ގަހަނާއަށްފަހު، ސެން ދެ ދަރިވަރުން މި ފަހަރު ދަސްކުރީ ކުކީސް ހަދަން

ޢަމަލީ ގޮތުން ދެ ދަރިވަރުން ދަސްކުރީ ވިޔަފާރިއެއްގެ ގޮތުގައި ކުކީސް ތައްޔާރުކޮށް އެ ޕެކްކޮށް މާކެޓް ކުރާނެ ގޮތް 

އއ. އުކުޅަހު ސްކޫލުގެ ސެން ކުލާހުގައި ކިޔަވަމުންދާ ދެ ދަރިވަރުން މި ފަހަރު ދަސްކުރީ ކުކީސް ހަދާށެވެ. މިގެ ކުރިން އެ ދެ ދަރިވަރުން ދަސްކުރީ ގަހަނާ ހަދާށެވެ. އެ ދަރިވަރުންގެ ހުނަރަށް އެތައް ބައެއްގެ ތައުރީފު ވަނީ މީގެ ކުރިން ލިބިފައެވެ.

ކުކީސް ހަދަން ދަސްކޮށް ދިނުމަކީ މި ދިރާސީ އަހަރު އައިސީޕީ ގައި އެކުދިންނަށް ހާސިލް ކޮށްދޭން ކަނޑައެޅި އެއް އަމާޒެވެ.

ކުކީސް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ 1:29 މިނެޓްގެ ކުރު ވީޑިއޯއެއް އުކުޅަހު ސްކޫލުން މިހާރު ވަނީ އާންމު ވެސް ކޮށްފައެވެ.

ކުކީސް ހަދަން ފެށުގެ ކުރިން ދަސްކޮށްދިނީ ރަހަފަތަށް ބޭނުންވާ މިންގަނޑަށް ތަކެތި އަޅާނެގެ ގޮތެވެ. ދެން ގިރާނެ ގޮތެވެ. ކުކީސް ތައްޔާރުކޮށް އަވަނަށް ލައިގެން ފިހާނެ ގޮތާއި ފިހުމަށްފަހު ޕެކްކޮށް ވިޔަފާރިއެއްގެ ގޮތުގައި ބާޒާރަށް ނެރެ ވިއްކާނެ ގޮތެވެ. މި ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދިޔައީ އެ ދަރިވަރުން އަމިއްލައަށެވެ. މިއީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމަށް ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތުގައި އެ ދެ ކުދިންނަށް އެހީތެރިވުމުގައި، އަދި އެ ހުރިހާ ކަމެއް ކުދިންގެ ރައްކާތެރިކަމަށް އިސްކަން ދީގެން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެއްވީ ސެންޓީޗަރު އިނާޝާ އިމާދު (އިނާޝާ މިސް) އެވެ.

ކުކީސް ހަދަން ދަސްކުރަން އަމަލީ މަސައްކަތް ފެށީ އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށް، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ބޭނުންވި ހުރިހާ އެއްޗެއް ހަމަ ކުރުމުގައި އެ ދަރިވަރުންގެ ބަޖެޓާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާލުން ލިބުނު ކަމަށް އުކުޅަހު ސްކޫލުން ފާހަގަ ކުރެއެވެ.

އިނާޝާ މިސް ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ވަށައި ޖެހޭ ގޮތެއްގައި އެ ދަރިވަރުން އަމަލީ މައިދާނަށް ނެރުމަށް ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އެކަން ކުރުމުގައި އެ ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް ބޮޑެވެ. އަދި ބެލެނިވެރިންނާއި ސްކޫލާއި ސެންޑިޕާޓްމަންޓްގެ ލީޑިންގ ޓީޗަރު ޝަހުމިއްޔާ މިސް ގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކުރެއްވިއެވެ.

" ގޮންޖެހުންތައް ވެސް ކުރިމަތިވި. ޝަހުމިއްޔާ މިސް އެ ހުރިހާ ކަމެއް ހައްލުކޮށް ދެއްވި" އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓަރސް ހާޞިލް ކޮށްފައިވާ އިނާޝާ މިސް ފާހަގަކުރެއްވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ 22 ދަރިވަރުން އުކުޅަހު ސްކޫލުގައި ކިޔަވަމުން ގެންދެއެވެ.

އިނާޝާ މިސް ވިދާޅުވި ގޮތުގައި އެހެން ކުދިންގެ ފަރާތުން އެ ދެ ދަރިވަރުންނަށް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ. އަދި އެ މަސައްކަތް ތަޢުރީފު ވސް ކުރިއެވެ. އެއީ އެ ދަރިވަރުންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

ދެ ދަރިވަރުން ތައްޔާރު ކުރި ކުކީސްތައް ވިއްކީ އެ ސްކޫލުގައި އެކަމަށް ބޭއްވި ޚާއްޞަ ހަރަކާތެއްގައެވެ.

" އެ ކުދިންނަކީވެސް ހުނަރުވެރި ކުދިންތަކެއް. އެކުދިންގެ ހުނަރު ދެނެ ގަނެ އެ ހުނަރު ކުރިއަރުވަން މަސައްކަތް ކުރަން ފުރުސަތު ލިބުނީތި އުފާ ކުރަން. ވަރަށް އުފާވޭ ސުކޫލު ދައުރު ނިމިގެންދާއިރު އެކުދިންނަށް ވެސް ކުރެވޭނެ މަސައްކަތެއް ދަސްކޮށްދެވުނީތީ" އިނާޝާ މިސް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *