ރައުޙުލް: ދޮންބެ ހިނގި މަގުން ހިނގައި، ކެޕްޓަންކަމުން މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރަށް

ދަރުމަވަންތަ ސްކޫލުގެ ކެޕްޓަން ކަމުގެ ޒިންމާ އުފުލައި، އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ސްޓޭޖް މަތިން ހޯދައިގެން ދޮންބެ ދިޔަ ތަން ބަލަން މީގެ އަހަރުތަކެއް ކުރިން ރައުޙުލް ގުއްދޫސް ބިން އިސްމާޢީލް އިނީ ގޭގައެވެ. ދޮންބެގެ އެ ފަޚުރުވެރި ކާމިޔާބީއާއެކު އެރޭ ރައުޙުލް އަޒުމެއް ކަނޑައެޅިއެވެ.

އެއީ " ދޮންބެ ކަހަލަ މޮޅު ކުއްޖަކަށް" ވުމެވެ.

ދޮންބެ، އެ ކާމިޔާބު ހޯދީ ދަރުމަވަންތަ ސްކޫލުންނެވެ. ދޮންބެގެ ފަހަތުން، ރައުޙުލް އެ ކާމިޔާބީ ތަކުރާރު ކުރީ މަޖީދިއްޔާ ސްކޫލުންނެވެ. މަޖީދިއްޔާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ރޭ ނިމިގެން ދިޔައިރު، އެންމެ އުފާވި ދަރިވަރަކީ ވެސް ރައުޙުލްއެވެ. ދޮންބެގެ ފަރާތުން އިންސްޕިރޭޝަން ލިބިގެން، މަޖީދީއްޔާގެ ކެޕްޓަން ކަމުގެ ޒިންމާ އަދާކުރަމުން ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ދެއްކި ހިތްވަރަކީ ރޭ ސްޓޭޖް މަތިން މަޖީދީ ފަޚުރިވެރި ގޯލްޑް ސްޓަރ ހޯދުމުގެ އަޞްލެވެ.

" ދޮންބެގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްކުރަން ފުރުޞަތު ލިބުނު. އަޅުގަނޑު އެހީއަކަށް އެދޭ ކޮންމެ ފަހަރަކު އަޅުގަނޑާއެކު ދޮންބެ ހުރޭ. ބައެއް ފަހަރު ކިޔެވުމުގައި، ސްޓްރެސްވެގެން ދާ ފަހަރު، ދޮންބޭބެގެ އެ ސަކަ މިޒާޖުން ވަރުބަލިކަމާއި ހާސްކަން ފިލުވާލަދޭ. ދޮންބެ އަބަދުވެސް ބުނާނެ ދޮންބެ އަށް ވުރެ ރަނގަޅު ނަތީޖާ އޯލެވެލްގައި ހޯދޭނެ ކަމަށް. ކިޔެވުމާއި ކުޅިވަރާއި ހުސްވަގުތު އޭގެ އެންމެ ފައިދާ ހުރި ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް ކެނޑިނޭޅި ކިޔާދިނީ ވެސް ދޮންބެ" ރައުޙުލް ރޭ ކިޔައިދިނެވެ.

 

މައިން ބަފައިން ދިން ތަރުބިއްޔަތު ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ތެރޭގައި

އަބީގެ ނަމުގައި ބައްޕައަށް ނުހަނު ލޯތްބާއެކު މުޙާތަބުކޮށް، ރައުޙުލް ބުނީ، ވިޔަފާރީގައި ނުހަނު ބުރަކޮށް އުޅުއްވަމުން ވެސް އޭނާ ތަރުބިއްޔަތު ކުރުމުގައި ހުއްޓުމެއް ނެތި ދެމުން ގެންދާ އިރުޝާދުތަކާއި ދޭ ނަސޭހަތް ހަނދާން ނައްތާ ނުލާނެ ކަމަށެވެ. މަޖީދިއްޔާގެ 5 ވަނަ ގުރޭޑަށް ވެއްދުމަށްފަހު، އެ ދުވަހު ބައްޕަ ދިން ނަޞޭހަތުގެ ބަސް ރައުޙުލް އަށް މިއަދު ވެސް އިވިއިވި ހުރި ކަހަލައެވެ. " ސްކޫލަށް ވަން ދުވަހު، އަބީ ބުނުއްވީ ބއްޕަގެ ސްކޫލަށޭ ތި ދަނީ. ވަރަށް ބަސްއަހާ މޮޅު ކުއްޖަކަށް ވެގެން ބެސްޓް އޯލް ރައުންޑް ހޯދައިގެން އައުމަކީ އަބީ ވަރަށް ބޭނުންވާ ކަމެކޭ. އެ ދުވަހަކުން އަބީ ވަރަށް އުފާވާނެއޭ"

ރައުޙުލް ބުނީ، އެދުވަހު އެ ވަގުތު އަބީއަށްޓަކައި، ލޯބިވާ ބައްޕައަށްޓަކައި އެކަން ކުރަން ބޭނުންވި ކަމަށެވެ.

މަޖީދިއްޔާގެ ގޯލްޑް ސްޓާއެއްގެ ހައިސިއްޔަތުން ޕޯޑިއަމްގައި ހުއްޓި ހުރެ ރައުޙުލް ބުނީ، މައިންބަފައިން އޭނާ ތަރުބިއްޔަތުކޮށް ދިރިއުޅުމުގެ ކަންތައްތައް ދަސްކޮށް ދީފައި ވަނީ ވަކި ހަމަތަކާއި އުޞޫލުތަކެއްގެ މަތިން ކަމަށެވެ. " އެއްވެސް ކަމެއްގައި މަކަރު ނުހެދުމަށާއި ދޮގު ނުހެދުމަށާއި މީހަކަށް ދެރެއެއް ދީފައި ތިމާ އަމިއްލައަށް މޮޅުވުމަށް ދުވަހެއްގައި ވެސް މަސައްކަތް ނުކުރުމަށް" ހަނދާން ކޮށްދެމުން ކަމަށެވެ. އަދި " އަބަދު ވެސް މުދައްރިސުންނަކީ އިޙްތިރާމް ކުރަން ޖެހޭ ބައެއްކަން ވިސްނައިދެމުން"ން ކަމަށެވެ.

ރައުޙުލް ދިޔައީ ކެޕްޓަނެއްގެ ޒިންމާ އަދާކުރަމުން ލީޑަރެއްގެ ހައިސިއްޔަތުން ކަންކަމުގައި ކުދިން ބައިވެރިކޮށްގެން ކަންކަން ރާވައި އިންތިޒާމް ކުރަމުންނެއެވެ. އެކަމަކު ކިޔެވުމުގެ އިތުރުން ގިނަ ވަގުތު ސްކޫލްގައި ހޭދަކުރުން ވެގެން ދިޔައީ އޯލެވެލް އިމްތިހާނަށް ތައްޔާރުވާން އޭނާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެ ހުރިހާ ކަމަކާ އޭނާ ކުރިމަތިލީ ފިސާރި ކެރިގެންނެވެ.

ދުވަހުގެ ތާވަލް ތައްޔާރު ކުރުމުގައި މަންމައަކީ ސޯނާ ގަޑި

ރައުޙުލް ބުނީ، ކާމިޔާބާ ހަމައަށް ވާޞިލްވާން އޭނާ ކުރި ބުރަ މަސައްކަތުގެ ފަރުދާގެ ފުރަގަހުގައި ހުރީ ލޯބިވާ މަންމަ ކަމަށެވެ.

" ދުވަހުން ދުވަހަށް އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ތަރުތީބުކޮށް އެކަންކަމުގައި ކޮންމެ މިނެޓެއް ހިސާބުކޮށް އަޅުގަނޑުގެ ދުވަހުގެ ތާވަލް ތައްޔާރު ކުރުމުގައި ސޯނާ ގަޑިއެއް ފަދައިން، ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑަށް ހަނދާންކޮށް ދިނުމުގައި ވަރުބަލިކަމެއް ނެތި މަންމަ ކުރި މަސައްކަތް ފާހަގަ ކުރަން" ރައުޙުލް ވާހަކަ ދެއްކީ ހާސް ކަމެއް ނެތި ފަރުވާތެރިކަމާ އެކުގައެވެ.

" ސައުވީސްގަޑިއިރުގެ ތެރޭގައި ވާރެއާއި އަވީގައި އެ ދިގު ބުރިޖް ހުރަސްކޮށް އަޅުގަނޑު ސްކޫލަށާއި ޓިއުޝަންތަކާއި އިތުރު ހަރަކާތްތަކަށް، ޝަކުވާއެއް ވަރުބަލި ކަމެއް ނެތި އުފުލުން އާދައަކަށް ހެދި. އަޅުގަނޑަށްޓަކައި މަންމަ އުފުލަމުން ދިޔަ ބުރަ ފެނިފައި ރަން ވަނަ ހާޞިލް ކުރުމަކީ އެއީ އަޅުގަނޑަށް ކުރަން މަޖުބޫރު ކަމަކަށްވި"

