މެލޭޝިއާގެ ޔުނިވަރސިޓީތަކުގެ ކޯސްފީން ޑިސްކައުންޓް ލިބޭ 467 ފުރުޞަތަށް ހުޅުވާލައިފި

އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާރވިސް (އީ އެމް ޖީ އެސް) ގެ ޑިސްކައުންޓް ލިބޭ ޕްރޮގަރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން، އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާރވިސަސް އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 10 ވަނަ ދުވަހުއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތަކަކުން ހިންގާ، ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކޯސްފީ އިން އެކިއެކި އިންސައްތައިގެ ޑިސްކައުންޓް ދިވެހި ދަރިވަރުންނަށް ލިބޭނެ ފުރުޞަތު، މި އެމްއޯޔޫގެ ދަށުން، ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރު 467 ފުރުޞަތަށް ކޯސްފީގެ ޑިސްކައުންޓް ހޯދުމަށް އެ ވުޒާރާއިން ދޫކުރާ އެންޑޯޒްމަންޓް ލެޓަރ އެއް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން، އެކަމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ޑިސްކައުންޓް ދޭ ޕްރޮގްރާމްތަކަކީ:

– ފައުންޑޭޝަން

– ޑިޕްލޮމާ/އެޑްވާންސް ޑިޕްލޮމާ

– ބެޗްލަރސް ޑިގްރީ

– މާސްޓަރސް ޑިގްރީ

– ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ ނުވަތަ ޑީއެލްއޭ) އެވެ.

އެ ވުޒާރާއިން ބުނީ، ޑިސްކައުންޓް ލިބުމަށް އެދި ހުށަހެޅޭނެ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގާ ކޮލެޖް / ޔުނިވަސިޓީތަކުގެ ލިސްޓް މި އިޢުލާނާއި އެއްކޮށް ހިއްސާކޮށްފައިވާ ލިންކް އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ޑިސްކައުންޓް ލިބޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހމެނެނީ،

1- ޑިސްކައުންޓް ލިބިގެން ކިޔަވަން އެދޭ ޕްރޮގްރާމަށް ވަނުމަށް ޔުނިވަރސިޓީ އިން ޕްލޭސްމަންޓް ލިބިފައިވުން

2- ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަ ކުރަމުންދާ ނުވަތަ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން

3- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތައުލީމް ހާސިލްކުރުމަށް މާލީ އެހީ ލިބިފައިވާ ފަރާތެއްނަމަ އަބުރާ ދައްކަން ޖެހިފައިވާ ފައިސާގެ ޑީފޯލްޓެއްވެފައި ނެތުން

4- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުންދާ ނުވަތަ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

އެންޑޯޒްމަންޓް ލެޓަރއަށް އެދި ކޮންމެ ކެންޑިޑޭޓަކުވެސް  ހުށަހަޅާނީ އެންމެ އެޕްލިކޭޝަނެކެވެ.

–   އެންޑޯޒްމަންޓް ލެޓަރ ދޫކުރާނީ،  އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ފުރިހަމަ އެޕްލިކޭޝަން ހުށަހެޅި ތަރުތީބުން، ކޮންމެ ޔުނިވަރސިޓީއަކުން ލިބިފައިވާ ޖާގަތައް ހުސްވަންދެނެވެ.

–   ކޮންމެ ކެންޑިޑޭޓަކު ހުށަހަޅާނީ ފުލްޓައިމް އެއް ކޯހަކަށް އެއް އެޕްލިކޭޝަންއެކެވެ.

–   ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ބޮޑީއަކުން ހުއްދަ ދޭ ޕްރޮގްރާމެއް ނަމަ، އެ ޕްރޮގްރާމް ހިންގާ ކޮލެޖް/ ޔުނިވަރސިޓީއާއި ޕްރޮގްރާމް ރާއްޖޭގެ ކަމާބެހޭ ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ބޮޑީ އަކުން ޤަބޫލުކުރާ އަދި އެކަޑަމިކް ރިކުއަރމަންޓް ގަބޫލުކުރާ ޕްރޮގްރާމްއަކަށްވުން. ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ބޮޑީ ތަކަކީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްއާއި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ވަކި ދާއިރާއަކުން ޕްރެކްޓިސްކުރުމުގެ ހުއްދަދޫކުރުމަށް ހަމަޖެހިފައި ހުންނަ ރާއްޖޭގެ ތަންތަނުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *