ހަފްތާގެ ބަންދުގައި އެތްލެޓިކްސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ގްރޯން ޕްރީގައި ހަތަރު ދަރިވަރުން ރަން މެޑަލް ހޯދައިފިއެވެ.

ގްރޯން ޕްރީގެ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއެވެ. އޭނާ ބައިވެރިވީ ޝަރީފު ސްޕޯޓްސްގެ ފަރާތުންނެވެ. 100 މީޓަރު އަހުނާ ނިންމީ 12.69 ސިކުންތުންނެވެ. 200 މީޓަރު ނިންމީ 26.81 ސިކުންތުންނެވެ.
ހއ. އަތޮޅު ސްކޫލުގެ އިބްރާހިމް އިރުފާހު، މެޑަލް ހޯދީ އުސްފުމުންނެވެ. އިރުފާހުގެ ރެކޯޑަކީ 1.68 މީޓަރެވެ.

ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުޙައްމަދު 400 މީޓަރު އަންހެނުންގެ ދުވުމުން ރަންމެޑަލް ހޯދިއެއެވެ. ލަޔާނާ ރަންމެޑަލް ހޯދީ 1:01.22 މިނެޓުން ނިންމައިގެންނެވެ. މިދިޔަ އަހަރު ބޭއްވި ގްރޯން ޕްރީގައި މި ކެޓަގަރީން ލަޔާނާއަށް ލިބުނީ ރިހިމެޑަލެކެވެ. އެ ފަހަރު ނިންމީ 1:05.00 މިނެޓުންނެވެ. މިއީ 3.78 ގެ ކުރިއެރުމެކެވެ. 27.38 ސިކުންތުން ރޭސް ނިންމައިގެން އަންހެނުންގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް މި ފަހަރު ލަޔާނާ ހޯދިއެވެ.

އަޙްމަދިއްޔާ ސްކޫލުގެ އައިޝަތު ބިންތް އަޙްމަދު ރަން މެޑަލް ހޯދީ 3000 މީޓަރު އަންހެނުންގެ ދުވުމުންނެވެ. އޭނާ ރޭސް ނިންމީ 12:25.61 މިނެޓުންނެވެ. އަދި އެނާ ވަނީ 1500 މީޓަރު އަންހެނުންގެ ދުވުން 5:38.99 މިނެޓުން ނިންމައިގެން ރިހި މެޑަލް ވެސް ހޯދާފައެވެ.

3000 މީޓަރު އަންހެނުންގެ ދުވުމުން ކަނޑުހުޅުދޫ ސްކޫލްގެ މަރިޔަމް ނޫޔާން ނިޔާޒު ވަނީ ރިހި މެޑަލް ހޯދާފައެވެ. އެއީ 13:35.48 މިނެޓުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 100 މީޓަރު ދުވުމުން ރިހި މެޑަލް އައްޑޫ ހައި ސްކޫލްގެ އާމިނަތު ޒަފާ ޒައިން ހޯދީ 12.92 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ގްރޯން ޕްރީ ކުރިއަށް ގެންދިޔައި މި މަހުގެ 22 އަދި 23އަށް ޓްރެކް ދަނޑުގައެވެ.
advertisment
ހިޔާލު