އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ލެންގުއޭޖް ސެންޓަރެއް ހުޅުވައިފި

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ޤާއިމް ކުރި ލޭންގުއޭޖް ސެންޓަރު، ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމް ހުޅުއްވައިދެއްވަނީ- ފޮޓޯ: ކޭއޯ

ދިވެހިރާއްޛޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ލެންގުއޭޖް ސެންޓަރެއް ހުޅުވައިފިއެވެ. މިއީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމް ކުރާ މިފަދަ ސެންޓަރުތަކުގެ ތެރެއިން އުތުރުގައި ހުޅުވި ސެންޓަރެވެ.

މި ސެންޓަރު ހުޅުވައި ދެއްވީ، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ ޝެހެނާޒް އާދަމެވެ.

މި ސެންޓަރު ހުޅުވައި ދެއްވައި، ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ޑރ. ޝެހެނާޒު ވިދާޅުވީ، އެ ސެންޓަރަކީ ހަމައެކަނި އެމްއެންޔޫގެ ދަރިވަރުންނަށް އެކަނި އޮތްތަނެއް ނޫން ކަމަށާއި މުޅި މުޖުތަމައުއަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ބަހުގެ ހުނަރު އިތުރުކުރަން ހުޅުވުނު ފުރުސަތެއް ކަމަށެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމް ކުރި ލޭންގުއޭޖް ސެންޓަރު ހުޅުވަން ބޭއްވި ރސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ކޭއޯ

އޭނާ ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައިބަދައަށްވާއިރު، ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކުން އެތައް ބަޔަކު ރާއްޖެ އަންނަމުންދާއިރު ބޭރު ބަސްބަހުން ވާހަކަދައްކަން އެނގުމަކީ އެ މީހުންނަށް މެހެމާންދާރީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ލިބޭނެ ބާރެކެވެ.

ބޭރު ބަސްބަހުން ވާހަކަދައްކަން ދަސްކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެކަނި ހާއްސަ ކަމެއް ނޫންކަން ފާހަގަކުރައްވައި ޑރ. ޝެހެނާޒު ވިދާޅުވީ، އެއާޕޯޓް، ކަސްޓަމްސް. އިމިގްރޭޝަން، ފުލުހުން. އަދި ހޮސްޕިޓަލްތަކާއި ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކީވެސް ކޮންމެ ދުވަހަކު ބޭރު މީހުންނާ މުއާމަލާތް ކުރަން ޖެހޭ ތަނަކަށްވާއިރު އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ތަފާތު ބަސްތައް އެނގުން މުހިންމު ކަމަށެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމް ކުރި ލޭންގުއޭޖު ސެންޓަރުން، އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި ބަސް ކިޔަވައިދިނުމުގެ ކޯސްތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެ ސެންޓަރުން ކުރިއަށް ގެންދާ ކޯސްތައް އިތުރުވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *