އަހުނާ، އިރުފާހު، ލަޔާނާ، އައިޝާ، ގްރޯން ޕްރީގެ ރަން ދަރިވަރުން

ހަފްތާގެ ބަންދުގައި އެތްލެޓިކްސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ގްރޯން ޕްރީގައި ހަތަރު ދަރިވަރުން ރަން މެޑަލް ހޯދައިފިއެވެ.

އަހުނާ، (ވައަތްފަރާތުން ދެވަނަ) 200 މީޓަރާއި 100 މީޓަރުން އެއްވަނަ ހޯދި- ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

ގްރޯން ޕްރީގެ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއެވެ. އޭނާ ބައިވެރިވީ ޝަރީފު ސްޕޯޓްސްގެ ފަރާތުންނެވެ. 100 މީޓަރު އަހުނާ ނިންމީ 12.69 ސިކުންތުންނެވެ. 200 މީޓަރު ނިންމީ 26.81 ސިކުންތުންނެވެ.

ހއ. އަތޮޅު ސްކޫލުގެ އިބްރާހިމް އިރުފާހު، މެޑަލް ހޯދީ އުސްފުމުންނެވެ. އިރުފާހުގެ ރެކޯޑަކީ 1.68 މީޓަރެވެ.

އިރުފާހު، އުސް ފުންމުގައި ދަނީ ނަތީޖާ ދައްކަމުން- ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުޙައްމަދު 400 މީޓަރު އަންހެނުންގެ ދުވުމުން ރަންމެޑަލް ހޯދިއެއެވެ. ލަޔާނާ ރަންމެޑަލް ހޯދީ 1:01.22 މިނެޓުން ނިންމައިގެންނެވެ. މިދިޔަ އަހަރު ބޭއްވި ގްރޯން ޕްރީގައި މި ކެޓަގަރީން ލަޔާނާއަށް ލިބުނީ ރިހިމެޑަލެކެވެ. އެ ފަހަރު ނިންމީ 1:05.00 މިނެޓުންނެވެ. މިއީ 3.78 ގެ ކުރިއެރުމެކެވެ. 27.38 ސިކުންތުން ރޭސް ނިންމައިގެން އަންހެނުންގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް މި ފަހަރު ލަޔާނާ ހޯދިއެވެ.

ލަޔާނާ، (މެދުގައި) ކުރިއަރަމުން އަންނަ އުއްމީދީ ދުވުންތެރިއެއް ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

އަޙްމަދިއްޔާ ސްކޫލުގެ އައިޝަތު ބިންތް އަޙްމަދު ރަން މެޑަލް ހޯދީ 3000 މީޓަރު އަންހެނުންގެ ދުވުމުންނެވެ. އޭނާ ރޭސް ނިންމީ 12:25.61 މިނެޓުންނެވެ. އަދި އެނާ ވަނީ 1500 މީޓަރު އަންހެނުންގެ ދުވުން 5:38.99 މިނެޓުން ނިންމައިގެން ރިހި މެޑަލް ވެސް ހޯދާފައެވެ.

އައިޝާ، 3000 މީޓަރު ދުވުމުން އެއްވަނަ، އަދި 1500 މީޓަރު ދުވުމުން ރިހިމެޑަލް ހޯދި- ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

3000 މީޓަރު އަންހެނުންގެ ދުވުމުން ކަނޑުހުޅުދޫ ސްކޫލްގެ މަރިޔަމް ނޫޔާން ނިޔާޒު ވަނީ ރިހި މެޑަލް ހޯދާފައެވެ. އެއީ 13:35.48 މިނެޓުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުން ރިހި މެޑަލް އައްޑޫ ހައި ސްކޫލްގެ އާމިނަތު ޒަފާ ޒައިން ހޯދީ 12.92 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ގްރޯން ޕްރީ ކުރިއަށް ގެންދިޔައި މި މަހުގެ 22 އަދި 23އަށް ޓްރެކް ދަނޑުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *