ޝަހީމަކީ، 78 އަހަރުވީ މޭނާ ސްކޫލުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޕްރިންސިޕަލް
" އެއީ، އޭގެ ރިޕްލޭސްމެންޓެއް ނެތް ވަރުގެ ޚިދުމަތްތަކެއް މޭނާ ސްކޫލަށް ކޮށްދެއްވި ޕްރިންސިޕަލެއް. މޭނާ ސްކޫލުގެ ދިގު މާޒީއަށް ބަލާއިރު، މިހާރު މިއޮތް ފަދަ މާހައުލެއް ކުރިއޭޓް ކުރެއްވި އެހެން ބޭފުޅަކު ފެނިވަޑައިނުގަންނަވާ. މިތަނަކީ ވަރަށް ގިނަ ޕްރިންސިޕަލުން ބަދަލުވި ތަނެއް. ހުރިހާ އެންމެންގެ ލޯތްބާއި އިޙްތިރާމާއެކީގައި ހިފެހެއްޓުނީ ޝަހީމް އެ ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން" އަށް އަހަރުގެ ޚިދުމަތަށްފަހު މޭނާ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވި އިބްރާހީމް ޝަހީމްއާ ބެހޭ ގޮތުން، ވަގުތީ ގޮތުން އެ ސްކޫލް ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ލީޑިންގ ޓީޗަރު އަޙްމަދު މުޙައްމަދު މަނިކު ވިދާޅުވިއެވެ.
އަޙްމަދު އެ ސްކޫލުގައި މަސައްކަތް ކުރައްވާތާ މިހާރު 30 އަހަރުވެއްޖެއެވެ. 78 އަހަރު ވީ މޭނާ ސްކޫލަށް މި ފަހުގެ ތާރީޚެއްގައި ކުރިމަތިވި ހުރިހާ ކަމެއް އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކަށް މަނިކުވާނެއެވެ. ޝަހީމަށް، އޭނާގެ ތައުރީފު ކުރެއްވީ އެންމެ އަށް އަހަރު ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް އެ ސްކޫލަށް ގެންނެވީމައެވެ.
ރާއްޖޭގެ ތަޢުލީމީ ހަޔާތުގައި މޭނާ ސްކޫލުގެ ނަމަކީ މިއަދު ފާހަގަކުރެވޭ ނަމެކެވެ. ސާނަވީއާއި މަތީ ސާނަވީގައިވެސް އެ ސްކޫލުގެ ދަރިވަރުންގެ ވިދުން ގަދައެވެ. ފާއިތުވި އަށް އަހަރަކީ އެ ސްކޫލުގެ 78 އަހަރުގެ ތާރީޚުގައި ވެސް އެންމެ ގިނަ ކާމިޔާބީ ހޯދި އަހަރުތަކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދި ވަނަތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. މި ހުރިހާ ކަމެއް އެންމެ އަށް އަހަރު ދުވަހުގެ ތެރޭގައި ބަދަލުކޮށްލެއްވި މޭސްތިރިޔާގެ ކުއްލި އިސްތިއުފާއަކީ އެ ސްކޫލަށާއި މުވައްޒަފުންނާއި މުޅި ރަށަށް ލިބުނު ހިތާމައެކެވެ.

އެ ހިތާމައިގެ ތެރެއިން ވެސް ޝަހީމުގެ ޚިދުމަތުގެ އަގުވަޒަންކުރެއްވިއެވެ. ޚާއްޞަ އެސަމްބްލީއެއް އެކަމަށްޓަކައި ބޭއްވިއެވެ. ހުރިހާ މުވައްޒަފުންގެ ހިތުގެ ޝުޢޫރު ފާޅުކުރިއެވެ.
އަޙްމަދު ވިދާޅުވީ، ޝަހީމަކީ މީހުންނާ މުއާމަލާތް ކުރެއްވުމުގައި މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ. ދަރިވަރުންނާއި މަސައްކަތު މީހާއިން ފެށިގެން ލީޑިންގ ޓީޗަރުންނާ މުއާމަލާތް ކުރެއްވުމުގައި ވެސް ގެންގުޅުއްވީ އެ އުޞޫލެވެ.
" އިހްތިރާމް ކުރައްވާނެ، މީހުން ބުނާއެއްޗެއް އަޑުއައްސަވާނެ. ވަރަށް ވިސްނުންތެރިކަމާއެކުގައި ނޫނީ ޑިސިޝަނެއް މޭކެއް ނުކުރައްވާނެ. އެއާއެކު ވަރަށް ބޮޑަށް މަސްލަހަތަށް ބައްލަވާއިފައި ނޫނީ ނިންމާ ނިންމުމެއް ނުނިންމަވާނެ"
އަޙްމަދު ވިދާޅުވި ގޮތުގައި، މޭނާ ސްކޫލަކީ ޝަހީމް ވަޑައިގެންނެވުމުގެ ކުރިން ގިނަ ޕްރިންސިޕަލުންތަކެއް ކުރު މުއްދަތެއްގައި މަސައްކަތް ކުރެއްވި ސްކޫލެކެވެ. ހަ މަހުން ދެ އަހަރުން ކަހަލަ ގޮތަކަށް ޕްރިންސިޕަލުން ބަދަލުވަމުން ދިޔުމުން ސްކޫލުން ހޯދަމުން ދިޔަ ނަތީޖާ ވެސް އެއް ވާނެއްގައި ނުހިފެހެއްޓެއެވެ. އެކަން ވެސް ޝަހީމް ބަދަލުކުރެއްވިއެވެ.

އަޙްމަދު ވިދާޅުވީ، ޝަހީމަކީ ސްކޫލްމެނޭޖްމަންޓްގެ ދާއިރާގެ ބޭފުޅެއްނޫނެވެ. ބިޒްނަސްއާއި އެޗްއާރުގެ ދާއިރާއިން ކިޔަވައިވިދާޅުވެފައި ވާތީ، ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވިއިރު، ޝަހީމަށް އެންމެ ބޮޑު ޗެލަންޖަކަށް ކުރިމަތިވެވަޑައިގެންނެވީ، 2015 ވަނަ އަހަރު ތަންފީޒު ކުރައްވަން ފެއްޓެވި ޤައުމީ މަންހަޖެއެވެ. އެ މަންހަޖަށް ޓީޗަރުން ވެސް އޭރު އަހުލުވެރިއެއް ނޫނެވެ. އެކަމަކު އެ ހުރިހާ ކަމެއް ސްކޫލުގައި ތަންފީޒު ކުރުމުގައި އެ ސްކޫލުގައި ތިއްބެވި އެންމެންނަށްވުރެ ޝަހީމްގެ "ނޮލެޖް" މާ ރަނގަޅު ކަމަށް އަޙްމަދު ޤަބޫލުކުރައްވައެވެ.
" ކަރިކިއުލަމް އިންޕްލިމެންޓް ކުރުމުގެ ހުރިހާ ކަމެއް އަމިއްލައަށް ދަސްކުރެއްވީ. ވަރަށް އަވަހަށް ދަސްކުރައްވާ، ސިސްޓަމުގެ ތެރެއިން ކަންތައްތައް ކުރައްވާ ކެރެކްޓަރއެއް ހުންނަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނީ" އަޙްމަދު ވިދާޅުވިއެވެ.
އަޙްމަދު، ޝަހީމް ސިފަކުރެއްވީ، މުޅި ރާއްޖެއަށް މި އަންނަ ތަޢުލީމީ ބަދަލަށް ވިސްނަވާ ބޭފުޅެއްގެ ގޮތުގައެވެ. ކުދިންގެ އުޅުމަށް ފޯކަސް ކުރައްވާ ވަރަށް "އަޕްޑޭޓެޑް ބޭފުޅެއް"ގެ ގޮތުގައެވެ. ކުދިންނާ ވަރަށް ބޮޑަށް ކަނެކްޓް ވެފައި ހުންނަވާ، ކުދިންގެ އަޚްލާގަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ދަރިވަރުންގެ އަޚްލާގަށް އެ ގެންނެވި ބަދަލަކީ ވަރަށް ކައިރިން ކުދިންނާއެކު މަސައްކަތް ކުރެއްވުމުގެ ނަތީޖާ ކަމަށް އަޙްމަދު ޤަބޫލުކުރައްވައެވެ.

" ގޭޓްގެ ބޭރުން ފެށިގެން އެންމެ މަތީގައި ހުރި ކުލާސްރުމާ ދޭތެރޭގައި ހިނގާ ހުރިހާ ކަމެއް ބެއްލެވި ބޭފުޅެއް އެއީ. 21 ވަނަ ޤަރުނުގެ ތައުލީމަށް އަހުލުވެރި ކުރުވަން ކުލާސްރޫމްތަކަށް ވަންނަވައިގެން ޓީޗަރުންނަށް ފީޑްބެކް ދެއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް އެއީ"
380 ދަރިވަރުން، ގުރޭޑް 12އާ ހަމައަށް ކިޔަވަމުންދާ ސްކޫލުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރައްވާއިރު، ރާއްޖޭގެ އެހެން ސްކޫލްތަކާ ޚިލާފަށް މޭނާ ސްކޫލަކީ ހިންގަން އުނދަގޫ ސްކޫލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރައްވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އެއް މެނޭޖްމަންޓެއްގެ ދަށުން އެއް ރިސޯސްތަކެއް ބޭނުން ކުރައްވައިގެން ވަކި ދެ ކެމްޕަހެއްގައި ސްކޫލް ހިންގަން ޖެހުމެވެ. އެހެންވެ އެންމެ ބޮޑު އެއް ޗެލަންޖަކީ ދެ ކޮޅުގައި މަސައްކަތް ކުރާ ޓީޗަރުން އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުމެވެ. އެއީ ޝަހީމުގެ ކުރިން އެ ސްކޫލަށް ވަޑައިގެންނެވި އެއްވެސް ޕްރިންސިޕަލަކަށް ކުރެއްވުނު ކަމެއް ނޫނެވެ.
" އެކަން ވެސް ޝަހީމް މެނޭޖް ކުރެއްވީ ވަރަށް ވިސްނުންތެރިކަމާއެކު"

ޝަހީމް ވިސްނެވީ އާ ޗެލަންޖަކަށް
ދަރިވަރު ނޫހަށް ޝަހީމް ވިދާޅުވީ، މުދައްރިސް ކަމުގެ ކޯސް ނިންމާފައި މޭނާ ސްކޫލުގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ ކޮމާސް ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ބެޗްލާސް ޑިގްރީއާއި މާސްޓަރސް، ބިޒްނަސް ދާއިރާއިން ހެއްދެވުމަށްފަހު، ޝަހީމް ބޭނުންފުޅުވީ ބިޒްނަސް ޓީޗަރެއްގެ ގޮތުގައި އެ ސްކޫލާ ގުޅިވަޑައިގަންނަވާށެވެ. އެކަމަކު މޭނާ ސްކޫލުން ބޭނުންވީ ޕްރިންސިޕަލެއްގެ ގޮތުން އެ ސްކޫލާ ހަވާލުވެ ވަޑައިގެންނެވުމަށެވެ.
" އެ ހުށައެޅުން އައީމާ ޗެލަންޖަކަށް ނެގީ. ވަރަށް އުނދަގޫ ސްކޫލެއްގެ ގޮތުގައި ފާހަގަކުރެވިފައި އޮތީ. އޭރު އެތަނުގައި ޕްރިންސިޕަލެއް ހަރެއް ނުލާ. އޭރު 70 އަހަރުވީ އެ ސްކޫލުގައި ޕްރިންސިޕަލުންގެ ޓާންއައުޓް ވަރަށް ހައިވާނެ. ހަ މަހުން ދެ އަހަރުން ބަދަލުވަމުން އައީ"

ޝަހީމް ވިދާޅުވީ، ޕްރިންސިޕަލްކަމަށް ވަޑައިގެންނެވިއިރު، ފާސްވާ ކުދިންގެ އިންސައްތައަކީ 29އާއި 30އާ ދެމެދު ކަމަށެވެ. އެ އަދަދު ފާއިތުވި އަށް އަހަރުގެ ތެރޭގައި 80 އިންސައްތައިން މައްޗަށް ޖެއްސުނު ކަމަށް ޝަހީމް ވިދާޅުވިއެވެ.
" 78 އަހަރު ތެރޭގައި ހޯދި އެކަޑަމިކް ކާމިޔާބީތައް ހޯދިފައި ހުންނާނީ މި ދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި. ރިކޯޑް ބިންދާފައި އޭގެ މައްޗަށް އާ ރިކޯޑްސް ހޯދާފައި ހުންނާނީ. އޭގެ ތެރޭގައި އިންޓަރނޭޝަނަލް ރެކޯޑް ވެސް ހިމެނޭ"
ޝަހީމް ވިދާޅުވީ، މޭނާ ސްކޫލަށް އޭނާގެ އެތައް ޕްލޭނެއް މިހާރު ވެސް އެބައޮތް ކަމަށެވެ. އެކަމަކު ވެސް އޭނާގެ ކުރިމަގަށް ވެސް އެތައް ޕްލޭނެއް އެބައޮތެވެ. އެހެންވެ އޭނާގެ ނިންމެވުމަކީ އެއީ މޭނާ ސްކޫލަށް މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރައްވައެވެ.
" އަޅުގަނޑު ގުރެޖުއޭޓް ވި ގޮތަށް ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރަން ޖެހުނީމާ، ކެރިއަރގައި މާ ގިނަ ކަންތައްތަކެއް އެކްސްޕީރިންސްއެއް ނުކުރެވޭ. ސަރުކާރުގެ އެހެން ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތަކުން ފުރުޞަތު ލިބެމުން އައި. މަޑުކޮށްލައިގެން ހުރީ އަޅުގަނޑު ބޭނުންވާ ކަހަލަ ޗެލަންޖިންގ، ކަންތައްތަކެއް ދަސްކުރެވޭ ތަނަކަށް ދާން. ބިލަބޮންގ ފާހަގަކުރެވުނީ ޑައިވާސް ތަނެއްގެ ގޮތުގައި. އެކިއެކި ޤައުމުތަކުގެ ކުދިންނާއި ޓީޗަރުން އެބަތިބި. އައިލަންޑާސް އެޑިޔުކޭޝަނަކީ ރާއްޖޭގައި ކިޔަވައިދޭ ޕްރައިވެޓް އެންމެ ބޮޑު ޕާޓީ. އަޅުގަނޑު ބޭނުންވަނީ ރާއްޖެއިން ބޭރުގައި ވެސް އިންޓަރނޭޝަނަލް ސްކޫލެއްގައި މަސައްކަތް ކުރަން. ބިލަބޮންގ އެއީ އެކަމަށް އެކްސްޕީރިއަންސް ކޮށްލަން ވަރަށް ރަނގަޅު ތަނެއް. އެ ހުށަހެޅުން އައީމާ ބަދަލެއް ގެންނަން ނިންމީ" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މަސައްކަތް ކުރައްވާނީ ބިލޮބޮންގ ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުންނެވެ. އޭނާ ބަލަހައްޓަވާނީ ސަނާވީ ގުރޭޑްތަކުގެ ދަރިވަރުންގެ ކަންތައްތަކެވެ. ބިލަބޮންގ ސްކޫލުގެ ޕްރިންސިޕަލަކީ ޏ. އޭއީސީގެ ކުރީގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲއެވެ.
ޝަހީމް ވިދާޅުވީ، އޭނާގެ އެ ނިންމުން އައީ ކުއްލިއަކަށެވެ.
" ބިލަބޮންގއިން އެޕްރޯޗް ކުރީމާ ޑިސިޝަން ނަގަން ޖެހުނީ ކުއްލިއަކަށް. މޭނާ ސްކޫލުގެ އެސްއެމްޓީއާ ބައްދަލުކޮށްފައި އަޅުގަނޑު ދެންނެވިން މި ކަހަލަ އޮފަރއެއް އައީމާ މި ނިންމުން ނިންމައިފިމޭ" ޝަހީމްގެ އެ ނިންމެވުމަށް އެ ސްކޫލުގެ ކުރިހާ އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެފަދަ ނިންމުމެއް އޭނާ ނަންގަވަން އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. މޭނާ ސްކޫލް މިހާރު އޮތް ހާލަތަށް ބަލާއިރު އާ ޕްރިންސިޕަލަކާއެކު އާ ކަންތައްތަކެއް ތަޢާރަފުކޮށް މިހާރަށްވުރެ ރަނގަޅަށް އެ ސްކޫލް ހިންގުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިހާރު އޮތް ބިންގަލުގެ މަތީގައި ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރެއްވޭނެއެވެ. އެ މާހައުލު އެ އޮތީ އެ ސްކޫލުގައި ޤާއިމް ކުރެވިފައެވެ.
advertisment
ހިޔާލު