އެތްލެޓިކްސްއަށްވުރެ އޭނާގެ ޝައުޤު ހުރީ ކުރިކެޓަށް
16 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ހަމްދު ހުސައިން އަލީ ބައިވެރިވީ ކުރީ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ. މީގެ ކުރިން ބައިވެރިވި ދެ މުބާރާތުގެ ގެޓަގަރީއަކުން އެއްވަނައާ ހިސާބަށް އޭނާއަށް ދެވިފައެއް ނުވެއެވެ. އެހެންވެ ނިމިގެންދިޔަ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ވުމުން އޭނާ ހުރީ ހައިރާންވެފައެވެ.

"އުއްމީދު އޮތް ބައިވެރިވި ހީޓްތަކުން ރަނގަޅު ހިސާބަކަށް މި ފަހަރު ދެވޭނެ ކަމުގެ. އެކަމަކު ބެސްޓް އެތްލީޓްގެ މަޤާމް ލިބުމަކީ ސަޕްރައިޒެއް. އެއީ ހަމަ ޝޮކެއް" މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ގުރޭޑް 8ގައި ކިޔަވަމުން އަންނަ ހަމްދު ދަރިވަރު ނޫހަށް ބުންޏެވެ.

ފުވައްމުލަކުގައި ނިމިގެން ދިޔަ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެތްލީޓުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
100 މީޓަރާއި 200 މިޓަރު އަދި ޓްރިޕަލް ޖަންޕުން ރަންމެޑަލް ހަމްދު ހޯދިއެވެ. އަދި 100 މީޓަރާއި ޓްރިޕަލް ޖަމްޕުން މީޓް ރެކޯޑް ވެސް ޤާއިމް ކުރިއެވެ. މިއީ މީޓް ރެކޯޑެއް އޭނާ ޤާއިމްކުރި ފުރަތަމަ ފަހަރެވެ.
ފާއިތުވި ދެ އަހަރަށް ބަލާއިރު، މިދިޔަ އަހަރު ލިބުނީ 15 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެ 100*4 ރިލޭއިން މީޓް ރެކޯޑެކެވެ. އޭގެ ކުރީ އަހަރު 13 އަހަރުން ދަށުގެ އުމުރުފުރާގައި 100 މީޓަރު ދުވުމުން ލިބުނީ ތިންވަނައެވެ.

ހަމްދު ބުނީ، އެތްލެޓިކްސް މުބާރާތައް ތައްޔާރުވާން މި އަހަރު ފެށީ ދެ މަސްކުރިން ކަމަށާއި ކޮންމެ ދުވަހަކު ހަވީރު ދެ ގަޑިއިރެއްހާއިރަށް ޕްރެކްޓިސް ކުރިއަށް ގެންދިޔަ ކަމަށެވެ. ޕްރެކްޓިސްގައި ބުރަކޮށް މަސައްކަތް ކުރީ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ކަމަށާއި ކޯޗް އަލީ ޝާމްގެ ވަރަށް ބޮޑު އެހީތެރިކަމެއް މުބާރާތައް ތައްޔާރުވާން ލިބުނު ކަމަށެވެ.
"ކޯޗް އެހީތެރިކަމާއެކު ވަރަށް ރަނގަޅަށް ތައްޔާރުވެ، ކޮންފިޑެންސް އޮވެގެން ދުވަން ޓްރެކަށް އެރީވެސް" ހަމްދު ބުންޏެވެ.

އެތްލެޓިކްސްގެ އިތުރުން ހަމްދުއަކީ 16 އަހަރުން ދަށުގެ ޤައުމީ ކުރިކެޓް ޓީމުގެ ވެސް މުހިންމު ބެޓްސްމޭނެކެވެ. 2023 ވަނަ އަހަރާއި މި އަހަރު މެލޭޝިއާގައި އޮތް އޭސީސީގެ އީސްޓް ޒޯން ކުރިކެޓް މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި އޭނާ ވަނީ ކުޅެފައެވެ. މި އަހަރު ބޭއްވި މުބާރާތުގައި ގިނަ މެޗްތައް ކުޅުނީ އޭނާގެ ކެޕްޓަން ކަމުގެ ދަށުންނެވެ. އީސްޓް ޒޯން މުބާރާތަކީ އޭނައަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެކެވެ. އެ މުބާރާތުގައި އެންމެ ރަނގަޅަށް ކުޅެވުނީ ތައިލެންޑާ ދެކޮޅަށް ކަމަށް ހަމްދު ބުންޏެވެ. ހަމްދު މިހާރު ތައްޔާރު ވަމުން ދަނީ މެލޭޝިއާގައި އޮންނަ 19 އަހަރުން ދަށުގެ މުބާރާތަށެވެ.

ހަމްދު ބުނީ، ކިރިކެޓާއި އެތްލެޓިކްސްގައި ވެސް އުޅެން ބޭނުންވާ ކަމަށާއި އެކަމަކު އެންމެ ކުޅޭހިތްވަނީ ކުރިކެޓް ކަމަށެވެ.

ކުޅިވަރުގައި ހަމްދު ލިބޭ ކާމިޔާބީގައި އެންމެ މުހިންމު ރޯލެއް ކުޅެނީ ކޯޗުންނެވެ. ކުރިކެޓްގެ ކޯޗް ރިޔާޒާއި އެތްލެކްސް ކޯޗް ޝާމްގެ ނަން އޭނާ ފާހަގަކުރިއެވެ. އަދި އޭނާ ކިޔަވަމުންދާ މުހައްމަދު ޖަމާލުއްދީން ސްކޫލާއި މަންމައާއި ބައްޕަ އަދި އާއިލާގެ އެންމެންގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށް ހަމްދު ބުންޏެވެ. ހަމަދުއަށް ލިބޭ ކޮންމެ ކާމިޔާބެއްގައި އެމީހުން ބައިވެރިވެއެވެ.

ހަމްދުހުރީ ކުރިކެޓާއި އެތްލެޓިކްސްއިން އިތުރުކާމިޔާބު ހޯދުމުގެ އަޒުމުގައެވެ.
advertisment
ހިޔާލު