ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމުގެ ކާމިޔާބު 10 އަހަރުގެ ފޯމިއުލަރ

"އަޅުގަނޑުމެން އެތެރެއިންލާ "އިމްޕުޓަކާ" އެއްވަރަށް، ބޭރުން "އައުޓްފުޓެއް" ލިބިގެން ރަނގަޅު "އައުޓްކަމް"އެއް ނެރެވޭނީ

ހުޅުމާލެއަށް ޖަމާވަމުންދިޔަ އާބާދީއާއެކު ނުކަތާވަރަށް ޣާޒީ ސްކޫލުގައި ކުދިން އޭރު ތިއްބެވެ. 2015 ވަނަ ދިރާސާ އަހަރަށް ކުދިން ވަންނާނެ ޖާގައެއް އެ ސްކޫލުގައި ނެތެވެ. އެހެންވެ  އެޑިޔުކޭޝަން މިނިސްޓްރީގެ އޭރުގެ އަމާޒަކަށްވީ ދިރާސީ އަހަރަށް ރެހެންދި ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށުމެއެވެ. އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ޣާޒީ ސްކޫލުގެ އޭރުގެ ޑެޕިއުޓީ ޕްރިންސިޕަލު އަބްދުﷲ ނާޒިމަށް އެޑިޔުކޭޝަން މިނިސްޓްރީން ދެއްވިއެވެ. ޣާޒީ ސްކޫލުގައި ނާޒިމް މަސައްކަތް ކުރެއްވީ ދޮޅު އަހަރު ދުވަހުއެވެ.

ދިރާސީ އަހަރަށް ރެހެންދި ސްކޫލު ހުޅުވުގެ ތައްޔާރީތަކަށް އެޑިޔުކޭޝަން މިނިސްޓްރީން ޚާއްޞަ ކޮމިޓީއެއް އެކުލަވާލިއެވެ. ނާޒިމަކީ އެ ކޮމެޓީގެ މެމްބަރެކެވެ. އޭނާގެ މަސައްކަތަކަށް ވެފައި އޮތީ ކެޗްމަންޓް އޭރިއަށް ބަލައިގެން ދަރިވަރުން ސްކޫލަށް ވެއްދުމާއި މުދައްރިސުންނާއި ސްކޫލަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށް މަސައްކަތް ކުރުމެވެ.

"ކޮންމެ ހަފްތާއަކު އެއްފަހަރު  ރެހެންދި ސްކޫލުގެ މަސައްކަތް ދާ ގޮތް ބަލަން ދަން. ކޮންޓްރެކްޓަރު އޭރު މަސައްކަތް ކުރަމުން ދިޔައީ 350 މަސައްކަތު މީހުން ވައްދައިގެން. ވަރަށް ހަލުވިކޮށް" މަސައްކަތް ކުރިއަށް ދިޔަ ގޮތް ނާޒިމް ވިދާޅުވެދެއްވިއެވެ.

ނާޒިމް ވިދާޅުވީ، ދިރާސީ އަހަރަށް ސްކޫލް ހުޅުވާން ޖެހޭތީ ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންނަން ހަވާލުކުރީ ސަޕްލަޔަރަކާ ކަމަށާއި، ކަންދިމާކުރި ގޮތުން ކިޔެވުން ފަށަންވާއިރަށް ތަކެތި ހަމައަށް ލިބޭނެ ގޮތެއް ނުވި ކަމަށެވެ.

"2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ކިޔަވައިދޭން ފަށަން އޮތީ. ދިހަ ވަނަ ދުވަހުގެ ހެނދުނު 45 ފެންސީފުލައިވުޓް ގަނެގެން ކުލާސްރޫމްތަކުގައި ހަރުކުރީ. އޮފީހުގައި ފަރުނީޗަރެއް ނެތް. ސްޓާފު ރޫމުގައި ހުރީ މަދު އެއްޗެއް. ޕްރިންސިޕަލާއި އިސްބޭފުޅުން ތިއްބަވާނެ ރޫމެއް ފައިނަލެއް ނުވޭ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ވެސް މުއާމަލާތްކުރަމުން ދިޔައީ ކެމްޓީނަކަށް ބޭނުންކުރި ތަނެއްގައި ތިބެގެން ފޯނަށް ސިމް ލައްވައިގެން" ރެހެންދި ސްކޫލު ފެށިއިރުގެ ޙާލަތު ނާޒިމް ވިދާޅުވެދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މުދައްރިސުންނާއި ކިޔަވައިދޭން ބޭނުންކުރާ ފޮތްތައް ހަމަވެފައި ހުރުމުން އެހެން ހުރިހާ ކަންތައްތަކެއް ހަނދާން ނައްތާލުމަށްފަހު މައިގަނޑު އަމާޒަކަށްވީ ދަރިވަރުންނަށް ކިޔަވައިދިނުމެވެ.

