ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ތިރީހާ އިންސްޓިޓިއުޝަންގެ މުދައްރިސުންނަށް އަމާޒުކޮށްގެން ފަންނީ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމުގައި އިސްލާމް އަދި ގުރުއާން ކިޔަވައިދޭ ގާތްގަނޑަކަށް 80 އަންހެން މުދައްރިސުން ބައިވެރިވިއެވެ.
މި ސެޝުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދިޔައީ، ބައިވެރިންގެ ރޫހާނީ ދިރުމަށާއި ފަންނީ މަސައްކަތުގެ މައްޗަށެވެ. "އިފެކްޓިވް ކޮމިއުނިކޭޝަން އެންޑް ޓީމް ބިލްޑިންގ" (މުއާމަލާތްކުރުމާއި ގުޅިގެން މަސައްކަތްކުރުން) އާ ގުޅޭ ވޯކްޝޮޕެއް މި ޕްރޮގާރާމުގެ ތެރެއިން މިއަދު ހެނދުނު ކުރިއަށް ގެންދިޔައެވެ. މި ސެޝަނުގައި އެކި ހަރަކާތްތަކާއި މަޝްވަރާތަކުގެ އެހީގައި، ސާފުކޮށް މުއާމަލާތްކުރުމުގެ މުހިންމުކަމާއި، އަޑުއެހުމުގެ ހުނަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، ކިޔަވައިދޭ މާހައުލު ރަނގަޅުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މެންދުރުފަހުގެ ސެޝަން ހާއްސަކުރެވުނީ "އިސްލާމް އަދި ގުރުއާން މާއްދާތައް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ހަރުދަނާ އުކުޅުތަކާ" ބެހޭގޮތުންނެވެ. މި ސެޝަން ނަންގަވައިދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސީނިއާ ލެކްޗަރާ މުހައްމަދު ރިޔާޒެވެ. މި ވޯކްޝޮޕުގައި ދަރިވަރުންނަށް މަރުކަޒުކޮށްގެން ކިޔަވައިދޭނެ ގޮތްތަކާއި، ކްލާސްރޫމުގައި ބޭނުންކުރެވޭނެ އަމަލީ އުކުޅުތަކާއި، ކުދިންގެ ޝައުގުވެރިކަން އިތުރުކުރާނެ ގޮތްތަކަށް އޭނާ ބަލާލާފައިވެއެވެ. މީގެ އިތުރުން، މިހާރު ކިޔަވައިދޭ ގޮތްތަކާ މެދު ވިސްނައި، އައު އުކުޅުތައް ބޭނުންކުރާނެ ގޮތް ކިޔާދީފައިވެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ މުދައްރިސުންގެ ފަންނީ ކުރިއެރުމަށާއި ތައުލީމީ ފެންވަރު މަ
މަތިކުރުމަށް ގައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މުދައްރިސުންނަށް ބޭނުންވާ އިލްމާއި ހުނަރު ފޯރުކޮށްދިނުމުގެ މަގްސަދަކީ، ބަދަލުވަމުންދާ ތައުލީމީ ނިޒާމުގެ ބޭނުންތަކަށް މުދައްރިސުން އަހުލުވެރިކުރުވުމެވެ.
advertisment
ހިޔާލު