" މީގެ އެގާރަ އަހަރު ކުރި. 2013ގެ ދިރާސީ އާ އަހަރު ފެށުނުއިރު [ތާޖުއްދީން ] ސްކޫލުން ގުރޭޑް އެކަކުން ޖާގައެއް ނުލިބި ޖެހިގެން ހުރި ސްކޫލުގެ ޔުނީފޯމްގައި [ތާޖުއްދީން] ސްކޫލަށް ކުދިން ވަންނަތަން ބަލަން ހުރިން. ދަންނަވަންތޯ، އޭރު ވެސް އަޅުގަނޑުގެ ހިތް އޮތީ މި [ތާޖުއްދީން] ސްކޫލުގައި. ނަޞީބު ދިމާކުރި ގޮތުން އެ އަހަރުގެ ދެ ވަނަ ޓާމުގައި ފަޚުރުވެރި ތާޖުއްދީން ސްކޫލުން އަޅުގަނޑަށް ޖާގައެއް ލިބުނު. އެއީ އަޅުގަނޑު އުފާވި އެއް ދުވަސް. އެ ދުވަހު، ހަތް އަހަރުގެ ލަދުރަކި މި ކުޑަކުޑަ ލީންގެ ހިތުގައި ބޮޑު އަޒުމެއް ކަނޑައެޅިން. އެއީ މި [ތާޖުއްދީނުން] އެ ލިބުނު ހަނި ޖާގަ، ތާޖުއްދީން ސްކޫލުގެ ހަޔާތުން ރަން އަކުރުން ފަވާލެވޭ ފަދަ ޖާގައަކަށް ހެދުމަށް. އެ އަޒުމާއި އެ ހިތްވަރުގައި ސާބިތުވެ ހުރެ، ހަރުފަތެއް ފަހު ހަރުފަތެއް ގިރާކުރަމުން އަޅުގަނޑުގެ އެންމެ ބޮޑު އެއް ހުވަފެން، ތާޖުއްދީން ސްކޫލުގެ ކެޕްޓަންކަން ކުރުމުގެ ފުރުޞަތު ލިބުނު. ދެން އޮތީ އަނެއް ހުވަފެން. އެ ހުވަފެން މިރޭ [އެންމެ މޮޅު ދަރިވަރުގެ މަޤާމް] ހާޞިލްވެއްޖެ" ފާއިތުވި 2023-2022 ވަނަ އަހަރު ތާޖުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު، ލީން އަޙްމަދު ތޯރިގު ދިހަ އަހަރުގެ ތެރޭގައި ކުރި މަސައްކަތް ކުރުކޮށް، ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ކިޔައިދިނެވެ.
ލީން ވަނީ 2023-2022 ވަނަ އަހަރު، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ. އަދި ތާޖުއްދީނުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އެއީ ފާއިތުވި އަހަރު އެ ސްކޫލުގެ ފަޚުރުވެރި ކެޕްޓަނެވެ. ސްޓޫޑެންޓް ކައުންސިލުގެ އިތުރުން ގާލްގައިޑްގައި ވެސް ހަރަކާތްތެރިވި ދަރިވަރެކެވެ.

ލީން ބުނީ، ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު ހިތްވަރެއް ދެއްވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ބަޝީރާ މެޑަމްއާއި މިހާރުގެ ޕްރިންސިޕަލް ފާތިމަތު މުޙައްމަދު (ފާތުން މެޑަމް) ކަމަށެވެ.
" އަޅުގަނޑަށް ކަމެއް ނުވާނެއޭ ހީވާ ވަގުތު ތަކުގައި ނުވާނެ އެ ބަހުގެ "ނު" މި އަކުރު އުނިކޮށް ވާނެއޭ ކިޔަން ދަސްކޮށްދެއްވީ އަޅުގަނޑުގެ ފާތުން މެޑަމް"
ލީން ބުނީ، ބައެއް ވަގުތުތަކުގައި، އިތުރު ހަރަކާތް ތަކާހުރެ ކިޔަވަން ލިބޭ ވަގުތުތައް މަދުކަމުން ބެލެނިވެރިން ކަންބޮޑުވި ނަމަވެސް، މެޑަމްގެ ޖަވާބަކަށް ވަނީ ލީންއަށް އިތުބާރުކޮށް އަމިއްލައަށް ކިޔެވުމާއި އެހެނިހެން ކަންކަން މެނޭޖް ކުރަން ދޫކޮށްލަން ކަމަށެވެ.
" ފޮތުން ކިޔަވާ އެއްޗަކަށްވުރެ ކަންކަމުގައި އަމަލީ ގޮތުން ލިބޭ އިލްމް މާ ބޭނުންތެރިވާނެއޭ، މެޑަމްގެ ޖަވާބުތައް ވެގެން ދިޔައީ މި ނަފުސުގެ އިތުބާރާއި ދިރުން އުފައްދައިދިން ބޭހަކަށް. އަމިއްލައަށް ކިޔެވުމާއި އެހެނިހެން ކަންކަން މެނޭޖް ކުރުމަށް ލިބުނު ވެކްސިނަކަށް. މި ހިނދުގައި، މި މޭގައި އެބަ ޓަކިޖަހާ، މެޑަމް އެ ވިދާޅުވާ ލީންއަށް ވާނެ، ލީން ކުރާނެ، ބަލަ ތިއޮއްވީނުން. ތި ލިބުނީނުން. ތިޔަ ޝަރަފު ހާޞިލްވީނުން. ވަރަށް ބޮޑަށް ޝުކުރިއްޔާ މެޑަމް" ލީންގެ ޝުކުރު ޕްރިންސިޕަލަށް އޮއްސާލިއެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުގެ ސީނިއާ މެނޭޖްމަންޓާއި މުދައްރިސުންނާއި ސްޓާފުންނާއި އެކުގައި ކިޔަވެހި އެންމެހައި ދަރިވަރުން ޝާމިލު ކުރިއެވެ.

ލީން ބުނީ، އޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ މަންމައާއި ބައްޕަ އަދި އާއިލާގެ މީހުން ކަމަށެވެ.
" އެންމެ އަގުބޮޑު ކާނާއަކީ މަންމައާއި ބައްޕަ ދެއްވި ނަޞޭހަތާއި ތަރުބިއްޔަތު. މަންމަގެ ނަން އައުމާއެކު ވިންދު ބުނެދޭ އެއްވާހަކަ އޮވޭ. ނުވީހޭ ތިބާ ނުވީނަމަ މަންމާ! ނުވީހޭ ތިމާ ނުވީނަމަ ބައްޕާ!"
ލީން ބުނީ، މިހާތަނަށް ލިބުނު ހުރިހާ ކާމިޔާބެއްގައި މަގު ކޮށައިދީ އޭނާގެ އަތުގައި ހިފައިގެން އެ ދަތުރު ކުރި ފަރާތަކީ މަންމަ ކަމަށެވެ.

" މަންމައަކީ މައިވަންތަ އެދުރެއް. ސްކޫލްވަންތަ ނިޒާމީ ޓީޗަރެއް. އަޚްލާޤީ އެތައް ސިފަތަކުން އަލުގަނޑު ޖަރީވި މަންމަގެ ސަބަބުން" ލީން ވާހަކަ ދެއްކީ ޖޯޝާއެކުގައެވެ.
" ލޯބިވާ ބައްޕާ! ތިއީ މި ދަރިފުޅުގެ ރޯލް މޮޑެލް. މިއީ ބައްޕަގެ ހަޔާތުން އަބަދުވެސް ހިތްވަރު ހޯދާ ދަރިއަކީމު، ބައްޕަ، އަޅުގަނޑަށް ދަސްކޮށް ދެއްވީ، ސްކޫލުގެ ކެޕްޓަންކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމުން ޤާބިލްކަން ހުރި މިންވަރުން އެކަމަށް ވަގުތު ދިނުމާއެކު ދިމާވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް. ބައްޕަގެ ދިރިއުޅުން ކިތަންމެހައި ވެސް ބުރަ. އެކަމަކު ވެސް ސްކޫލް ނިމޭގަޑީގައި އަޅުގަނޑުމެންނާ ދިމާވާއިރު ބައްޕަގެ އެ ހުންނަ ސަކަ މިޒާޖުގެ ސަބަބުން މި ލީންގެ ވަރުބަލިކަން ފިލައިދޭ. ލިބޭ ވަގުތުތަކުގައި އަޅުގަނޑުގެ އަޑުއަހައި ކިޔެވުމާއި ދިރިއުޅުމާ ގުޅޭ އެތަކެއް ފިލާވަޅެއް އަޅުގަނޑަށް ދަސްކޮށްދިން" ބައްޕައަށް އިޝާރާތްކޮށް ލީން ބުންޏެވެ.
ލީންގެ އިބްރަތްތެރި ވާހަކަ ނިންމާލީ، ތަޖުއްދީނުގެ ފަޚުރުވެރި ދަރިވަރެއްގެ ހައިސިއްޔަތުން، އެ ސްކޫލުގައި މިހާރު ކިޔަވަމުންދާ އޭނާގެ އެކުވެރި ކުދިންނަށް މުހިންމު އެހާމެ ބޭނުންތެރި ނަޞޭހަތްތަކެއް ދެމުންނެވެ.
" ތިޔައީ އަޅުގަނޑުގެ ކޮއްކޮމެން ފަދަ ބައެއް. ކިޔެވުމުގައި މާޔޫސްކަން ގާތް ނުކުރާތި. އަބަދުވެސް ދުރާލާ ތައްޔާރުވާތި. އެއްވެސް މަސައްކަތެއް ފަހަށް ނުބަހައްޓާތި. ރާވާލައިގެން ތަރުތީބުން މަސައްކަތް ކުރަން އާދަކުރުމަކީ މުހިންމު ކަމެއް. ޓައިމް މެނޭޖް ކުރުމަށް ޑިޖިޓަލް ވަޞީލަތްތަކާއި ސޯޝަލް މީޑިއާއިން އެއްކޮށް ދުރުވިން. މިއީ ދަރިވަރުންގެ ވަގުތުތައް ކާލާ ހަތިޔާރެއް. ތިޔަ ކުދިން ކާމިޔާބަށް އެދޭނަމަ ޑިޖިޓަލް ވަޞީލަތްތަކާއި ސޯޝަލް މީޑިއާއާ ދުރުވުމަކީ އަޅުގަނޑު އެދޭ އެދުމެއް. ފަރުޟު ނަމާދުގެ އިތުރުން ދަމުނަމާދު ކުރުމަކީ އަޅުގަނޑުގެ ނަޞޭހަތް. އެއީ އާދަޔާ ޚިލާފު ހިތްވަރެއް ލިބޭ ކަމެއް" އެއް ވަނަ ދަރިވަރުގެ ގޮތުގައި ސްޓޭޖް މަތީގައި ހުއްޓި ހުރި ލީންގެ ވާހަކަ ނިންމާލީ ތާޖުއްދީން ސްކޫލަށް ކާމިޔާބަށް އެދެމުންނެވެ.
advertisment
ހިޔާލު