ސީއެޗްއެސްއީ ހުޅުމާލޭގައި ސެޓްލައިޓް މޮޑެލް ޤާއިމްކޮށް، ހުރަވީ ސްކޫލުގައިވާ ސެޓްލައިޓް ސްކޫލް ސެޓަޕް އަޕްގުރޭޑް ކުރާނެ ބަޔަކު ހޯދަން އިޢުލާން ކޮށްފިއެވެ.
ތައުލީމީ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، ހުރަވީ ސްކޫލުގައި ޤާއިމްކޮށްފައިވާ ސެޓްލައިޓް ސްކޫލް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށާއި އެ ބަދަލުތަކުގެ ތެރޭގައި ސްކޫލުގެ ލޭއައުޓަށާއި ކޮމްބައިންޑް ކެމެރާ ސިސްޓަމް މެދުވެރިކޮށް ޓީޗަރުންގެ ވިޒިބިލިޓީ އަދި ޕެޑަގޮޖީ ރަނގަޅުކުރުމާއި ދަރިވަރުންގެ ސްކްރީން މޮނިޓަރ ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ސީއެޗްއެސްއީ ހުޅުމާލޭގައި ސެޓްލައިޓް ނިޒާމް ޤާއިމް ކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ފާހަގަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ސްކޫލުގައި ޤާއިމްކުރާ ސެޓްލައިޓް މޮޑެލްގައި ހަތަރު ކުލާސްރޫމުގެ އިތުރުން ސްޓާފްރޫމެއް ޤާއިމް ކުރާނެއެވެ. އަދި އެ ނިޒާމަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ވެސް ޤާއިމްކުރާނެއެވެ.
ތަޢުލީމީ ވުޒާރާއިން ބުނެފައިވަނީ، އާބާދީ މަދު ސަރަޙައްދުތަކުގައި ހުންނަ ސެޓެލައިޓް ސްކޫލްތަކުގައި ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ސެޓެލައިޓް މޮޑެލް ތަޢާރަފްކޮށް، ހަޔަރ ސެކަންޑަރީ ސްކޫލްތަކުގައި ޓީޗަރުންގެ ދަތިކަން ޙައްލުކުރެވޭނެ ކަމަށެވެ.

ސެޓްލައިޓް ސްކޫލް ނިޒާމް ތަޢާރަފު ކުރީ ދަރިވަރުންނާއި ޓީޗަރުން މަދު ރަށްރަށުގެ ދަރިވަރުންނަށް އަމިއްލަ ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުންނެވެ.
ސެޓްލައިޓް ސްކޫލް ނިޒާމް ހުރަވީ ސްކޫލުގައި ޤާއިމްކޮށް އޮންލައިންކޮށް ކިޔަވައިދެމުން ގެންދާތާ މިހާރު ހަތަރު އަހަރުވެއްޖެއެވެ. ސެޓްލައިޓް ސްކޫލް ނިޒާމުގައި ކިޔަވައި ދޭނީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. ރާއްޖޭގެ ހަ ސްކޫލެއްގައި 40 އެއްހާ ދަރިވަރުން ދަނީ ސެޓްލައިޓް ސްކޫލުގެ ނިޒާމުން ކިޔަވަމުންނެވެ. އެއީ ވ. ތިނަދޫ، ވ. ރަކީދޫ، އދ. ދިއްދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ ގއ. ކޮނޑޭ ސްކޫލުގައެވެ.
advertisment
ހިޔާލު