އަމީނިއްޔާ ސްކައުޓް ގްރޫޕް ރީބްރޭންޑް ކޮށްފި

އަމީނިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕް ރީބްރޭންޑްކޮށްފިއެވެ.

ރީބްރޭންޑް ކުރީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ހަވީރު އެސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްކައުޓް ގްރޫޕް ރީބްރޭންޑް ކޮށްދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އަދި ސްކައުޓް ގްރޫޕްގެ ގްރޫޕް ސްކައުޓް ލީޑަރ ރިންޒީ އިބްރާހީމް ވަޙީދެވެ.

ރީބްރޭންޑް ކުރުމާއެކު އަމީނިއްޔާ ސްކައުޓް ގްރޫޕްގައި ފާއިތުވި 18 އަހަރު ދުވަހު ބޭނުންކުރެވެމުން އައި ސްކައުޓް ލޯގޯއާއި، ދިދައިގެ އިތުރުން ސްކައުޓް ސްކާފްވެސް ވަނީ ބަދަލު ކުރެވިފައެވެ. މި ބަދަލާއެކު ތަޢާރަފު ކުރެވުނު އައު ލޯގޯއަކީ އަމީނިއްޔާ ސްކޫލްގެ ބާނީ، ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީއަށް ނިސްބަތް ކުރެވޭ އޯކިޑު މަލެއްގެ ސިފަތައް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއެކެވެ. އައު ލޯގޯގައި ހިމެނޭ އެކި ވަރުގެ ރޮނގުތަކުން ރަމްޒުކޮށްދެނީ ތަފާތު ޤާބިލިއްޔަތު ހުންނަ ކުދިންގެ ޝާމިލްވުމެވެ. އަދި ލޯގޯގައި ހިމެނޭ ރޮނގުތައް، އެއް ރޮނގު އަނެއްރޮނގާ ނުޖެހި ހުންނަ ހުރުން ރަމްޒުކޮށްދެނީ ކޮންމެ ސްކައުޓަކީވެސް އަމިއްލަ ކުރިއެރުމަށްޓަކައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަޠު ފަހިވެފައިވާ ކުއްޖެއްކަމެވެ. އަދި ހުނަރުތައް ހޯދައި ތަފާތު ތަޖުރިބާތައް ލިބިގަތުމަށާއި، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް އަމީނިއްޔާ ސްކައުޓް ގްރޫޕްގެ މެންބަރުންނަން އެއްވެސް ހިފެހެއްޓުމެއް، ހުރަހެއް ނެތި މަސައްކަތް ކުރެވޭނެކަންވެސް މި ލޯގޯއިން ރަމްޒުކޮށްދެއެވެ.

ސްކައުޓް ގްރޫޕް ރީބްރޭންޑް ކުރުމާއި، އަލަށް ސްކައުޓް ޙަރަކާތާ ގުޅުނު ސްކައުޓުންނާއި ކަބް ސްކައުޓުން ވަޢުދުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކައުޓް ގްރޫޕްގެ ރަސްމީ ލަވަވެސް ވަނީ ތަޢާރަފު ކޮށްފައެވެ. އަދި އެ ސްކޫލްގެ ސްކައުޓުން، ކަބް ސްކައުޓުން އަދި ލީޑަރުން ބޭނުން ކުރުމަށް ދެނަމްބަރު ޔުނީފޯމެއްގެ ގޮތުގައި ސްކައުޓް ލޯގޯޖެހި ޓީޝާޓްވެސް ވަނީ ތަޢާރަފު ކޮށްފައެވެ.

ސްކައުޓުންނާއި ކަބް ސްކައުޓުން ވަޢުދުވުމާއި، ރީބްރޭންޑް ކުރުމަށް ބޭއްވުނު ޙަފްލާގައި އަމީނިއްޔާ ސްކޫލްގެ އިސްވެރިންގެ އިތުރުން ދަ ސްކައުޓް އެސޯސިއޭޝަންގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *