ތިމާވެށީގެ ދިރާސާތައް ކުރިއެރުވުމަށާއި ދިރުންތައް ހިމާޔަތްކޮށް އޭގެ މުއްސަނދިކަން ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ސޮއިކުރި މި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ އިލްމީ ދިރާސާތައް ކުރުމާއި، ދިރުންތައް ހިމާޔަތްކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ފަންނީ ގާބިލުކަން އިތުރުކުރުމާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގެ ކުޅިތަކާއި ފާ ފަދަ ނާޒުކު ތަންތަނާއި ކަނޑުގެ ދިރުންތައް ދެނެގަނެ، އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ.
މި ފަހުމުނާމާގެ ދަށުން، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ތަފާތު ދިރާސާތަކާއި ޕްރޮގްރާމްތައް އެމް.އެން.ޔޫ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި ކުޅިތަކާއި އެހެނިހެން މާހައުލުތަކުން ފެންނަ ދިރުންތައް ދެނެގަނެ، އެ ތަކެތީގެ މައުލޫމާތު އެއްކޮށް، ދިރާސާވެރިންނާއި އާންމުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މި ދާއިރާއިން ކަމާގުޅޭ ފަރާތްތަކާއި އާންމު ރައްޔިތުންނަށް ބޭނުންވާ ތަމްރީނާއި އިލްމީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތައް ވެސް ރޭވިފައިވެއެވެ.

އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ދާއިރާއަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ހާއްސަކޮށް، ކުޅިތަކާއި ކަނޑުގެ ދިރުންތަކުގެ މުހިންމުކަމާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.
މި ފަހުމުނާމާއަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ތިމާވެށީގެ މަސައްކަތްތައް ކުރިއެރުވުމަށް އެމް.އެން.ޔޫ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭ ސަމާލުކަމެވެ. އެގޮތުން ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލާން ބޭނުންވާ ފަންނީ ގާބިލުކަން އިތުރުވެ، ރަށުގެ ގުދުރަތީ މާހައުލުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބާރަކަށް ވާނެއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިރުންތައް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެއްޓަށް ލޯބިކުރާ، ޒިންމާދާރު މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު