"އިންޑިއާ ކަނޑުގެ ހައިޑްރޯގްރަފީ: ސްރީލަންކާގެ ތަޖުރިބާ އާއި ބްލޫ އިކޮނޮމީ" މި މައުޟޫއަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ވަނީ ސެމިނާއެއް ބާއްވާފައެވެ. މި ސެމިނާގައި ދާއިރާގެ މާހިރުންނާއި، ސަރުކާރުގެ އިދާރާތަކާއި، ސަލާމަތީ ބާރުތަކާއި، އިލްމީ ބޭފުޅުންގެ އިތުރުން ދިރާސާކުރާ ދަރިވަރުން ބައިވެރިވެ، ދެމެހެއްޓެނިވި ބްލޫ އިކޮނޮމީއެއް ބިނާކުރުމުގައި ހައިޑްރޯގްރަފީގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެމް.އެން.ޔޫގެ ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް (އެސް.އެސް.އެސް.އެސް) އިން އިންތިޒާމުކުރި މި ސެމިނާގައި މައިގަނޑު ތަގުރީރު ކުރެއްވީ ސްރީލަންކާގެ ރިޓަޔަރޑް ރިއަރ އެޑްމިރަލް ވައި.އެން. ޖަޔަރަތުނައެވެ. އޭނާގެ ތަގުރީރުގައި، ހައިޑްރޯގްރަފީގެ ދާއިރާ ސްރީލަންކާގައި ތަރައްގީކޮށް، އެކަމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގައި ހޯދާފައިވާ ތަޖުރިބާތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

މި ސެމިނާ ފައްޓަވައިދެއްވައި މަރުހަބާ ދެންނެވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝަހީނާޒް އާދަމެވެ.
ޝަހީނާޒްގެ ވާހަކަފުޅުގައި ޔުނިވަރސިޓީގެ ތައުލީމީ، ދިރާސީ އަދި އިސްތިރާޖީ މަސައްކަތްތަކުގައި ހައިޑްރޯގްރަފީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ބްލޫ އިކޮނޮމީގެ އަމާޒުތަކާ ހައިޑްރޯގްރަފީއާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ގައުމީ ފެންވަރުގައި ހައިޑްރޯގްރަފީގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާގެ ތަޖުރިބާއިން ދަސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރިއަރ އެޑްމިރަލް ޖަޔަރަތުނަގެ ތަ ގުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ހައިޑްރޯގްރަފީއަކީ އެކި ދާއިރާތަކާ ގުޅިފައިވާ މަސައްކަތެކެވެ. އަދި އޭގެ ސަބަބުން ލިބޭ މަޢުލޫމާތުތަކަކީ ހަމައެކަނި އިސްތިރާޖީ ނުވަތަ ސަރުކާރުގެ ބޭނުންތަކަށްވުރެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ތަކެތިކަން ބަޔާންކުރެއްވިއެވެ. މި މަޢުލޫމާތުތަކަކީ ސަރުކާރުތަކާއި، ދިރާސާކުރާ އިދާރާތަކާއި، ޔުނިވަރސިޓީތަކުގެ އިތުރުން ކަމާގުޅޭ އެހެނިހެން ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި މަޢުލޫމާތުތަކެއްކަން ފާހަގަކުރައްވައި، މި ދާއިރާއަށް ޒުވާނުން ނުކުތުމަށް އޭނާ ބާރުއެޅުއްވިއެވެ.
މި ސެމިނާގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ގައުމީ ސަލާމަތާއި، ދިރާސާކުރުމާއި، ތިމާވެށި ބެލެހެއްޓުމުގެ އިތުރުން ކަނޑުގެ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ހައިޑްރޯގްރަފީ އަދާކުރާ ދައުރާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މީގެ އިތުރުން، ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ބޭނުންވާ ފަންނީ އިލްމު ކުރިއެރުވުމާއި، ގައުމީ ފެންވަރުގައި މިދާއިރާގެ ގާބިލުކަން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.
މި ސެމިނާގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރުގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ މަންދޫބުންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
advertisment
ހިޔާލު