"އެ ދަތިކަމުގައި ފަށައިގަތީ އަޒުމަކަށް ބަދަލެއް ނައިސް. ލިފްޓް ނެތީސް ހަ މަސްދުވަހު މި އުސްއިމާރާތަށް އެރީ ފޫހިކަމެއް ނެތި. އޭރު އޮތް ޓީމުގެ ޝައުޤުވެރިކަމާ އެކީގައި" 10 އަހަރު ފުރުން ފާހަގަކުރަން ރެހެންދި ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ހަފުލާގައި މާޒީގެ ތެރެއަށް ނާޒިމް ވަޑައިގެންނެވިއެވެ.

ރެހެންދި ސްކޫލުގެ ކިޔެވުން ފެށީ 905 ދަރިވަރުންނާއި 116 ސްޓާފުންނާ އެކީގައެވެ. ކިޔަވައިދޭން ފެށީ އެއް ދަންފަޅިއަށެވެ. 2 ޖެހީމާ ހުރިހާ މަސައްކަތެއް ނިންމާ މުދައްރިސުން ގެއަށް ދެއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އެއް ދަންފަޅިއަށް ކުޑަ އާބާދީއަކަށް ކިޔަވައިދެމުން ގެންދިޔައީ ވަރަށް ފަހި ގޮތަކަށެވެ. އެހެން ނަމަވެސް ފާއިތުވި 10 އަހަރު ތެރޭގައި އެ ސްކޫލަށާއި އޭނާއަށް އަދި އެޑިޔުކޭޝަން މިނިސްޓްރީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ސްކޫލުގެ އާބާދީއަށް އައި ބޮޑު ބަދަލެވެ. މިއަދު އެ ސްކޫލުގެ އާބާދީއަކީ 2400 ދަރިވަރުންނެވެ. މުވައްޒަފުންގެ އަދަދު 240 އިން މައްޗެވެ. މިއީ ރާއްޖޭގެ ބޮޑު ރަށެއްގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ.

"905 އިން 2420 އަށް ކުދިން އިތުރުވީ. ސެޝަނެއްގައި 1200 އެއްހާ ކުދިން ގޮވައިގެން އުޅޭއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑު. އެހެންވެ ބޭނުންވާ ވަރަށް ޕްރޮގްރާމްތައް ހިންގަން ފުރުޞަތެއް ނެތް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދިމާވަމުން ދިޔަ ދަތިތަކާ އެކީގައި ވެސް އެއް އަހަރުން އަނެއް އަހަރަށް އެ ސްކޫލުގެ ނަތީޖާ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދެވި ކަމަށާއި، އެކަން ކުރުމުގައި ސްކޫލް ހުޅުވި ދުވަހުއްސުރެ އަމާޒަކަށްވީ އޭނާ ޤަބޫލުކުރައްވާާ ފޯމިއުލާގެ އަލީގައި ކަންތައްތައް ކުރިއަށް ގެންދަވަން ކަމަށެވެ.

ނާޒިމް ޤަބޫލުކުރެއްވި ފޯމިއުލާއަކީ، "އިމްޕުޓް ޕްލަސް އައުޓްފުޓް އީކުއަލް އައުޓްކަމް" އެވެ.

"މި ދެންނެވި ބަހުގެ މާނައަކީ، އަޅުގަނޑުމެން އެތެރެއިންލާ އިމްޕުޓަކާ އެއްވަރަށް ބޭރުން އައުޓްފުޓެއް ލިބިގެންނޭ ރަނގަޅު އައުޓްކަމެއް ނެރެވޭނީ. އެކަން ކުރުމަށް އަޅުގަނޑު ދިޔައީ ބެލެނިވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ސްކޫލަށް ލިބުނު ތަރައްޤީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑަށް ލިބިގެން ދިއުން" ފާއިތުވި 10 އަހަރުގެ ތެރޭގައި ކާމިޔާބު ސްކޫލަކަށް ރެހެންދި ހެއްދެވި ޕްރިންސިޕަލް ނާޒިމް ވިދާޅުވިއެވެ.

