އިންފެކްޝަން ކޮންޓްރޯލްކުރުމުގައި އެމްއެންޔޫގެ ތަޖުރިބާ ސީޕީޑީ ސެޝަންގައި ހިއްސާކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން އިސްނަގައިގެން، "އެޑްވާންސިންގ އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" ގެ ނަމުގައި ކުރިއަށްގެންދިޔަ ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ސެޝަނެއް، 29 އޯގަސްޓް 2026 ގައި ސްްރީލަންކާގެ ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން (އެލް.އާރް.އެޗް) ގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ސެޝަންތައް ކުރިއަށްގެންދިއުމަށްޓަކައި އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ފަންނީ މުވައްޒަފުން ކޮލަމްބޯއަށް ދަތުރުކޮށް، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ދާއިރާއިން އެ ބޭފުޅުންގެ ތަޖުރިބާއާއި ފަންނީ މަޢުލޫމާތު ސިއްޙީ ދާއިރާގެ ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ސްރީލަންކާ އިންޓެންސިވް ކެއަރ ނާސަސް އެސޯސިއޭޝަނާއި، ކްރިޓިކަލް ކެއަރ ނާސިންގ އެސޯސިއޭޝަން އޮފް ނޭޕާލްގެ އިތުރުން އިންފެކްޝަން ކޮންޓްރޯލް ސޮސައިޓީ އޮފް ނޭޕާލްއާ ގުޅިގެންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ފެންވަރުގައި ސިއްޙީ ޚިދުމަތްތެރިން އެއްތަންކޮށް، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ދާއިރާއިން އެ ބޭފުޅުންގެ މަޢުލޫމާތާއި ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. މި ޕްރޮގްރާމުގައި ސްރީލަންކާގެ 130 ބައިވެރިން އަމަލީގޮތުން ބައިވެރިވިއިރު، ނޭޕާލް، ފިލިޕީންސް، ބަންގްލަދޭޝް އަދި ޕާކިސްތާނުން 80 އަށްވުރެ ގިނަ ބައިވެރިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

މި ހަރަކާތަކީ މަޢުލޫމާތު ބަދަލުކުރުމާއި، ފަންނީ ކުރިއެރުމުގެ އިތުރުން ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. މީގެ ސަބަބުން ސިއްޙީ ޚިދުމަތްތެރިންނަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ބަލިތައް ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.

މި އިސްނެގުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑި (އިތުބާރުހުރި ތަޢުލީމު) ޙާޞިލުކުރުމަށްޓަކައި، މެދުނުކެނޑި ފަންނީ ތަމްރީނު ފޯރުކޮށްދިނުމަށާއި ސިއްޙީ ޚިދުމަތްތެރިންގެ ހުނަރު ކުރިއެރުވުމަށް އެމް.އެން.ޔޫ އިން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީގެ 3 ވަނަ ލަނޑުދަނޑި (ދުޅަހެޔޮކަމާއި މީހުންގެ މަންފާ) ޙާޞިލުކުރުމަށް ބާރުލިބެއެވެ. އެއީ އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ދާއިރާއިން ސިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކޮށް، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭތީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *