53ވަނަ އަހަރީ ދުވަހު، "އެމްއެންޔޫ ވިތު ޔޫ" ހެލްޕްލައިން އިފުތިތާޙުކޮށްފި

ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރެއްވި ކަމަކީ ދަރިވަރުންނާއި، މުވައްޒިފުންނަށް އުނގެނުމާއި، މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ ދުޅަހެޔޮ މާހައުލެއް ޤާއިމްކޮށްދިނުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 53 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ކުރިއަށް ގެންދިޔައީ ހެންވޭރު ދަނޑުގައެވެ. މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން "އެމްއެންޔޫ ވިތް ޔޫ" (1558) ފަސްޓް ރެސްޕޮންސް ސަޕޯޓް ލައިން އިފްތިތާޙު  ކޮށްފިއެވެ.

ހެލްޕްލައިން އިފްތިތާޙުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

1558  މި ހެލްޕް ލައިނުގެ ސަބަބުން، ކޮންމެ ދަރިވަރަކާއި ކޮންމެ މުވައްޒިފަކަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދެވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި ހެލްޕްލައިން އިފްތިތާޙުކޮށްދެއްވައި، ވައިސް ޗާންސެކަރު ޑރ. ޝެހެނާޒު ވިދާޅުވީ، މުވައްޒިފުންނާއި ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ވަސީލަތެކެވެ. މިއީ ޔުނިވާރސިޓީގެ ދަރިވަރުންނާއި މުވައްޒިފުންނާއެކު އެމްއެންޔޫ އަބަދުވެސް ވާކަމުގެ ޔަޤީންކަން ލިބޭނެ ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

53ވަނަ އަހަރީ ދުވަހުގައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްޞަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެ ހަރަކާތްތަކުން އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ބަދަހިވެގެންދާކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވާނީ، ދަރިވަރުންނާއި މުވައްޒިފުންނަށް، އުނގެނުމާއި މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ ދުޅަހެޔޮ މާހައުލެއް ޤާއިމްކޮށްދިނުމަށެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން 53 ވަނަ އަހަރީ ކޭކު ފެޅުމާއި ފޮޓޯ ނެގުމުގެ ސެޝަނެއް ކުރިއަށްދިޔައެވެ. މީގެ އިތުރުން، އަންހެނުންގެ ފުޓްސަލް، ތިއްމުގޯލި، ބެލޫން ބަޑީ، ލެމަން ރޭސް، ފައިގަތަޅާ، ގޯނި ރޭސް، އޮބްސްޓަކަލް ރޭސް އަދި ވަދެމުން ފަދަ ފޯރިގަދަ ކުޅިވަރުތަކެއްގައި ދަރިވަރުންނާއި މުވައްޒަފުން ޝާމިލުވެ، އެކުވެރިކަމުގެ ރޫޙެއްގައި ވާދަކުރިއެވެ.

މި އުފާވެރި މުނާސަބަތުގެ އިތުރު ހަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ކުރިއަށްދާނެއެވެ. އެގޮތުން އެމް.އެން.ޔޫގެ މުވައްޒަފުންނާއި، ދަރިވަރުން އަދި ކުރީގެ ދަރިވަރުންގެ މެދުގައި ބޭއްވޭ ފިރިހެނުންގެ ފުޓްބޯޅަ މެޗެއް އޮންނާނެއެވެ. މި މެޗު އިފްތިތާޙު ކޮށްދެއްވާނީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

އެގޮތުން ޑރ. ޝެހެނާޒު ފާހަގަކުރެއްވި ގޮތުގައި، މުވައްޒަފުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން 20،000 އަކަ ފޫޓުގެ ބިމެއް ސަރުކާރުން ހަމަޖައްސާދީފައިވާ ކަމަށެވެ. ޑރ. ޝެހެނާޒު އެކަން ސިފަކުރެއްވީ މުވައްޒިފުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ.

53 ވަނަ އަހަރީ ކޭކު ފެޅުން ވެސް މިއަދު ކުރިއަށް ގެންދިޔައެވެ. މި ހަރަކާތުގައި އެމްއެންޔޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *