ރާއްޖޭގެ ދަނޑުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެންނާނީ ސްކޫލްތަކުގެ ތެރެއިން

ރާއްޖެއިން ބޭރުން މިހާރު އެތެރެކުރާ ތަރުކާރީގެ ބައެއް ބާވަތްތައް އެތެރެ ނުކޮށް ރާއްޖޭގައި ހެއްދިދާނެ ހެއްޔެވެ؟ އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބާ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އެންމެ ކުރުކޮށް ދެއްވީ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާއެވެ.

"އެއީ ކުރެވޭނެ ކަމެއް، ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް" ޒީނިޔާގެ ޖަވާބު ގުޅުވާލެއްވީ ސ. އަތޮޅު މަދަރުސާއިން މީގެ އަހަރު ތަކެއް ކުރިން ފެށި ދަނޑުވެރިކަމުގެ މަސައްކަތަށެވެ.

" އޭރު، ކޮވިޑްގެ ކުރިން، ހަފްތާއަކު 25 ކިލޯގެ ލެޓިއުސް އަޅުގަނޑުމެންނަށް ހެއްދުނު. ޖެހިގެން އޮތް ހެރެތެރެ ރިސޯޓަށް ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ވެސް ލިބުނު" މީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި، އޭރު އެ ސްކޫލުގައި އެކަން ކުރީ ވަރަށް އާދައިގެ ގޮތަކަށް މާ ބޮޑު މަސައްކަތަކާ ނުލައެވެ. ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވަން އެ ސްކޫލުގެ ގޯތިތެރޭގައި ފެއްޓެވި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ސ. އަތޮޅު މަދަރުސާގައި ހެއްދި ކިއުކަމްބާ ކަނޑަނީ: އެ ސްކޫލުން ދަނީ ދަނޑުވެރިކަމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުވަމުން- ފޮޓޯ: ސ. އަތޮޅު މަދަރުސާ

ސ. އަތޮޅު މަދަރުސާގައި ހައިޑްރޯފޯނިކްސް ސިސްޓަމެއް ހަދައިގެން ކުރި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެ ސްކޫލުގެ ގޯތިތެރޭގައި ދަނޑުވެރިކަމަށް ވަކި ސަރަހައްދެއް މިހާރު އޮތީ ކަނޑައަޅާފައެވެ. އެތަނުގައި ގަސް އިންދައި ބަލަހައްޓަނީ އެގުރިކަލްޗަރު ކުލަބުގެ ދަރިވަރުންނެވެ. އެ މަސައްކަތުގެ ތެރޭގައި އުޅެން ޝަޢުޤުވެރިވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު އޮތީ ހުޅުވާލާފައެވެ.

ފެނުގައި ގަސްއިންދުމުގެ އިތުރުން ބިމުގައި ވެސް އެ ސްކޫލުން ގަސްއިންދައެވެ. މިހާރު އެ ސްކޫލުން ތައްޔާރު ވަމުން އަންނަނީ މަސް ބޭނުންކޮށްގެން އެކްއަރޕޯނިކްސް ދަނޑުވެރިކަން ތަޢާރަފު ކުރާށެވެ.

" އޭރު ދަނޑުވެރިކަން ކުރީ ކުޑަ ގޮތަކަށް. ރަނގަޅު ޕްލޭނެއްގެ ދަށުން، ދެމެހެއްޓެނިވި ގޮތަކަށް ފެށިއްޖެނަމަ އެކަށީގެންވާ އަދަދެއް އުފެއްދޭނެ. ލެޓިއުސްއަށް އެކަނި ޓާގެޓް ކުރިޔަސް މަހެއްގެ މައްޗަށް ބޮޑު އަދަދެއް އުފެއްދޭނެ" ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާގެ އެ ތަޖުރިބާއަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.

ވެލްނެސް މެޓަރސްގެ "ޕްލާންޓް އަ ޓްރީ" ގެ ފަރާތުން ހދ. އޭއީސީގައި ޤާއިމް ކުރި ހައިޑްރޮފޯނިކްސް ސިމްޓަމްގެ އެހީގައި ހެއްދި ލެޓިއުސް އެ ސްކޫލުގެ ދަރިވަރުން ވިއްކީ ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހޮނިހިރު ބާޒާރަށެވެ. އެ ސްކޫލުން ފެށި އެ މަސައްކަތުގެ ތަޖުރިބާ ވަރަށް ކާމިޔާބު ކަމަށް މަތީން ވެސް ވިދާޅުވިއެވެ.

" ލެޓިއުސް ވިއްކަން ދަރިވަރުން ދާނެ ވާހަކަ އިއުލާން ކުރި ހިސާބުން މީހުން ގުޅަން ފަށައިފި. ބައެއް ވިޔަފާރިވެރިން ވެސް ލެޓިއުސް ބޭނުން ވެގެން ގުޅި. ހެއްދި ހުރިހާ އެއްޗެއް އެކީ ގަންނަން ވެސް ބައެއް ވިޔަފާރިވެރިން ބޭނުންވި" މަތީން ވިދާޅުވިއެވެ.

ހދ. އޭއީސީގައި ހެއްދި ލެޓިއުސް ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ވިއްކަނީ- ވަށައިޖެހޭ ގޮތެއްގައި ދަނޑުވެރިކަން ސްކޫލްތަކަށް ތަޢާރަފުކޮށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ- ފޮޓޯ: ހދ. އޭއީސީ

މަތީން ވިދާޅުވީ، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓް އެބައޮތް ކަމަށެވެ.

"ފާއިތުވި ދެތިން މަސްތެރޭގައި ރަނގަޅު ފަތްކޮޅެއް ކުޅުދުއްފުއްޓަކުން ނުލިބޭ. ބޭނުންވާ މީހުން ތިބި ނަމަވެސް ވިއްކަން ވެސް ނުގެނޭ" މަތީން ވިދާޅުވިއެވެ.

އެ ރަށަކަށް ބޭނުންވާ ވަރަށް، ބައެއް ބާވަތްތަކުގެ ތަރުކާރީ ސްކޫލުގެ ތެރެއިން އުފެއްދޭނެ ކަމުގެ ޤަޔީންކަން މަތީނަށް ވެސް އެބައޮތެވެ. އެއީ ދުރާލާ ރާވާލައިގެން ކުރެވިދާނެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މަތީން ދެކެވަޑައިގަންނަވައެވެ.

" ދަނޑުވެރިކަން ކުރެވޭނެ، އެހީތެރިކަން ފޯރުކޮށްދޭންވީ. އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރެވިއްޖެ ނަމަ އެއީ ކުރެވޭނެ ކަމެއް" މަތީން ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރުން އުފެއްދި އެގްރޯނެޓުން ތަޢާރަފު ކުރި " ސްކޫލް ގާޑްނިންގ ޕްރޮގްރާމް" އެންމެ އެކަށީގެންވާ ގޮތުގައި ސްކޫލްތަކުގައި ކުރިއަށް ނުގެންދެއެވެ. ތިން ސްކޫލެއްގައި އެ ޕްރޮގްރާމް ހިންގި އިރު، އެ ޕްރޮގްރާމް އެންމެ ކާމިޔާބު ކަމާއެކު ހިންގީ ޣިޔާޘުއްދީން ސްކޫލުންނެވެ. އަމިއްލަ ބްރޭންޑެއްގެ ގޮތުގައި ބައެއް ބާއްވަތްތައް އެ ސްކޫލުން ތަޢާރަފު ކުރިއެވެ. އެ އުފެއްދުންތައް އެ ސްކޫލުގެ ކެންޓީނުގައި ދަނީ ބޭނުން ވެސް ކުރަމުންނެވެ.

މިފަދަ ޕްރޮގްރާމެއް "އާބަން ގާޑެނިން" ގެ ނަމުގައި ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ވެސް ފެށިއެވެ. ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މާލޭގައި ކުރިއަށްގެންދަން އިއުލާން ކުރި އެ މަޝްރޫއާއެކު ބައެއް ސްކޫލްތަކާއެކު އެ މިނިސްޓްރީން ސޮއިވެސް ކުރިއެވެ. އެކަމަކު އަމަލީ ގޮތުން އެ މަސައްކަތް ކުރިއަށް ދިޔަ ތަނެއް ނުފެނެއެވެ.

ވަކި މާއްދާއެއްގެ ގޮތުގައި ދަނޑުވެރިކަން ކިޔަވައިދިނުން

ސްކޫލްތަކުގައި ދަނޑުވެރިކަން ފުޅާކުރަން ވިސްނާނަމަ، އޭގެ ޢިލްމް ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހެއެވެ. ކުރަން ޖެހޭ ކަމަކީ ކިޔަވައިދޭ އެހެން މާއްދާތަކާ ދަނޑުވެރިކަމާ ހުރި ގުޅުން ބުނެދިނުމެވެ. ސްކޫލްތަކުގައި ދަނޑުވެރިކަމުގެ މާއްދާ ކިޔަވައިދޭއިރު "ފުޑް، ހެލްތު އެންޑް އެގްރިކަލްޗާ ނޫނީ " ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ބައެއްގެ ގޮތުގައި ވެސް ކިޔަވައި ދެވިދާނެއެވެ. ނޫނީ ނިއުޓްރިޝަންބައި ހިމަނައިގެން ވެސް ދަނޑުވެރިކަމުގެ ބައި ގެންދެވިދާނެއެވެ.

ސްކޫލްތަކުގައި ދަނޑުވެރިކަން ކިޔަވައިދީގެން ގިނަ ފައިދާތަކެއް ކުރާނެއެވެ. ދަނޑުވެރިކަމަށް ކުޑައިރުއްސުރެ ދަރިވަރުންގެ ޝަޢުޤު އުފެއްދުމާއި، އެ ޝަޢުޤުގެ ތެރެއިން ގިނަ އުފެއްދުންތަކެއް ބާޒާރަށާއި، އަމިއްލަ ބޭނުމަށް އުފެއްދުމުގެ ފުރުޞަތު ތަނަސް ވާނެ ތީއެވެ.

ތ. ވޭމަންޑޫ ސްކޫލުގެ ދަރިވަރުން ހެއްދި ލެޓިއުސް އެ ރަށަށް ވިއްކަނީ- ފޮޓޯ: ވޭމަންޑޫ ސްކޫލް

ސްކޫލްގެ ތެރޭގައި ދަނޑުވެރިކަމުގެ ކާމިޔާބު ތަޖުރިބާ ކުރި އެއް ގައުމަކީ ކިރްގިސްތާނެވެ. ކިރްގިސްތާނުގައި ދަނޑުވެރިކަމުގެ ތައުލީމު ތައާރަފުކުރީ ތިއަރީ ކުލާސްތަކާއި ޢަމަލީ މަސައްކަތާ ވެސް އެކުގައެވެ. ދަރިވަރުން ދަސްކުރީ މަސައްކަތެއްގެ ގޮތުގައި "އެގްރި ބިޒްނަސް" ކުރެވޭނެ ގޮތްތަކާއި އުކުޅުތަކެވެ.

ކެމިކަލް ނެތް ރައްކާތެރި އުފެއްދުންތަކެއް

ބާޒާރުން މިއަދު ލިބެން ހުރި ގިނަ އުފެއްދުންތަކުގެ ރައްކާތެރިކަމުގެ ޔަޤީންކަމެއް ނެތެވެ. ދަނޑު ހެއްދުމުން ފެށިގެން އާންމު ރައްޔިތު މީހާ ހަމައަށް ލިބެން ހުރި ހުރިހާ ބާވަތްތަކެއް ހެން ހުރީ ކެމިކަލުން ތަޣައްޔަރު ވެފައެއެވެ. ތަކެތި އުފެއްދުމުގައި ބަރޯސާވެފައި އޮތީ ބިދޭސީންނަށެވެ. އެ މީހުން އެކަން ކުރަނީ އެންމެ އެކަށޭނެ ޢިލްމެއް ނެތިއެވެ. ކެމިކަލް ބޭނުން ކުރާނެ ގޮތުގެ މާ ބޮޑު އިރުޝާދެއް ވެސް ނެތިއެވެ. މިކަމުގެ ސަބަބުން ސިއްޙީ އެތައް މައްސަލައެއް ކުރިމަތިވަމުންދާ ކަމަށް ސިއްޙީ ތަޖުރިބާކާރުން ދަނީ އިންޒާރު ދެމުންނެވެ.

ސްކޫލުގެ ތެރެއިން އުފެދިގެން އަންނަ ދަނޑުވެރިކަމުން އެ ކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ހޯދޭނެއެވެ. ޣިޔާޡުއްދީން ސްކޫލުން ފެނުނީ އޭގެ ރަނގަޅު މިސާލެކެވެ. އެ ސްކޫލުން ދަނޑުވެރިކަން ކުރީ އެއްވެސް ބާވަތެއްގެ ކެމިކަލަކާ ނުލައި ވާރޭ ފެނުގައެވެ. ޒަމާނީ އެތައް ވަޞީލަތެއްގެ އެހީގައި ސްކޫލްތަކުގައި ދަނޑުވެރިކަން ފައްކާ ކުރެވޭނެކަން ބުނެދިނީ އެ ސްކޫލުންނެވެ.

އިޔާޘުއްދީން ސްކޫލް އުފެއްދި ދަނޑުވެރި ކަމުގެ ބާވައްތައް އެ ސްކޫލުގެ ކެންޓީނުގައި ދަނީ ބޭނުން ކުރަމުން. އެ ސްކޫލުން ގެނައީ ސްކޫލުގެ ދަނޑުވެރިކަމަށް ބޮޑު ކުރިއެރުމެއް- ފޮޓޯ: ޣިޔާޘުއްދީން ސްކޫލް

ފެނުގައި ގަސް އިންދާނެ ގޮތުގެ މައުލޫމާތު ވެލްނެސް މެޓަރސް އިން އުފެދިގެން އައި "ޕްލާންޓް އަ ޓްރީ" ގެ ފަރާތުން ދަނީ ސްކޫލްތަކަށް ފޯރުކޮށް ދެމުންނެވެ. ފެނުގައި ގަސްއިންދާނެ ހައިޑްރޮފޯނިކްސް ސިސްޓަމްތަކެއް ތައްޔާރުކޮށް ދީ، ރާއްޖޭގެ ފަސް ސްކޫލެއްގައި އެކަން އެ ޖަމިއްޔާއިން ތަޖުރިބާ ވެސް ވެސް ކޮށްފިއެވެ. އެ ފަސް ސްކޫލުގައި ވެސް ތިން ފަހަރެއްގެ މަތިން ލެޓިއުސް ފަދަ ބާއްވަތްތައް ހައްދައި އޭގެ ނަފާވެސް ހޯދައިފިއެވެ. އެ ޕްރޮގްރާމުން ވެސް ފެނުނީ ސްކޫލްތަކުގެ ތެރެއިން ދަނޑުވެރިކަމަށް އޮތް ފަހި ފުރުޞަތެވެ.

އެ ޕްރޮގްރާމުގެ ހިންގުމުގެ މޭސްތިރިއެއްގެ ގޮތުން މަސައްކަތް ކުރައްވަމުން އަންނަ ޒުލްފާ ނަސީރު ދަރިވަރު ނޫހަށް ވިދާޅުވީ، ދަރިވަރުންނާއި މުދައްރިސުންނާއި ޖުމްލަކޮށް މުޅި މުޖްތަމައުގެ ވިސްނުން ބަދަލުކޮށްފިނަމަ ސްކޫލްގެ ތެރެއިން ހަށި ހެޔޮ ދުޅަހެޔޮ ފުދުންތެރި ދަރިވަރުން އުފެއްދޭނެ ކަމަށެވެ.

ޒުލްފާ ވިދާޅުވީ، "ޕްލާންޓް އޮން ޓްރީ" ޕްރޮގްރާމް ސްކޫލްތަކުގައި ވަރަށް ކާމިޔާބު ކަމާއެކު ހންގޭނެ ކަމަށާއި، އެކަމަށް ސްކޫލްތަކުން ޝަޢުޤުވެރިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މިހާތަނަށް އެ ޕޮރޮގްރާމް ހިންގި ފަސް ސްކޫލުގެ ތަޖުރިބާއެވެ.

ކާނާގެ ޔަގީންކަމާއި ރައްކާތެރި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް އުފެއްދުންތެރި ޖީލެއް އުފެއްދުމުގެ މުޑުވަށް ކުރުވަން ޖެހެނީ ސްކޫލުގެ ތެރެއިންނެވެ. ޅަ އިރު ކުދިންގެ ހިތުގައި ޒަމާންވީ ދަނޑުވެރިކަމަށް ޝަޢުޤު އުފައްދައިދީގެންނެވެ. ސ. އަތޮޅު މަދަރުސާގެ އެ ވިސްނުން ސްކޫލްތަކަށް ފުޅާކުރެވިއްޖެނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *