އައިސީއައިއޭގައި އެންމެ ބޮޑު އިސްކަމެއް ދިނީ އިލްމީ ދާއިރާއަށް ވަންނަ ދިރާސާވެރިން ބާރުވެރިކުރުވައި، އެކަޑަމިކް ފެންވަރު މަތިކުރަން

މި އަހަރުގެ އައި.ސީ.އައި.އޭ ވެގެންގޮސްފައިވަނީ ވޭތުވެދިޔަ ދިހަ އަހަރުގެ ތާރީޚުގައިވެސް އެންމެ ގިނަ މީހުންނާ ހަމައަށް ވާސިލްވި ކޮންފަރެންސަށެވެ. އެގޮތުން 18 ޤައުމަކުން އެކި ހަރކާތްތަކުގައި 1,000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި އެންމެ ބޮޑު އިސްކަމެއް ދިނީ ދަރިވަރުންނާއި، އަލަށް އިލްމީ ދާއިރާއަށް ވަންނަ ދިރާސާވެރިން ބާރުވެރިކުރުވައި، އެކަޑަމިކް ފެންވަރު މަތިކުރަން ކަމަށް އެ ކޮންފަރެންސްގެ ޗެއަރ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑރ. އާމިނަތު ޝާފިޔާ އާދަމް ވިދާޅުވެއްޖެއެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ އައިސީއައިއޭ ނިންމުމުގެ ރަސްމިއްޔާތުގައި ޑރ. ޝާފިއާ ވިދާޅުވި ގޮތުގައި، މި އަހަރުގެ އައި.ސީ.އައި.އޭ ވެގެންގޮސްފައިވަނީ ވޭތުވެދިޔަ ދިހަ އަހަރުގެ ތާރީޚުގައިވެސް އެންމެ ގިނަ މީހުންނާ ހަމައަށް ވާސިލްވި ކޮންފަރެންސަށެވެ. އެގޮތުން 18 ޤައުމަކުން އެކި ހަރކާތްތަކުގައި 1,000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ ކޮންފަރެންސް މާރިޗު 26 ގައި އިޢުލާންކުރެވުނު ހިސާބުން އަމާޒު ހިފި އެންމެ ބޮޑު އިސްކަމަކީ އައިޔޫއެމްގެ ދަރިވަރުންނާއި، އަލަށް އިލްމީ ދާއިރާއަށް ވަންނަ ދިރާސާވެރިން ބާރުވެރިކުރުވައި، އެކަޑަމިކް ފެންވަރު މަތިކުރުމަށް ކަމަށް ޑރ. ޝާފިއާ ވިދާޅުވިއެވެ.

އައިސީއައިއޭގެ ހަރަކާތްތައް އެޕްރީލް މަހު ފަށައި، މެއި މަހުގެ ނިޔަލަށް ދަރިވަރުންގެ ޢިލްމީ ކަރުދާސްތައް  ލިޔެ އައިސީ އައި އޭއަށް ހުށަހެޅުމަށް ތައްޔާރުކޮށް، ހަފުތާއަކު 2 ސެޝަންގެ މަގުން ޖުމުލަ 8 ވޯރކްޝޮޕެއް އިންތިޒާމުކޮށްފައިވެއެވެ. މި ވާރކްޝޮޕްތަކަށް ބޮޑު ތަރުޙީބެއް ލިބި، 235 ބައިވެރިން ރަޖިސްޓްރީވެ، އޭގެ ފަހުން އައި ސީ އައި އޭގެ އެބްސްޓްރަކްޓް އަދި ފުލްކަރުދާސްތައް ހުށަހެޅުންތެރިންނަށް  މިކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބުނުކަމަށް ޑރ. ޝާފިއާ ވިދާޅުވިއެވެ.

އައިސީއައިއޭގެ މި އަހަރުގެ މުހިންމު އުސްއަލިތައް:

  • ކޮންފަރެންސްގައި ރަސްމީކޮށް 524 ފަރާތަކުން ރަޖިސްޓްރީކުރެވުނެވެ.
  • 29 އޮގަސްޓް 2026 ގައި ބޭއްވުނު ކޮންފަރެންސް ވާރކްޝޮޕްތަކުގައިވެސް 453 އަމަލީ ބައިވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޚުދު ހާޒިރުވި 288 ބައިވެރިންނާއި 165 އޮންލައިން ބައިވެރިން ހިމެނެއެވެ.
  • މިއަހަރުގެ ކޮންފަރެންސްގައި ބައިނަލްއަޤްވާމީ 53 ބައިވެރިންނާއި ރާއްޖޭގެ 473 ބައިވެރިންނާއެކު އަޅުގަނޑުމެންގެ އިލްމީ ދާއިރާ މުޅި ދުނިޔެއަށް ފުޅާވަމުންދާކަން ހާމަވެގެންދިޔައެވެ.

ޑރ. ޝާފިއާ ވިދާޅުވި ގޮތުގައި، މި އަހަރުގެ އައިސީއައިއޭއިން ހާމަވެފައިވާ ގޮތުގައި ޢިލްމީ ހަރަކާތްތަކާއި، ހުށަހެޅުނު ކަރުދާސްތަކުގެ ފެންވަރު މިފަހަރު ވަނީ އާ މިންގަނޑުތަކެއް ޤާއިމުކޮށްފައި ކަމަށެވެ.

މި އަހަރުގެ ކުރިއެރުންތަކުން ހާސިލުވި މުހިންމު އެއް ބަޔަކީ އައި.ސީ.އައި.އޭ ފެންވަރާއި އަދި ބައިވެރިވުން ފުޅާކޮށް، ފުރަތަމަ ފަހަރަށް އައި.ސީ.އައި.އޭ އިން ވަނީ ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކަށް އެކަޑާމިކް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ދަޢުވަތުދީ، ކޮންފަރެންސްގެ ތެރޭގައި އައި.ޔޫ.އެމް ގައި އެ މީހުންގެ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ޚާއްޞަ މާކެޓިންގ ޑެސްކުތަކެއް ފޯރުކޮށްދީފައެވެ. މިގޮތުން މިޔުނިވަރސިޓީތަކުން ފޯރުކޮށްދިން އިލްމީ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ހިތްވަރުދިނުމުގެ ގޮތުން:

  • ބައިނަލްއަޤްވާމީ 50 ބައިވެރިއަކަށް ހިލޭ ރަޖިސްޓްރޭޝަން
  • ބައިނަލް އަގުވާމީ ބައިވެރިންގެ ތެރެއިން ފެންވަރު ރަނގަޅު ކަރުދާސްތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 20 ބައިވެރިއަކަށް 3 ރޭގެ ފުރިހަމަ އެކޮމޮޑޭޝަން

އައިސީއައިއޭއަށް މި އަހަރު ކަރުދާސް ހުށަހެޅުނު އަދަދަށް ބަލާއިރު ރާއްޖެއިން 85 ކަރުދާހާއި ބައިނަލްއަޤްވާމީ 83 ކަރުދާސް ރެކޯޑުކޮށްފައިވެއެވެ. 168 ރިވިއުވަރުންގެ ޓީމުން ވަނީ ހުރިހާ ކަރުދާހެއް ވަޒަންކޮށް، 139 އެބްސްޓްރެކްޓް ޤަބޫލުކުރެވި، 67 ފުލް ޕޭޕަރު ރިވިއުކުރެވި، އަދި 119 ފައިނަލް ޕްރެޒެންޓަރުން ވަނީ ކޮންފަރެންސްގެ މައި ދެދުވަހު އެ ހުށައަޅާދީފައެވެ. ހުށަހަޅާފައެވެ. ކޮންފަރެންސް މައި ދެދުވަހުގެ ތެރޭގައި 3 ކީނޯޓަކާއި ދެ ޕަނަލް ޑިސްކަޝަންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޑރ. ޝާފިޔާ ވަނީ، އައި.ސީ.އައި.އޭ ގެ ކުރިއަށް އޮތް ދިހައަހަރަށް އަމާޒުހިފާއިރު، އިސްކަންދޭންޖެހޭ މުހިންމު އިސްތިރާޖީ ކަންތައްތަކެއް ވެސް ފާހަގަކުރައްވާފައެވެ. އެއީ،

  1. ބައިނަލްއަޤްވާމީ ބައިވެރިވުން އަދިވެސް އިތުރަށް ފުޅާކުރުން: ދުނިޔޭގެ ޔުނިވަރސިޓީތަކާއި ދިރާސާ ކުރާ މަރުކަޒުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޢިލްމީ ގުޅުންތައް އިތުރަށް ފުޅާކުރުން.
  2. މަޝްވަރާއަށް ފުޅާ ފުރުޞަތުތަކެއް ހުޅުވާލުން: އާދަކޮށް ކަރުދާސް ހުށަހެޅުމުގެ އިތުރުން ސެމިނާ، ވެބިނާ، އިންޓަރެކްޓިވް ރައުންޑްޓޭބަލް، ގިނަ ބަސްބަހުން ކުރިއަށްދާ ޕްލެނަރީ ސެޝަންތައް އަދި ގުޅިގެން ބާއްވާ ވަރކްޝޮޕްތައް ކުރިއަށް އޮތް ކޮންފަރެންސްތަކުގައި އިތުރުކުރުމަށް ވިސްނުން.
  3. ދިވެހި އަދި ޢަރަބި ބަހުން ބައިވެރިވުން އިތުރުކުރުން: އިންގްލިޝް ބަހުގެ އިތުރުން އަޅުގަނޑުމެންގެ ޤައުމީ ބަސް ކަމަށްވާ ދިވެހިބަހާއި އަދި ޢަރަބި ބަހުން ދިރާސާ ކަރުދާސް ހުށަހެޅުން އިތުރުކުރުމަށް ޚާއްޞަ އިސްނެގުންތަކެއް ނެގުން. މި އަހަރު ދިވެހި އަދި ޢަރަބި ބަހުން ލިބިފައިވަނީ މަދު ކަރުދާސްތަކެކެވެ.
  4. އެކި ބަސްބަހުން ތަގުރީރުތަކާއި ކަރުދާސްތައް ދާއިރު ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވޭ ނިޒާމެއް ޤާއިމުކުރުން: ކުރިއަށް އޮތް ކޮންފަރެންސްތަކުގައި ޕްރެޒެންޓޭޝަންތައް ކުރިއަށްދާއިރު އިނގިރޭސި، ޢަރަބި އަދި ދިވެހި ބަހުން ވަގުތުން ތަރުޖަމާކޮށްދޭ (ރިއަލް-ޓައިމް) ނިޒާމެއް ތަޢާރަފުކުރުމަށް މަސައްކަތްކުރުން.
  5. އާ ޢަރަބި އެކަޑާމިކް ޖަރނަލެއް އިފްތިތާޙުކުރުން: އަޅުގަނޑުމެންގެ އިސްތިރާޖީ މަޝްވަރާތަކުގައި ފާހަގަކުރެވުނު ފަދައިން، ޢަރަބި ބަހަށް ޚާއްޞަ އެކަޑާމިކް ޖަރނަލެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  6. އައި.ސީ.އައި.އޭ ބައިނަލްއަޤްވާމީ ގޮތުން އިންޑެކްސްކުރުން: ކުރިއަށް އޮތް އަހަރުތަކުގައި ރަސްމީކޮށް ބައިނަލްއަޤްވާމީ އިންޑެކްސިންގ ހޯދުމާއި، ދުނިޔޭގެ ކުރިއަރާފައިވާ އެކަޑާމިކް ޕްލެޓްފޯމްތަކުގައި ކޮންފަރެންސް ރަޖިސްޓްރީކުރުމަށް މަސައްކަތްކުރުން.

ޑރ. ޝާފިއާ ވިދާޅުވީ، އައި.ސީ.އައި.އޭ އަކީ އިލްމު ފުޅާކުރުމަށާއި އާލާކުރުމަށް އޮތް މުހިންމު މައިދާނެއްގެ ގޮތުގައި ވަނީ މިހާރުވެސް ޤާއިމުވެފައެވެ. މި އަހަރުގެ މުހިންމު ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، އިލްމީ ޚިޔާލުތައް ހިއްސާކުރުމަށާއި މުޖުތަމަޢުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ފޯރަމެއްގެ ގޮތުގައި އައި.ސީ.އައި.އޭ ދެމިއޮންނާނެ ކަމަށެވެ.

އައިސީ އައިއޭ ގެ މަސައްކަތަކީ މުޅި އައި ޔޫ އެމް ބައިވެރިވާ ހަރަކާތެއްކަން ފާހަގަކުރައްވައި ޑރ. ޝާފިއާ ވަމީ އައި.ޔޫ.އެމް ގެ މުޅި ޢާއިލާއަށް އިޚްލާޞްތެރި ޝުކުރު ދަންނަވާފައެވެ. ސްޓިއަރިންގ ކޮމިޓީއާއި ކަރުދާސްތައް ރިވިއުކޮށްދެއްވި 168 ރިވިއުވަރުން، ގިނަ އަދަދެއްގެ މޮޑަރޭޓަރުން، އެޑްމިނިސްޓްރޭޓިވް ބޭފުޅުން، އަދި އިންތިޒާމުތައް ބެލެހެއްޓުމާއި މެހުމާނުންނަށް މަރުޙަބާ ކިޔުމުގައި އިސްނަގައިގެން އުޅުނު އަޅުގަނޑުމެންގެ ދަރިވަރު ވޮލަންޓިއަރުންގެ މަސައްކަތަކީ ސާބަސް ހައްޤު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ދީލަތި ސްޕޮންސަރުންނަށާއި މުއައްސަސާވީ ބައިވެރިންނަށް އެ ބޭފުޅުންގެ އަގުނުކުރެވޭފަދަ އެހީތެރިކަމަށްޓަކައި އެ ފަރާތްތަކަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *