ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމް.ޕީ.އޭ) އާ ދެމެދު، ރާއްޖޭގެ ޞިއްޙީ ދާއިރާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގުޅުމެއް ޤާއިމުކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ދިމާކޮށް، 2026 ސެޕްޓެމްބަރު 8 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ފިޒިއޮތެރަޕީގެ ތަޢުލީމާއި، ފަންނީ ހުނަރުވެރިކަމާއި، ދިރާސާކުރުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މިއީ ރާއްޖޭގެ ފިޒިއޮތެރަޕީ ދާއިރާ ކުރިއަރުވައި، މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ރިހެބިލިޓޭޝަން ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތަކާއި، ރިހެބިލިޓޭޝަންގެ ބޭނުންތަކާއި، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ފިޒިއޮތެރަޕީއަކީ ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ރައްކާތެރިވުމާއި، މީހާގެ ހަރަކާތްތެރިކަން ދެމެހެއްޓުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ.

މި ފަހުމުނާމާގެ ދަށުން، އެމް.އެން.ޔޫ އާއި އެމް.ޕީ.އޭ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގެ ފިޒިއޮތެރަޕީ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. އަދި މިދާއިރާއިން ޤާބިލު ދިވެހި ފަންނުވެރިން ބިނާކުރުމަށާއި، މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި، ދިރާސާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް މި ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްކުރުމަކީ މި ފަހުމުނާމާގެ އެއް އަމާޒު ކަމަށް އެމްއެންޔޫއިން ބުނެއެވެ. މީގެ ސަބަބުން، ދިމާވާ ގޮންޖެހުންތައް ކުޑަވެ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަކީ ރާއްޖޭގެ ފިޒިއޮތެރަޕީ ދާއިރާގެ މުސްތަޤުބަލު އުޖާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ދެ މުއައްސަސާއިން ޝުކުރު އަދާކުރެއެވެ. އެމް.އެން.ޔޫ އާއި އެމް.ޕީ.އޭ ގެ އުއްމީދަކީ ގުޅިގެން ކުރެވޭ މި މަސައްކަތުން ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެ، ހުނަރުވެރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމެވެ.
advertisment
ހިޔާލު