ކެޕްޓަނަކަށްވުމުގެ އަޒުމުކަނޑައެޅީ މަޖީދިއްޔާގެ ކެޕްޓަންކަމުގެ ހުވާ އޭނާގެ ބޭބެ ކުރި ދުވަހު
މަޖީދިއްޔާ ސްކޫލުގެ ކެޕްޓަނެއްގެ ޒިންމާއާ އައިޝަތު އީޝަލް އިބްރާހިމް މިއަދު ހަވާލުވި އިރު އޭނާވީ އެ ޒިންމާއާ ހަވާލުވި އެ ސްކޫލުގެ އަންހެން ފުރަތަމަ ކެޕްޓަނަށެވެ. ފިރިހެން ކުދިންނަށް ޚާއްޞަކޮށްގެން މީގެ 99 އަހަރު ކުރިން ކިޔަވަން ފެށި ސްކޫލުގައި، ދެ ޖިންސުގެ ދަރިވަރުން ހިމަނައިގެން ކިޔަވައިދޭން ފެށީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ކެޕްޓަންކަން ކުރަމުން އައީ ފިރިހެން ދަރިވަރުންނެވެ. ނަމަވެސް އީޝަލް އެ ވަނީ އެ ތާރީޚް ބަދަލުކޮށްލައި މަޖީދިއްޔާ ސްކޫލުގެ ކެޕްޓަންކަން ކުރާ ފުރަތަމަ އަންހެން ދަރިވަރުގެ ޝަރަފް ހޯދާފައެވެ.
ކެޕްޓަން ކަމުގެ ހުވާ މިއަދު ކުރި އީޝަލް، ބުނީ ކެޕްޓަނަކަށްވުމުގެ އަޒުމު އޭނާ ކަނޑައެޅީ އޭނާގެ ބޭބެ އަކްމަލް އިބްރާހިމް މަޖީދިއްޔާ ސްކޫލުގެ ކެޕްޓަންކަމުގެ ހުވާ ކުރި ދުވަހުކަމަށެވެ.
"އަޅުގަނޑު ބޭނުންވީ ބޭބެގެ އެ ކާމިޔާބީ ތަކުރާރުކުރަން. އެހެންވެ ބޭބެ ހުވާ ކުރި ދުވަހު އެ ހުވަފެން އަޅުގަނޑު ދެކެން ފެށީ. އެކަމަށް އަޒުމު ކަނޑައެޅީ. އަދި މަސައްކަތް ވެސް ކުރިން" ދަރިވަރު ނޫހަށް މަޢުލޫމާތު ދެމުން ކެޕްޓަނަކަށްވުމުގެ އުންމީދު އުފެދުނު ގޮތް އީޝަލް ބުނެދިނެވެ.

އީޝަލް ބުނީ، ސްކޫލުގެ ލީޑަރެއްގެ ގޮތުގައި ޚާއްޞަކޮށް ކެޕްޓަނެއްގެ ގޮތުގައި ކުރިއަށްދާން މަސައްކަތް ކުރާ އިރު، ކިޔެވުމާއި އަޚްލާޤާއި އިތުރުހަރަކާތާއި ކުޅިވަރަށް ވެސް ޚާއްޞަ ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެހެންވެ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭނާ މަސައްކަތް ކުރީ ވަކި ޚާއްޞަ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ ކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން ގެންދިޔައީ މަންމައާއި ބައްޕަގެ އިތުރުން މިހާރު މެލޭޝިއާގައި ޑޮކްޓަރީކަން ކިޔަވަމުން އަންނަ އޭނާގެ ބޭބެ އަކުމަލްކަމަށެވެ.
"އަޅުގަނޑުގެ ކޮންމެ ކަމެއްގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑު. އެއާއެކު އަޅުގަނޑުގެ އާރުކާޓީއަކީ އަޅުގަނޑުގެ ބޭބެ. އަޅުގަނޑުގެ ތައުލީމީ ޙަޔާތް ބިނާކުރަމުން ދަނީ ބޭބެ ވެސް ހިނގި ފިޔަވަޅުމަތިން. އެއީ ނަމޫނާއެއްކަމުގައި ބަލައިގެން" ޑޮކްޓަރީކަން ކިޔެވުމުގެ އުއްމީދުގައި ހުރި އީޝަލް ބުންޏެވެ.
އީޝަލް ބުނީ، ލީޑަރެއްގެ ގޮތުގައި ސްކޫލު ތަމްސީލު ކުރާ އިރު އެންމެ މުހިންމު ކަމަކީ ސްކޫލު ލީޑަރެއްގެ ހައިސިއްތުން ކުދިންނާއި މުދައްރިސުންނާއި ސްކޫލާ އޮންނަ ގުޅުން ރަނގަޅު ކުރުންކަމަށެވެ. އޭނާއަށް ކެޕްޓަނެއްގެ ޒިންމާ ހަވާލުވާން ފުރުޞަތު ލިބުނީ ވެސް ކުދިންނާ އެކު އޮންނަ ހަރުދަނާ ގުޅުމުގެ ތެރެއިން އެ ކުދިންގެ ތާއީދާ އެކުގައިކަން އީޝަލް ފާހަގަކުރިއެވެ.

އީޝަލް ބުނީ، ކިޔެވުމާ އެކު ސްކޫލުގެ އިތުރުހަރަކާތްތައް ބެލެންސްކުރަން ޖެހޭކަމަށާއި އެ ދުވަހަކު ދޭ ފިލާވަޅުތައް އެ ދުވަހަކު މުޠާލިއާކުރުމަކީ އެއީ ކިޔެވުމުގައި ކުރިއަށް ދިއުމަށް ކޮށޭ އެންމެ ފަސޭހަ މަގުކަމަށެވެ.
"ކިޔަވާ ކުއްޖަކު ނަމަ އެންމެ އިސްކަން ދޭންވާނީ އަބަދުވެސް ކިޔެވުމަށް. އޭގެ ފަހުން އެހެން ކަންތައްތައް އަންނަންވާނީ. އަދި ކިޔެވުމާއި އިތުރުހަރަކާތައް ބެލެންސް ކުރެވެން ޖެހޭނެ. އެހެން ނޫންނަމަ އޭގެ ނޭދެވޭ އަސަރު ކިޔެވުމަށް ކުރާނެ. އެންމެ މުހިންމު ކަމަކީ ކަންކަން ފަސްނުކޮށް، ލަސްނުކޮށް ލިބޭ ވަގުތުގެ ބޭނުން ހިފުން" ކިޔެވުމާއި އިތުރު ހަރަކާތްތަކާ މެދު ދެކޭ ގޮތް އީޝަލް ހާމަކުރިއެވެ.
އީޝަލްއަކީ ކިޔެވުމުގެ އިތުރުން އަދަބީ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ނަމޫނާ ދަރިވަރެކެވެ. އެންމެ ފަހުން ބޭއްވި ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން 16 އަހަރުން ދަށުގެ ޢުމުރުފުރާއިން 3ވަނަ އީޝަލް ހޯދާފައިވާ އިރު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ވެސް އޭނާ ހިމަނިފައިވެއެވެ.
އީޝަލްގެ ހުވަފެން ހަގީގަތަކަށްވުމުގައި މަންމައާއި ބައްޕަ އަދި ބޭބެއަށް ޚާއްޞަ ޝުކުރެއް އޭނާ އަދާކުރިއެވެ. އެއާއެކު ސްކޫލުގެ ވެރިންނާއި މުއްދަރިސުންނަށް އޭނާގެ ހިތުގައި އޮތް ލޯބި ވެސް ހާމަކުރިއެވެ.
"އަޅުގަނޑު މިހިސާބަށް އައީ މަންމައާއި ބައްޕަ އަދި ބޭބެގެ އިތުރުން ބޮޑުދައިތަގެ އެހީތެރިކަމާއެކު. އެއާއެކު މަޖީދިއްޔާ ސްކޫލުން އަޅުގަނޑަށް ކޮށްދިން ކަންކަމާއި ހޯދައިދިން ފުރުޞަތުތަކުން. މި ޝުކުރު ޚާއްޞަވާ އެއް ފަރާތަކީ އަޅުގަނޑުގެ ލޯބިވާ މަންމައާއި ބައްޕަ. އެއާއެކު ބޭބެ. އޭގެ އިތުރުން ސްކޫލުގެ ވެރީންނާއި ލީޑީންގް ޓީޗަރުންނާއި ޓީޗަރުންގެ ނަންތައް އަޅުގަނޑު ފާހަގަކޮށްލާނަން. އަދި ދިވެހި ކިޔަވައިދެއްވާ ރަފީޤު ސަރއާއި އެހެނިހެން ޓީޗަރުންގެ ނަންތައް ވެސް ފާހަގަކޮށްލާނަން" އީޝަލް ބުންޏެވެ.
ކިޔަވާކުދިންނަށް އީޝަލް ދިން ނަސޭހަތް ގުޅުވާލީ އޭނާގެ ތަޖުރިބާއާއެވެ.
"ވަގުތު ބޭކާރުވިޔަ ނުދީ ކިޔެވުމަށް ޓަކައި އަބަދުވެސް މަސައްކަތްކުރަންވާނެ. އެއާއެކު އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާންވާނެ. އެއީ ހުނަރުތައް އެންމެ ފަސޭހައިން ދަސްވާނެ މަގު. އެހެން ކުދިންނާ އޮންނަ ގުޅުން ރަނގަޅުކޮށް ޓީޗަރުންގެ އިރުޝާދު އަޑުއަހައި ރަނގަޅު ނަތީޖާއަކަށް މަސްކަތް ވެސް ކުރަންވާނެ. އެއީ އަޅުގަނޑުގެ ވެސް ތަޖުރިބާ" މަޖީދިއްޔާގެ ތާރީޚީ ކެޕްޓަން ބުންޏެވެ.
advertisment
ހިޔާލު