ފާއިތުވި ދިހަ އަހަރުގެ ނަތީޖާއަށް ބަލާއިރު ވެސް އެ ރެހެންދިން ތަފާތު ދައްކުވައިދީފައިވެއެވެ. އޯލެވެލްގައި ފުރަތަމަ ބައިވެރިވީ 2017 ވަނަ އަހަރުއެވެ. އެ އަހަރު 15 ދަރިވަރުން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އަދި އެއް ވަނަ އެއް ދަރިވަރަކު ހޯދިއެވެ. 2018 ވަނަ އަހަރު ހަ ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނުމުން އިތުރު ހިތްވަރެއްލައި ނަތީޖާ ރަނގަޅު ކުރިއެވެ. ނަތިޖާއަކަށް ވެގެން ދިޔައީ 2019 ވަނަ އަހަރު 19 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ. ކޮވިޑް 19އާ ގުޅިގެން ކިޔެވުމާއި ކިޔަވައިދިނުމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް 2020 ވަނަ އަހަރު 25 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. ދިރާސީ އަހަރަށް އައި ބަދަލާއެކު 2021-2022 ވަނަ އަހަރު އޯލެވެލްގައި ބައިވެރިވެ 28 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ. އަދި އެއް ދަރިވަރަކަށް ދުނިޔެއިން ވެސް އެއްވަނަ ލިބުނެވެ. 2023-2024 ވަނަ ދިރާސީ އަހަރު 25 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނުއިރު، ފާއިތުވި 2024 ވަނަ އަހަރު ނިންމާލިއިރު ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު 33 އަށް ވަނީ މަތިވެފައެވެ.

ނާޒިމް ވިދާޅުވީ، އެ ސްކޫލުގެ ނަތީޖާ ރަނގަޅު ކުރަން އަދިވެސް މަސައްކުރަން ޖެހޭ ކަމަށާއި ހުރިހާ އަމާޒަކާއި ޕްލޭނެއް ވަނީ އެމަގަށް ފަހިކޮށްދީފައި ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ނަތީޖާ ރަނގަޅު ކުރުމަށް ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭ. ކިޔަވައިދޭ ކުލާސްތަކަކީ ކިޔަވައިދޭން ފަސޭހަތަނަކަށް ހެދުމަށް ޒަމާނީ ޓެކްނޮލޮޖީ އަދިވެސް ކުލާސްތަކަށް އަންނަން ޖެހޭ. މުދައްރިސުންގެ މަސައްކަތުގެ މާހައުލު އިތުރަށް ތަރައްޤީކުރަން ވަޞީލަތްތައް ހޯދަން ޖެހޭ. ލައިބްރަރީ މިހާރަށްވުރެ ބޮޑަށް ތަރައްޤީކުރަން ޖެހޭ. ކުދިން އެތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި ވަޞީލަތް ފުރިހަމަކުރަން ޖެހޭ"

1995 ވަނަ އަހަރު އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ގއ. އަތޮޅު މަދަރުސާގައި މަސައްކަތް ފެއްޓެވި ނާޒިމް ވަނީ އެ ސްކޫލުގެ މުދައްރިސެއްގެ އިތުރުން ސްޕަވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ ފަހުން 2008ން 2010 ވަނަ އަހަރު މަސައްކަތް ކުރެއްވީ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައެވެ. އެ މުއްދަތުގައި އެ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަޤާމް އަދާކުރެއްވިއެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައެވެ.

ބެޗްލާސް ޑިގްރީ ނާޒިމް ފުރިހަމަ ކުރެއްވީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ. އޭގެ ފަހުން ސްރީލަންކާއިން ސައިންސް އިން އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހެއްދެވިއެވެ.

ނާޒިމް ވިދާޅުވީ، ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި ހިތްހަމަޖެހުމަކީ ކުޅިވަރާއި އިތުރު ހަރަކާތަކާއި ސްކޫލުގެ ނަތީޖާއަށް ބަލާއިރު އެހެން ސްކޫލްތަކާ އެއް ހަމައަށް އެ ސްކޫލަށް އާދެވިފައިވުމެވެ.

"ސްކޫލްގެ އާބާދީ އިތުރުވި ނަމަވެސް ބެލެނިވެރިންނާ އެކީގައިކުރި މަސައްކަތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިން އެހީތެރިކަމާއެކު 10 އަހަރުގެ ތެރޭގައި އެންމެ ރަނގަޅު ސްކޫލްތަކާ އެއްވަރަށް ވަޞީލަތްތައް ޤާއިމްކުރެވިއްޖެ" ސްކޫލުގެ މިހާރުގެ ހާލަތު ނާޒިމް ވިދާޅުވެދެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *