އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް ރާއްޖޭގައި ފަށައިފި

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް އައިއީޓީސީ 2026 ރޭ ފަށައިފިއެވެ.

މިއީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

ތުލުސްދޫގައި ކުރިއަށް ގެންދިޔަ މި ކޭމްޕު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާއެވެ.

މިއީ މި ކޭމްޕް ކުރިއަށް ގެންދާ 4 ވަނަ އަހަރެވެ. މި ކޭމްޕުގެ މި އަހަރުގެ ޝިޢާރަކީ "އެޑްވާންސިންގ އިސްލާމިކް އިކޮނޮމިކްސް ފޯރ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް"އެވެ.

އައިޔޫއެމްއިން ބުނެފައިވާ ގޮތުގައި، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕުގައި، ޒަކާތާއި ވަޤުފާއި އިސްލާމިކް ސޯޝަލް ފައިނޭންސް ފަދަ އިސްލާމީ އިޤްތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ އަދި ނާޒުކު އިޤްތިޞާދުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ޝާމިލު ކުރިއެރުން ހޯދޭނެ ގޮތްތަކާ މެދު ބައިވެރިން ދިރާސާކުރާނެއެވެ.

އިސްލާމިކް އިކޮނޮމިކްސް ކޭމްޕަކީ އިސްލާމިކް އިކޮނޮމިކްސްގެ އުސޫލުތަކާއި އެޕްލިކޭޝަންތަކާއި މިއަދުގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅުން ހުރި ކަންކަން ދިރާސާކުރުމަށް ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭއްވޭ ކޭމްޕެކެވެ.  މި ކޭމްޕްގެ މަގުސަދަކީ އެތިކަލް ފައިނޭންސް، ޒިންމާދާރު އިގްތިސާދީ ނިންމުންތައް ނިންމުމާއި، އިޖުތިމާއީ އިންސާފާއި، މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބަހާލުން ފަދަ ކޮންސެޕްޓްތަކާ މެދު ބައިވެރިންނަށް ވިސްނުން އިތުރުކުރުމެވެ.

އިންޓަރެކްޓިވް ސެޝަންތަކާއި، މަޝްވަރާތަކާއި، ހަރަކާތްތަކާއި، އަމަލީ މިސާލުތަކުގެ ތެރެއިން ބައިވެރިންނަށް އިސްލާމީ އިގްތިސާދީ އުސޫލުތައް ހަގީގީ ދުނިޔޭގެ މައްސަލަތަކާ ގުޅުވައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ފާޑުކިޔުންތެރި ވިސްނުމާއި ޓީމް ވޯކް އާއި އިސްލާމީ އިގްތިސާދުން ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ގޮތްތަކުގެ އަގުވަޒަން ކުރުމަށް ވެސް މި ކޭމްޕުގައި ހިތްވަރު ލިބިގެންދާނެ އެވެ. ޖުމްލަކޮށް ބަލާއިރު، މި ޕްރޮގްރާމްގައި ބައިވެރިންނަށް ތައުލީމީ، ޕްރޮފެޝަނަލް، އަދި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ޢިލްމާއި ވިސްނުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް ވިދާޅުވީ، ޤައުމެއްގެ ތަރައްޤީ، އިސްލާމީ އިޤްތިޞާދީ އަޚްލާޤީ އޮނިގަނޑެއްގެ ތެރެއިން ހިންގޭ ނިޒާމަކަށް ހެދުން މުހިންމު ކަމަށެވެ.

އައިއައިޔޫއެމްގެ ވައިސް ޑިރެކްޓަރ އޮފް ރިސާރޗް އެންޑް އިނޮވޭޝަން، ޕްރޮފެސަރ މުޙައްމަދު އަސްލަމް ރޭ ވިދާޅުވީ، އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް  އަމާޒަކީ އިސްލާމީ އިޤްތިޞާދީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމެވެ. މި ކޭމްޕުން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކުރުމަށް އޭނާ ވަނީ ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *