ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން ތަމްރީނުވާ ޑޮކްޓަރުންގެ ކޮލިފިކޭޝަން ،އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ)އިން ބަލައިގެންފިއެވެ. އެމްއެންޔޫއިން ބުނީ، މިއީ އެ ޔުނިވަރސިޓީއަށާއި ސްކޫލް އޮފް މެޑިސިންއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ. އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއަށް މި ކާމިޔާބީ ލިބުމުން މަރުހަބާ ދަންނަވަމެވެ. އެމް.އެން.ޔޫގެ ޕްރައިމަރީ މެޑިކަލް ކޮލިފިކޭޝަން އަކީ ރާއްޖެއިން ބޭރުގެ ކޮލިފިކޭޝަންގެ ޝަރުޠުތައް ފުރިހަމަކަން އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ) އިން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ދަރިވަރުންނަށާއި، ފެކަލްޓީތަކާއި، ކްލިނިކަލް ޑޮކްޓަރުންނާއި، ސްޓާފުންނަށާއި، އެފިލިއޭޓެޑް ހޮސްޕިޓަލްތަކަށާއި، މުޅި ޤައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ" ޤައުމީ ޔުނިވަރސިޓީން ބުނެފައިވެއެވެ.
އެމްއެންޔޫއިން ބުނީ، އިނގިރޭސި ވިލާތުގައި މަސައްކަތް ކުރަން ބޭނުންވާ އެ ޤައުމުން ބޭރުގެ ޑޮކްޓަރުން ،ޖީއެމްސީއިން ދޭ ޕީއެލްއޭބީ އިމްތީޙާނުން ފާސްވާންޖެހޭ ކަމަށާއި، އެ އިމްތީޙާނު ދިނުމުގެ ކުރިން ވަކިވަކިން ކޮންމެ ޑޮކްޓަރަކު ވެސް އެސެސްކުރާ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ދަސްވެނިވާ ޑޮކްޓަރުންގެ ކޮލިފިކޭޝަން ބަލައިގަނެ، އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީ.އެމް.ސީ)ގައި ލިސްޓް ކުރުމުން ،ރާއްޖެއިން ދަސްވެނިވާ ދަރިވަރުން ވަކިވަކިން އެސެސްކުރުމެއް ނެތި އިމްތިޙާނަށް ހަދައި، ޖީއެމްސީ ރަޖިސްޓްރޭޝަނަށް މިހާރު ހުށައެޅޭނެ ކަމަށެވެ.

"އެންމެ ބޮޑު ފަސޭހައަކީ ސީދާ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު، މެޑިސިން ސްކޫލުގެ ދަސްވެނީންނަށް ލިބުން" އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލުން ދަސްވެނިވި ދަރިވަރަކު، އިނގިރޭސި ވިލާތުގައި މަސައްކަތް ކުރުމުގެ ކުރިން ހަދަންޖެހޭ ޕީއެލްއޭބީ އިމްތިޙާނު ހެދުމުގެ ކުރިން. ވަކިން އެސެސްމެންޓް ހަދަން ޖެހިގެން އެކަން އެ ސްކޫލުގެ ސަމާލުމަށް ގެނައިކަމަށާއި، ޖީއެމްސީ މެދުވެރިކޮށް ކޮލިފިކޭޝަން ބަލައިގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށައެޅި ކަމަށެވެ.
"ޖީއެމްސީގައި ލިސްޓް ކުރުމަށް އެ ފަރާތުން ފޯރުކޮށްދިން ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތައް ހުށައަޅަން ޖެހުނު. އެ ލިޔެކިޔުންތައް ބަލައި ދިރާސާ ކުރުމަށްފަހު، އަޅުގަނޑުމެންގެ ކޮލިފިކޭޝަން ޖީއެމްސީއިން ބަލައިގަތީ" ޑރ. ޝީޒާ ވިދާޅުވިއެވެ.
ޝީޒާ ވިދާޅުވީ، އެ ސްކޫލުން ދަސްވެނިވާ ދަރިވަރުންގެ ކޮލިފިކޭޝަން އެހެން ޤައުމުތަކުން ބަލައިގަންނާނެކަމާ މެދު ދަރިވަރުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށާއި، މިއީ އެ ދަރިވަރުންގެ އެ ކަންބޮޑުވުމަށް ލިބުނު ފުރިހަމަ ޖަވާބެއް ކަމަށެވެ.
ޑރ. ޝީޒާ ވިދާޅުވީ، އިނގިރޭސި ވިލާތުގެ އިތުރުން އެހެން ޤައުމުތަކުން ވެސް އެ ސްކޫލުގެ ކޮލިފިކޭޝަން ބަލައިގަތުމަށް އަމިއްލަ އިސްނެގުމަށް މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔަވައިދޭން ފެށީ 2018 ވަނަ އަހަރުއެވެ. މިހާތަނަށް ތިން ބެޗްގެ ދަރިވަރުން އެމްބީބީއެސް ކޯހުން ދަސްވެނިވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ދަސްވެނީން ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު