ވިޔަފާރީގެ ހިއްސާގެ ފައިދާ ދަރިވަރުންނަށް ބަހައި، ބިޒްނަސް ކުލަބަށް ލިބުނު ފައިދާއިން ގަތީ ކުލާސްރޫމްތަކުގައި ބަހައްޓާނެ ޓީވީތައް
މަދްރަސްތުލް އިފްތިތާހުގައި ދަރިވަރުންނަށް ޙާއްސަ ކޮށްގެން ބާއްވާ އެކި އެކި ހަރަކާތް ތަކުގެ ތެރެއިން "އިފްތިތާހީ އެންޓަރޕްރިނަރ" އަކީ ބިޒްނަސް އަދި ބީޓެކް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގެ މަގުސަދަކީ ވިޔަފާރިއާ އިގްތިސާދަށް ދަރިވަރުން ހޭލުންތެރި ކުރުމާއެކު އަމިއްލަ ވިޔަފާރިއެއް ފަށައި ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހަދާ އެޕްލޭން ތަންފީޒުކޮށް އޭގެ ފައިނަލް ރިޕޯރޓް ތައްޔާރު ކުރުމެވެ.
މި ހަރަކާތަށް ދަރިވަރުން ތަމްރީނު ކުރުމުގެ ގޮތުން ބިޒްނަސް ޕްލޭން ހަދާނެ ގޮތުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. 54 ދަރިވަރުންނަށް ކުރިއަށް ގެންދެވުނު މިސެޝަން ނަންގަވާއި ދެއްވީ ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗުގެ މުވައްޒަފަކާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ ބޭފުޅެކެވެ.

މިއަހަރުގެ "އިފްތިތާހީ އެންޓަރޕްރިނިއާ" ގައި 9 ގްރޫޕަކުން ޖުމުލަ 152 ދަރިވަރުންވަނީ ބައިވެރިވެފައެވެ. ވިޔަފާރިއެއް ފަށަން ކޮންމެ ގްރޫޕަކަށް "އިފްތިތާހީ ބިޒްނަސް ކްލަބު"ން 1000 ރުފިޔާގެ އިންޓްރެސްޓް ފްރީ ލޯނެއް ދޫކުރިއެވެ.
ވިޔަފާރީއެއް ފަށަން ދޫކުރި ލޯނާއި އަދި ދަރިވަރުން އަމިއްލައަށް ހޯދި ފައިސާގެ އެހީގައި ފެށި ވިޔަފާރިތައް ދައްކާލުން އޮތީ ފެބުރުއަރީ މަހުގެ ދެ ވަނަ ދުވަހު މަދްރަސްތުލް އިފްތިތާހުގެ ގޯތިތެރޭގައި ބޭއްވި ޚާއްޞަ ވިޔަފަރީގެ މައުރަޒެއްގައެވެ. ދެ ހާހަށްވުރެ ކުރިއަށް މީހުން ޒިޔާރަށް ކުރި އެ މައުރަޒުގައި ދަރިވަރުންގެ ކުރިއަށް ގެންދިޔަ ވިޔަފާރި ތަކުން 70099.75 ރުފިޔާ ވަނީ ހޯދާފައެވެ.

މި ފަހަރު އެ ދަރިވަރުން ކުރިއަށް ގެންދިޔަ ވިޔަފާރި ތަކުގެ ތެރޭގައި ޑޭކެއަރ، ކާބޯތަކެތީގެ ޚިދުމަތާއި ވެހިކަލް ސާފުކުރުން ފަދަ ވިޔަފާރިތައް ހިމެނެއެވެ.
ރަގަޅު އިނާމުތަކެއް ހުށަހަޅާއިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި "ބެސްޓް ބިޒްނަސް ޕްލޭން" "ޔުނީކް އައިޑިއަރ" އަދި "ބެސްޓް ފައިނަލް ރިޕޯރޓް" އަށް ޖުމުލަ 3000 ރުފިޔާ އިނާމުގެ ގޮތުގައި ވަނީ ދީފައެވެ. އިނާމުގެ ގޮތުގައި އެއްވަނައަށް އައި ގްރޫޕަށް 1500 ރުފިޔާ، 2 ވަނައަށް އައި ގްރޫޕަށް 1200 އަދި 3 ވަނައަށް އައި ގްރޫޕަށް 1000 ރުފިޔާއާއެކު ޖުމުލަ 6700 ރުފިޔާ ވަނީ އިނާމުގެ ގޮތުގައި ދަރިވަރުންނަށް ދީފައެވެ. އެ ދުވަހު ހިންގި ވިޔަފާރީގެ ހަރަކާތްތަކުން ލިބުނު ފައިދާއިން "ޑިވިޑެންޑް" ގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 150 ރުފިޔާ ފައިދާގެ ގޮތުގައި ބަހާފައިވެއެވެ.

”އިފްތިތާހީ އޮންޓަރޕްރިނަރ" ހިންގައިގެން ލިބޭ ފައިދާއިން ޚަރަދު ކުރަނީ، ދަރިވަރުންނާ ގުޅުންހުރި ރިސޯސް އެ ސްކޫލަށް ހޯދުމަށެވެ. މިދިޔަ އަހަރާއި މިއަހަރު ވެސް ދަރިވަރުންގެ ކިލާސް ރޫމްތަކުގައި ބަހައްޓަން ޓީވީ ވަނީ ހަދިޔާ ކޮށްފައެވެ. މި އަހަރު، 65 އިންޗީގެ 5 ޓީވީ ބިޒްނަސް ކުލަބުން ވަނީ ސްކޫލަށް ހަދިޔާ ކޮށްފައެވެ. ޓީވީ ގަންނަން އެ ކުލަބުން 38،250 ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
"އިފްތިތާހީ އެންޓަރޕްރިނިއާ" ގެ ހަރަކާތްތައް އެ ސްކޫލުގައި ކުރިއަށް ގެންދާތާ މިއީ ހަތް ވަނަ އަހަރެވެ.

މިފަދަ ޕްރޮގްރާމް ތަކުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ދެވޭ ތައުލީމަކީ އޭގެ ބޭނުން އަމަލީ މައިދާނުގައި ބޭނުންކޮށް ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމުގެ ގޮތުން ކުރެވޭ މަސަކަތެކެވެ. މިފަދަ ޕްރޮގްރާމް ގެ ސަބަބުން ކަންތައްތައް ރާވާ ހިންގާ ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ދަރިވަރުންނަށް މަގުފަހި ވެދެއެވެ.
ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، އެ ސްކޫލުގެ މައިގަނޑު މަޤްޞަދަކީ ފައިސާ ހޯދުމެއް ނޫން ކަމަށާއި ބޭނުމަކީ ވިޔަފާރީގެ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ.

" ވިޔަފާރީގައި އޮންނަނީ ފައިދާއާއި ގެއްލުން. ފައިދާވާއިރު ބައެއް ފަހަރު ގެއްލުންވާ ފަހަރުވެސް އާދޭ" ފަރުހަތު ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ "އިފްތިތާހީ އެންޓަރޕްރިނިއާ" ގައި ބައިވެރިވާ ދަރިވަރުން އަމިއްލަ މަސައްކަތެއް ފަށާކަން ފާހަގަކުރެވޭ ކަމަށާއި ދަރިވަރުންގެ ލީޑަރޝިޕްގެ ހުނަރުތަކާއި ބިޒްނަސް މާއްދާއަށް އޮންނަ ޝައުޤުވެރުކަމާއި އޭގެ ތެރެއިން ސްޓްރީމެއް ހިޔާރު ކުރުމުގައި ބިޒްނަސްއަށް އިސްކަންދޭ ކުދިން އިތުރުވަމުން އަންނަ ކަމަށެވެ.
advertisment
ހިޔާލު