ރައުޙުލް ބުނީ، ކިޔަވަން ހޭލާ ހުންނަނަމަ ކަމަށް ބޭނުން ވެދާނެ ކަމަށްޓަކައި މަންމަ ހުންނަނީ އޭނާއާއެކު ހޭލައި ކަމަށެވެ. ސިކުނޑި އޭގެ އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް ވަކި ކަހަލަ ކާނާއެއް ކާންޖެހޭ ކަމަށް ބުނެ، ކޮންމެ އިމްތިހާނަކާ ދިމާކޮށް ކެއުމުގެ އާދަތަކަށް ވެސް ބަދަލު މަންމަ ގެންނަ ކަމަށް ރައުޙުލް ބުންޏެވެ. އަދި ސްކޫލަށް ދާ ވަގުތުން ފެށިގެން ނިދަން ވަންދެން ވަރަށް ހިކުމަތްތެރިކަމާއެކު އެއްވެސް ކަމެއް އުނިނުވާނެ ގޮތަކަށް އޭނާގެ ކަންތައްތަކުގެ އިތުރުން ގޭތެރޭގެ ކަންތައްތައް ބަލަހައްޓައި ތަރުތީބުކޮށް، ކިޔެވުމުގެ އިތުރުން ކުޅިވަރެއް ކުޅޭނަމަ އެތަނެއްގައި އެންމެ ފޯރިއާއެކު ހުންނާނީ މަންމަ ކަމަށެވެ.

" މަންމަގެ އެތައް އުފާތަކެއް ޤުރުބާން ކޮށްފައި އަޅުގަނޑަށްޓަކައި އޭރު ވެސް މިހާރު ވެސް ތިޔަ ވަގުތު ހޭދަކުރަމުން ގެންދަނީ. އަޅުގަނޑުގެ މުޅި އުމުރު ހޭދަކުރިޔަސް އޭގެ އަގު އަދާ ނުކުރެވޭނެ. ލޯބިވާ މަންމާ! ތިއީ އަޅުގަނޑުގެ ހަޔާތުގެ ދިރުން. އަޅުގަނޑުގެ ކާމިޔާބީގެ ތަޅުދަނޑި" މަންމައަށް އޮތް ލޯބި ރައުޙުލް ބަންޑުން ކޮށްލިއެވެ.

ރައުޙުލް ބުނީ، އޭނާގެ ކާމިޔާބީގައި އޭނާ އެންމެ ފަޚުރުވެރިވާ މަޖީދިއްޔާ ސްކޫލު ހިމެނޭ ކަމަށެވެ. ޕްރިންސިޕަލް، ޑެޕިއުޓީ ޕްރިންސިޕަލް، އަދި ކިޔަވައި ދެއްވި ހުރިހާ މުދައްރިސުން ޝާމިލުވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް ވަކިވަކިން ތަފްޞީލު ގޮތެއްގައި ޝުކުރު އަދާކުރިއެވެ.

ނަޞޭހަތަކީ، ފަހުވަގުތާ ޖެހެންދެން ފިލާވަޅު ދަސްނުކޮށް މަޑުނުކުރުން

ރައުޙުލްގެ ވާހަކަ ނިންމާލީ މަޖީދިއްޔާ ސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މުހިންމު މެސެޖްތަކެއް ދޫކޮށްލާފައެވެ. އެނާގެ ކާމިޔާބީގެ އަލީގައި އެ ދަރިވަރުން ކަންތައްތައް ކުރާނެ ގޮތުގެ އިރުޝާދުތަކެއް ދެމުންނެވެ.

" ވަގުތު އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާށޭ. އެންމެ ފަހުވަގުތާ ޖެހެންދެން ފިލާވަޅު ދަސްނުކޮށް މަޑުނުކުރާށޭ. ސްކޫލުން އިންތިޒާމް ކުރާ އެކްސްޓްރާ ކުލާސްތަކަށް ޤަވާއިދުން އައިސް ޓީޗަރުންގެ ގާތުން ނޭނގޭ ފިލާވަޅުތައް އޮޅުން ފިލުވާށޭ. ގުރޫޕް ސްޓަޑީ ހަދާނަމަ އެކި މާއްދާތަކަށް މޮޅު ކުދިން ހިމެނޭގޮތަށް ގުރޫޕް ހަދައިގެން ކިޔަވާށޭ. މި ހުރިހާ ކަމެއް ކުރާއިރު ބަރާބަރަށް ނަމާދުކޮށް ތިމާގެ ކާމިޔާބީއަށް އެދި ﷲއަށް ދުވާ ކުރުމަކީ ވަރަށް މުހިންމު ކަމެއް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *