ޝަޠުރަތު ޝާކިރު ( ޝަޠޫ މިސް)
ޑިސްގްރެފިއާ އަކީ އުނގެނުމުގެ ދަތިކަމުގެ ތެރޭގައި ހިމެނޭ، ލިޔުމުން ފެންނަ މައްސަލަތަކެކެވެ.
ޑިސްގްރެފިއާ ގުންނަ ދަރިވަރެއްގެ ކިބައިން ފެނިދާނެ ފާހަގަކޮށްލެވޭ ސިފަތަކަކީ:
- އެއް ވައްތަރުގެ ދެ އަކުރުގެ ބައްޓަން އޮޅުވާލައިގެން ލިޔުން. ( މިސާލަކަށް 'ކ' އާއި 'އ')
- ބަސްތައް ލިޔާއިރު ހުސްތަންތަން ދޫކޮށްލާފައި ނުހުރުން އަދި އެއް ޖުމުލަ ނިމިގެން އަނެއް ޖުމުލަ ފަށާއިރު ވެސް ހުސްތަންތަން ދޫވެފައި ނެތުން. އަދި ބަސް ލިޔުނު ކަމުގައި ވިޔަސް ބަހުގެ ހިމެނޭ ބައެއް އަކުރުތައް ވައްޓާލާފައި ލިޔުން ފާހަގަކޮށްލެވޭ.
- ލިޔުމުގައި ދެވޭ އިރުޝާދުތައް 'މަތި' ، 'ތިރި’، 'ކަނާއަތް’، 'ވާތް' ފާހަގަކުރަން ދަތިވުން
- ލޯވަރ ކޭސް އަދި އަޕަރ ކޭސް އަކުރުތައް ވަކިކުރަން އުނދަގޫވުން.
- ބައެއް އަކުރުތައް ރޮނގުމަތީ ލިޔަން އުނަދަގޫވުން.
- ބަސްތައް ނުވަތަ ތަސްވީރުތައް އެއްޗަކުން ބަލައިގެން ކޮޕީކުރަން އުނދަގޫވުން.
- ރަނގަޅަށް ފަންސުރު ހިފަހައްޓަން ދަތިވުން.
- ބާރަށް ބަސް ކިޔަމުން ބަހުގެ އަކުރުތައް ލިޔާކަން ފާހަގަވުން.
- ސްޕެލިންގ މައްސަލަތައް
- ޚިޔާލުތައް ކަރުދާހުގައި ލިޔަން އުނދަގޫވުން.

އަތުލިޔުން ގިނަ ފަހަރަށް ހުތުރުވުމަކީ ޑިސްގްރެފިއާއަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ލިޔުމުގައި ދިމާވާ މި ސިފަތައް ފާހަގަކުރެވޭ މިންވަރު ގިނަވެއްޖެނަމަ މިކަން ރަނގަޅު ކުރުމަށް ވީހާ ވެސް ޅަފަތުގައި މަސައްކަތް ކުރުން ބުއްދިވެރިއެވެ.
ޑިސްގްރޭފިއާ ހުންނަ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ކުލާހުގައި އަދި ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަކީ:
1- ރޮނގު ފާހަގަ ކުރުމަށްޓަކައި ލިޔާ ތަނުގެ މަތީ އަދި ތިރީގައި ރޮނގެއްހެން ފާހަގަކޮށްލެވޭ އެއްޗެއް ތަތްކުރުން.

2- އަކުރު ބައްޓަން ރަނގަޅަށް ލިޔުމަށް ބާރުއެޅުން. މިކަން ކުރުމަށްޓަކައި އެންމެ ރަނގަޅީ މަލްޓި- ސެންސަރީ އެޕްރޯޗެއް ބޭނުން ކުރުމެވެ. މިސާލަކަށް:
- ކުލޭއިން އަކުރު ހެދުން.
- ވެލީގައި އަކުރު އެޅުން.
- ހިލަކަރުދާހުގައި އަކުރު އެޅުން.
- އެކިކަހަލަ ޓެކްސްޗަރއިން ހަދާފައިވާ އަކުރުގައި އަތްލާ އަކުރުގެ ބައްޓަން އިހުސާސް ކުރުން.
- އިނގިލިން ގައިގައި އަކުރުތައް އެޅުން އަދި އަކުރު އަޅާއިރު އަކުރުގެ ބައްޓަމަށް ވިސްނަން ދަރިވަރުގެ ކައިރީގައި ބުނުން.

3- ފަންސުރުގައި ހިފަހައްޓަން ފަސޭހަ "ގްރިޕެއް" ލެއްވުން.
4- ބޯޑުން ކޮޕީކޮށްގެން ލިޔަން ދިނުމުގެ ބަދަލުގައި ދަރިވަރަށް "ހޭންޑްއައުޓް" ދިނުން. މިހެން ހެދުމުން ވަގުތު ސަލާމަތްވެ ދަރިވަރަށް މަސައްކަތް ނިންމަން ފަސޭހަވާނެ.
5- ވޮއިސް ރެކޯޑަރ ނުވަތަ އަޑު ރެކޯޑް ކުރެވޭ ފަދަ ވަޞީލަތެއް ފޯރުކޮށްދިނުން.
6- ލެޕްޓޮޕް ނުވަޔތަ ކީބޯޑް ފަދަ ވަޞީލަތެއް ލިޔުމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށް ދިނުން.
7- ލިޔަން ހަވާލުކުރާ ހުސްގަނޑުގެ ބަދަލުގައި ފޮތުގައި ނުވަތަ ގަނޑުގައި މަސައްކަތް ރާވާލާއިރު ކުލަގަނޑު ބޭނުން ކުރުން. ނުވަތަ ލައިން ދަމާފައި ދިނުން.
8- ގްރާފް ގަނޑު ހަވާލުކުރާއިރު ބޮޑެތި ހަތަރެސްކަން ހުންނަ ގްރާފް ގަނޑު ދިނުން.
9- އެހެން ދަރިވަރުންނަށްވުރެ ކުރިން ލިޔަންވާ މަސައްކަތް ދަރިވަރާއި ހަވާލުކުރުން. އަދި ހަވާލުކުރާއިރު ބައިތަކަށް ބަހާލުން.
10- ލިޔަންވާ މައުލޫމާތު މައިންޑް މެޕެއްގެ ސިފައިގައި ދިނުން. ނުވަތަ ގްރެފިކް އޯގަނައިޒަރ އަކުން ދައްކާލުން. ކީ ސްޓޭޖް 2ން ފެށިގެން މަތީގެ ދަރިވަރުންނަށް ރުބްރިކް ބޭނުން ކުރެވިދާނެ.

11- ލިޔުމުގެ މަސައްކަތެއް ދިނުމުގެ ކުރިން އަތުގެ ކުޑަކުޑަ އެކްސަޒައިޒް އެއް ދިނުން ނުވަތަ ވޯމް އަޕް ޙަރަކާތެއް ދެވިދާނެ.
12- ލިޔުމުން ނޫން ގޮތް ގޮތުން ވެސް ދަރިވަރަށް ޙާޞިލްވި މިންވަރު ދެނެގަތުން. މިސާލު އަނގަބަހުން ބުނެދީގެން.
13- ޓެސްޓް ދިނުމުގައި ޓެސްޓް ޕޭޕަރުގެ ފޯމެޓް ބަދަލުކޮށްލުން. މިގޮތުން ލިޔަން އެކަނި ދޭ މަސައްކަތުގެ ބަދަލުގައި ހުސްތަންތަން ފުރުން. ގުޅުވުން ނުވަތަ ބޮޅު އެޅުން ފަދަ ގޮތްގޮތުން ދަރިވަރަށް ޙާޞިލްވި މިންވަރު ޗެކްކުރެވިދާނެ.
14- ދަރިވަރުގެ އިމްތިޙާނުގައި " ޓެކްސްޓް ސްޕީޗް ނުވަތަ ސްކްރައިބް" ބޭނުން ކުރަން ހުއްދަ ދިނުން. މި ހުއްދަ ދަރިވަރަށް ލިބޭނީ ދަރިވަރު ޑިސްގްރެފިއާ އަށް ޑައިގްނޯސް ކޮށްފައިވާ ލިޔުމެއް އޮތް ނަމައެވެ.
ޑިސްގްރެފިއާ ހުންނަކަން ފާހަގަކުރެވޭނަމަ އެންމެ ޅަފަތުގައި އޮކިއުޕޭޝަނަލް ތެރަޕިސްޓަކާއި ވާހަކަދައްކައި އެހީތެރިކަން ހޯދުން މުހިންމެވެ.
advertisment
ހިޔާލު