ހދ. މަކުނުދޫ ސްކޫލުގެ މުދައްރިސެއްގެ ގޮތުން ކުރެއްވި 42 ދެ އަހަރުގެ ރަން ޚިދުމަތަށްފަހު، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރެއްވި މަރިޔަމް އަލީ ( މަރިޔަމް މިސް)އަށް ތައުރީފު ނުކުރައްވާ އެންމެ މުވައްޒަފެއް ވެސް އެ ސްކޫލުގައި ނެތެވެ. 65 އަހަރު ފުރި، ޚިދުމަތުން މުސްކުޅި ކުރެއްވުމާ ހަމައަށް ރަށުގެ ތައުލީމަށް ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ޚާއްޞަ ހަފުލާ ބޭއްވީ ހުކުރު ދުވަހުގެ ރޭ މަކުނުދޫ ސްކޫލުގައެވެ. މަރިޔަމް މިސްގެ ހިތްވަރާއި ކެރުމާއި ގެންގުޅުންވި އަޚްލާގަށް އެ ހަފްލާގައި، އެ ސްކޫލުގެ މުވައްޒަފުން ތައުރީފު ކުރެއްވިއެވެ.

" މިއީ އުއްމީދު ކުރިވަރަށްވުރެ ބޮޑު ހަފްލާއެއް! މިހިސާބަށް އާދެވުނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ދީލަތިވަންތަކަމާއި އޯގާވަންތަ ކަމުން އަޅުގަނޑަށް ލެއްވި ރަހުމަތެއްގެ ގޮތުން" ހަފުލާގައި، ވާހަކަ ދައްކަވަމުން މަރިޔަމް މިސް ވިދާޅުވިއެވެ.
މުދައްރިސެއްގެ ގޮތުން ޚިދުމަތް ފެއްޓެވީ މިހާރުގެ ސްކޫލު ފެށުމުގެ މާ ކުރިން، 1982 ވަނަ އަހަރުގައެވެ. މަރިޔަމް މިސްއަކީ މަކުނުދޫ ސްކޫލުގެ ދެވަނަ މުދައްރިސެވެ. 42 އަހަރު ވެންދެން މެދުކެނޑުމެއް ނެތި ކިޔަވައި ދެއްވުމުގައި ހޭދަ ކުރެއްވި މުއްދަތުގައި، ސުޕަވައިޒަރެއްގެ އިތުރުން ސްކޫލް ހިންގުމުގެ ޒިންމާވެސް އެއް ދުވަސްވަރެއްގައި އަދާކުރެއްވިއެވެ. ލިޔަން ކިޔަން ދަސްކުރުމަށް ސަރުކާރުން އޭރު ހިންގެވި ޕްރޮގްރާމުގެ ތެރެއިން މަކުނުދޫގެ އެތައް ބަޔަކަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި ވެސް މަރިޔަމް މިސް އަދާކުރެއްވީ މުހިންމު ރޯލެކެވެ.

މަރިޔަމް މިސް ވިދާޅުވީ، ޕްރައިމަރީ ތައުލީމު ހާޞިލް ކުރެއްވި ނަމަވެސް އޭނާއަކީ އެއިރަށް ބަލާއިރު ވެސް ފެންވަރު ރަނގަޅު މީހެއް ނޫން ކަމަށެވެ. އެހެންވެ އިލްމް ހޯދަން ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން ލިބުނު ހަނި ފުރުޞަތެއްގައ ކުރިއަށް ވަޑައިގެންނެވީއެވެ. އެކަމުގައި ކުރިއަށް ވަޑައިގެންނެވުނީ، މުދައްރިސް ކަމުގެ ކޯސް ހައްދަވަން ފެއްޓެވިއިރު، ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވި މައުސޫމާ ޖަލީލް އޭނާއާ މުޙާޠަބުކޮށް ވިދާޅުވި ބަސްފުޅެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.
މައުސޫމާ ވިދާޅުވީ" މަރިޔަމްއޭ! މަސައްކަތްކުރަން ބޭނުންވާ ކަމަށްވާ ނަމަ އަބަދުވެސް ހިތުގައި ބާއްވާށޭ ވާނެއޭ. ވާނެއޭ ހިތަށް އަރުވައިފިއްޔާ އެކަމެއް ވާނެއޭ. ނުކުރެވޭނެއޭ ހިތަށް އަރުވައިފިއްޔާ އެކަމެއް ނުވާނެއޭ، މަސައްކަތުން ދުރަށޭ ދެވޭނީ"

މަރިޔަމް މިސް ވިދާޅުވީ، މިއަދު އޭނާއަށް ތަޖުރިބާ ކުރެއްވުނީ އެއީ ވަރަށް ރަނގަޅު ނަސޭހަތެއްގެ ގޮތުގައި ކަމަށާއި އެ ބަހަކީ ވަރަށް" އާރުލާ ބަހެއް"ގެ ގޮތުގައި ކަމަށެވެ.
މަރިޔަމް މިސް ވިދާޅުވީ، މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރަން ނުކުންނެވުމުގެ ކުރިން " ޓީޗިންގ ޕްރެކްޓިސް" ހެއްދެވުމަށް އޭރު ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތާ އަޅާބަލާއިރު މިހާރު އެކަން ކުރަންޖެހޭ ގޮތް މާ ކަންފަސޭހަ ކަމަށެވެ. އޭރު ޓީޗިންގ ޕްރެކްޓިސް ނިންމައި ކިޔަވައިދޭން ނެރުއްވަނީ ހުރިހާ ކަމެއްގެ ތެރެއަށް ލޯ ހުޅުވާލެވޭވަރު ކުރައްވާފައި ކަމަށް މިސް ފާހަގަކުރެއްވިއެވެ.
" އޭރު ޓީޗިން ޕްރެކްޓިސް ކުރައްވާ ބޭފުޅުން ޓީޗިންގ ޕްރެކްޓިސްތަކަށް ރަށްރަށަށް ފޮނުއްވާއިރު އެ ރަށެއްގައި، ރަށުތެރޭގައި ކުރާ މަސައްކަތްތަކުގައި ވެސް ބައިވެރިކުރުވާނެ. ރަށުގެ މީހުން ކުރާ ކޮންމެ މަސައްކަތަކީ އަޅުގަނޑުމެން އޭރު ކުރަން ޖެހޭ މަސައްކަތެއް. އެހެންވެ އަޅުގަނޑުމެންނަށް އެގޮތަށް ފަރިތަވެފައި ހުރީ. އޭރު ތަމްރީނު ދެނީ ހަމައެކަނި ކިޔަވައިދޭކަށް ނޫން. ހަމައެކަނި ކުލާސްރޫމުގައި އުޅެލާކަށް ނޫން. މުޅިރަށުގައި ހިނގާ ހުރިހާ ކަމެއްގެ ތެރެއަށް ލޯ ހުޅުވައި ދެއްވާފައި ފޮނުއްވަނީ. އެހެންވީމާ ކިތަންމެ ކުޑައެއްޗެއް ލިބުކަމުގައި ވިޔަސް އޭގެ ބޭނުން ހިފިދާނެކަން އަޅުގަނޑަށް މިއަދު އެނގޭ" މަރިޔަމް މިސް ވިދާޅުވިއެވެ.
އޭރު މީހުން ބަލައިނުގަތް، އެކަމަކު މިހާރު އެންމެންގެ އިޙްތިރާމާއި ލޯބި
މަރިޔަމް މިސް ވިދާޅުވީ، އޭނާގެ އާއިލާއަކީ ވަރަށް ނިކަމަތި އާއިލާއެއް ކަމަށެވެ. ބައްޕައަކީ އެ ރަށަށް ބީރައްޓެއްސަކަށް ވުމުން މީހުންގެ ފަރާތުން އޭރު ލިބުނީ މަލާމާތް ކަމަށެވެ.
" އެހާ ކުޑަކޮށް ކިޔެވިފައި ހުރުމާއި އެހާ ބަލިކަށި މީހެއްގެ ގޮތުގައި ހުރުމުން، ގިނަ މީހުން ބަލައިގަންނަ މީހެއްގެ ގޮތުގައެއް ނޫން ބޮޑުވެގެންއައީ" ކުރީގެ ހަނދާންތައް އެންމެ ކުރިއަށް ގެންގޮސްދެއްވިއެވެ.
މަރިޔަމް މިސް ވިދާޅުވީ، އެކަމުގެ ތެރޭގައި އޭނާއަށް އަމާޒުވީ " އެއްޗެހިކިއުމާއި ވަށްބަހުން ކުރި މަލާމާތް" ކަމަށެވެ.
" އެކަމުން ހިތްވަރު ލިބުނީ. ކުރިއަށް ދިއުމަށް މަސައްކަތް ކުރީ"

މިސް ވިދާޅުވީ، މިޒަމާނުގައި ފެންނަނީ އޭގެ އަނެއް ކޮޅު ކަމަށާއި މީހަކު އެއްޗެއް ބުނެފިއްޔާ ހިތްވަރު ހޯދުމުގެ ބަދަލުގައި ދެވެނީ ފަހަތަށް ކަމަށެވެ.
ރޭގެ ހަފްލާގައި ވާހަކަ ދެއްކި ހުރިހާ ބޭފުޅުން ވެސް ފާހަގަކުރެއްވީ މަރިޔަމް މިސްގެ ހިތްހެޔޮކަމާއި އެހެން މީހުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ގޮތެވެ. ކިޔަވައިދެއްވުމުގައާއި ކުދިންނާ އޮތް ގާތް ގުޅުމާއި ގެންގުޅުއްވާ އުކުޅުތަކާއި އާއިލާއާއެކު އޮތް ގުޅުމެވެ. ޚާއްޞަކޮށް އާއިލާގެ މީހުންނަށާއި ރަށުގެ ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކަށް ތަޢުލީމް ފޯރުކޮށްދޭން ކުރެއްވި ބުރަ މަސައްކަތެވެ.
62 އަހަރުގައި ޑިގްރީ ނިންމުން، އުއްމީދުކުރި ކަމެއް ނޫން
މަރިޔަމް މިސް ވިދާޅުވީ، ކިޔެވުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އާއިލާއިން ކަމަށެވެ. ފުޅިބައްތި އާއި އަތްބައްތި ހިފައިގެން މާމަ އޭނާ ގޮވައިގެން ތައުލީމުގެ ހޯދަން، އުނގެނެން، މީސްމީހުންގެ ކައިރިއަށް ދިޔަ ދިއުމަކީ މިއަދު ތައުލީމީ މީހެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެޅުއްވުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.
އޭގެ ފަހުން ޕްރައިމަރީ ނިންމައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށް މިސް ފާހަގަކުރެއްވިއެވެ. އެކަންތައްތަކުން އަރައި ގަތުމަށް ހިތްވަރު ހޯއްދެވީ މީހުން ދައްކާހާ ވާހަކަތަކަށް ބެއްލެވުމެއް ނެތި ހޯއްދެވި ހިތްވަރުން ކަމަށް މަރިޔަމް މިސް ވިދާޅުވިއެވެ.
" ދަރިން ތަރުބިއްޔަތު ކުރުމާއި އިލްމް ހޯދައި ދިނުމުގައި ދަރިންގެ ކުރިއެރުމަށްޓަކައި ވާ ޤުރުބާނީ އަކީ ވަރަށްމުހިންމު އެއްޗެއް. އެހެން މީހުން ކިޔާ އެއްޗިއްސާއި ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ހެއްލިގެން ނުވާނެ. އެހެން މީހުން ދައްކާ ވާހަކަތަކުން މާޔޫސް ވެގެން ވެސް ނުވާނެ"

މަރިޔަމް މިސް ވިދާޅުވީ، ކިޔެވުމާއިގެން ކުރިއަށް ވަޑައިގެންނެވުނީ ވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައި ކަމަށެވެ.
" ފުރަތަމަ ޤަބޫލުކުރީ މިކަމެއް ނުވާނެއޭ. މިހާ ދުވަސްވީމާ ކިހިނެއްހޭ ކިޔެވޭނީ. އެކަން ވެސް ވަރަށް ފަސޭހައިން ބަދަލުކޮށްލެވިއްޖެ. މަކުނުދޫ ސްކޫލުގެ މުދައްރިސުންގެ ފަރާތުން ވެސް ލިބުނީ ވާނެއޭ، ކުރެވޭނެއޭ ފަދަ ހިތްވަރު ދިނުމުގެ ބަސްތައް"
މަރިޔަމް މިސް ކިޔެވުމަށް ދެއްވި ޝައުޤުވެރިކަމާއެކު ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ހެއްދެވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ޤުރުއާނާއި ދިވެއްސާއި އިސްލާމް ވެސް އައީ ކިޔަވައި ދެއްވަމުންނެވެ.
އޭގެ ފަހުން ފުރަތަމަ ޑިގްރީ ހައްދަވައި އިސްލާމީކް ޓީޗަރެއްގެ ގޮތުގައި 2022 ވަނަ ދަސްވެނިވިއެވެ. އޭރު އުމުރުން 62 އަހަރެވެ. ވަޒީފާއިން މުސްކުޅިކުރައްވަން އޭރު އޮތީ އެންމެ ދެ އަހަރެވެ.
މިސް ވިދާޅުވީ، ތައުލީމީ ދާއިރާގައި ހޭދަކުރެއްވި އެންމެ ފަހު ދުވަސްތައް، ޚާއްޞަކޮށް ކިޔެވުމުގައި ފަހުން ހޭދަކުރެއްވި ދުވަސްތަކުގައި އެންމެންގެ ފަރާތުން ފެނުނީ ހީވެސް ނުކުރާ ފަދަ އެހީތެރިކަމަކާއި އެއްބާރުލުމެއް ކަމަށެވެ. އެ އުމުރުގައި ކިޔެވުމާއިގެން ކުރިއަށް ވަޑައިގެންނެވުނީ ސްކޫލާއި މުދައްރިސުންނާއި ޚާއްޞަކޮށް ޕްރިންސިލާއި އަދި އެނޫނަސް އެތައް ބައެއްގެ އެހީތެރިކަމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
" ކޮންމެ ޓީޗަރަކާ ސުވާލެއް ކުރިޔަސް ލަދެއް ނެތި އެ ސުވާލަކަށް ޖަވާބުދޭ. ބައެއް ފަހަރު ބުނެލެވޭ ވަރަށް ގިނައިން ދޯއޭ މި އަހާލެވެނީ ވެސް، ޖަވާބުގައި ބުނޭ، ނޫނެކޭ މަރިޔަމް މިސް އަހާލީމާ ބުނެދޭ ހިތްވެއޭ. އަދިވެސް އެބައޮތްހޭ އޮޅުން ފިލުވަން ބޭނުންވާ ތަންކޮޅެއް. ކޮންތަންކޮޅެއްހޭ ބުނެދޭންވީ" އެކަން ކޮށްދޭން ބޭނުންވާކަން އެބޭފުޅުންގެ އަމަލުންނާއި ހިތުން ވެސް ފެންނަ ކަމަށް މަރިޔަމް މިސް ވިދާޅުވިއެވެ.
" ފަހުން ބައްދަލުވާ ފަހަރު ވެސް އައްސަވާ ކޮބާ މަސައްކަތް ނިމިއްޖެހޭ" މަރިޔަމް މިސްއަށް ފަސޭހަ ކަމާއެކު ކިޔެވުމާއިގެން ކުރިއަށް ވަޑައިގެންނެވި ސަބަބަކީ އެއީއެވެ.

މިސް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވި ނަމަވެސް ކިޔެވުމާއިގެން ކުރިއަށް ވަޑައިގެންނެވުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވީ އެހެން މުދައްރިސުންނާ އެއްވަރަށް މަސައްކަތް ކުރެއްވޭ ކަމުގެ އިހުސާސް އަމިއްލަ ނަފުސަށް ވެސް ކުރެއްވޭތީއެވެ. މަސައްކަތުގައި މާ ބޮޑު ތަފާތެއް ނެތީމައެވެ.
" ކިޔަވަން ކޯހަށް ކުރިމަތިލި އިރު ހިތަށް އެރީ އަޅުގަނޑުގެ މަދުވާނީ ހަމައެކަނި ސެޓްފިކެޓެކޭ. ގިނަ ތަޖުރިބާތަކެއް ހާޞިލްކުރެވިއްޖެއޭ. އަޅުގަނޑަށް ކުރެވޭ މަސައްކަތާ އެހެން ބޭފުޅުން ކުރައްވާ މަސައްކަތާ މާބޮޑު ތަފާތެއް ނެތޭ. އެކަން އިހުސާސް ކުރެވުމަކީ އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް"
މަތީ ތަޢުލީމުގައި މަރިޔަމް މިސްއަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ ބެޗްލާސް ޑިގްރީގެ އިނގިރޭސި މޮޑިއުލެވެ. އެ މޮޑިއުލުން ފާސްވުމަށް ބޭނުންވާ އިތުރު އެހީ ހޯދުމުގެ ގޮތުން އިނގިރޭސި ބަސް ދަސްކުރެއްވުމަށް އަމިއްލަ ގޮތުން ހަ މަސްދުވަހުގެ އޮންލައިން ކޯހެއް ވެސް ހެއްދެވިއެވެ.
ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު، ރަށުގެ މުއައްސަސާ ތަކުން މަރިޔަމް މިސްގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްދެއްވުމަކީ ވެސް އޭނާ އުއްމީދު ކުރިކަމެއް ނޫނެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް މަރިޔަމް މިސް ދެއްވީ ލޯތްބެވެ. އިޚްތިރާމެވެ. ބިނާކޮށްދެއްވި އެތައް ޖީލެއްގެ ހެޔޮދުޢާ ވަނީ މިސްއާ އެކުގައެވެ.
advertisment
ހިޔާލު