މިއަދު ފެށި ވަރަ އެކްސްޕޯގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤާއިމްކޮށްފައިވާ ސްޓޯލްތަކުން ކޯސްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމުތައް ބަލައިގަންނާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
ތައުލީމީ ގިނަ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް މަގުފަހިކޮށް ދިނުމުގެ ގޮތުން މިއަދު ފެށި ވަރަ އެކްސްޕޯ ފެއަރ އަންނަ ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ކުރިއަށް ދާނެއެވެ. މި ފެއަރ ކުރިއަށް ގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްއެންޔޫއިން ބުނީ، ވަރަ އެކްސްޕޯގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް އެކި އެކި ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ފެއަރ ކުރިއަށް ދާނީ ބުރާސްފަތި ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 ން ރޭގަނޑު 10:00 އަށެވެ.
އެމްއެންޔޫއިން އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލީ މި އެކްސްޕޯގެ ތެރެއިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަ ކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތަކާއި މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު މި ފެއަރގެ ތެރެއިން ހިއްސާކުރާނެއެވެ.
މަޢުލޫމާތު ފޯރުކޮށް ދެވޭ ދާއިރާތަކުގެ ތެރޭގައި ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާއާއި ތަޢުލީމާއި އިންޖިނީއަރިންގއާއި ޞިއްޙަތާއި ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާއާއި ދީނީ ޢިލްމާއި ސައެންސާއި ޝަރީޢަތާއި ޤާނޫނާއި ވިޔަފާރިއާއި ނިޔެމިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފައުންޑޭޝަން ކޯސްތަކުގެ ދާއިރާތައް ހިމެނެއެވެ.

advertisment
ހިޔާލު