެކަނި ފަރުދީ ކާމިޔާބީއެއް ނޫންކަމާއި، އެކަކު އަނެކަކަށް އެހީތެރިވެ، ފުރުސަތުތައް ފަހިކޮށްދީ، ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.

މި ހަރަކާތަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، ޖިންސީ ހަމަހަމަކަމާ ގުޅޭ 5 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް ބާރުއަޅާ ހަރަކާތެކެވެ. ހަމައެހެންމެ، މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުން 4 ވަނަ ލަނޑުދަނޑި ކަމަށްވާ ފެންވަރު ރަނގަޅު ތައުލީމަށް މަގުފަހިވެ، ތަފާތުކުރުންތައް ކުޑަކުރުމުގެ 10 ވަނަ ލަނޑުދަނޑިއަށް ވެސް މިކަމުގެ ސަބަބުން އެހީތެރިވެދެއެވެ. ޔޫ.އޭ.އީ އެމްބަސީ އާއި އެމް.އެން.ޔޫގެ މި ބައިވެރިވުމަކީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ 17 ވަނަ ލަނޑުދަނޑި ރަމްޒުކޮށްދޭ ކަމެކެވެ.

އެމްބަސީގެ ފަރާތުން ވަނީ ދިވެހި އަންހެނުންގެ އިސްނެގުމާއި ކުރިއެރުން ފާހަގަކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، ތައުލީމީ ފުރުސަތުތައް ފުޅާކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފައެވެ. މި ހަފުލާއަކީ ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރުމުގެ އިތުރުން، އެންމެން ހިމެނޭ އަދި ހަމަހަމަ މުސްތަގުބަލެއް ބިނާކުރުމަށް ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *