" ދިރާސީ އަހަރު ފެށޭ ދުވަސް ބަދަލު ކުރުން، ކަމުގެ އުނދަގޫ އެނގޭނީ ކަންކުރާ މީހުނަށް ކަމަށް ވުމުން ގިނަ ޕުރިންސިޕަލުންނާއި ޓީޗަރުން މިކަމަށް އެދޭނެ" އައްޑޫ ސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ސަޢީދު އޭނާގެ ޕޭސްބުކުގައި ލިޔުއްވާފައިވެއެވެ.
ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލުކުރަން ޑރ. އާސިޔަތު ތާއީދު ކުރެއްވިއިރު، ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުން ވެސް ބޭނުންވަނީ ވެސް އެގޮތެވެ.
ތައުލީމީ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢުއާއި އައު ސަރުކާރުގެ ނިންމެވުމަކީ ވެސް ދިރާސީ އާ އަހަރު، ކުރިން ވެސް އޮތް ގޮތަށް ޖެނުއަރީގައި ފަށައި ނޮވެމްބަރަށް ނިންމުމެވެ. މި ބަދަލު 2025 ވަނަ އަހަރުން ފެށިގެން ގެންނާނެ ކަމަށް ވަޒީރު، ޝަފީޢު ވަނީ މާލޭ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އިއްޔެ ބައްދަލުކުރައްވައި ވިދާޅުވެފައެވެ.
ޑރ. އާސިޔަތު ވިދާޅުވީ، ދިރާސީ އަހަރު ކުރިން އޮތްގޮތަށް ޖެނުއަރީގައި ފަށާގޮތަށް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ނަމަވެސް އެކަން ކުރަންޖެހޭނީ ބަލައި ހޯދުމަށްފަހު ދަރިވަރުންނަށް އިތުރު ދުވަސްތަކެއް އުމުރުން ނުގެއްލޭ ގޮތަށެވެ.
އިއްޔެގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވީ އެކަމެވެ. އެ ބަދަލު ގެނައުމުގެ ކުރިން ކަންތައްތަކެއް އިންތިޒާމް ކުރަން ޖެހެއެވެ. ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދަން ޖެހެއެވެ. ވީހާވެސް ފަސޭހައިން ގެނެވޭނެ ބަދަލަކަށް އެ ބަދަލު ވާން ޖެހެއެވެ.
" މިވަގުތު ސްކޫލް ސިސްޓަމްގައި ތިބި ދަރިވަރުންނަކީ ކުރިން ގެނެވުނު ބަދަލުގެ ސަބަބުން މިހާރުވެސް އުމުރުން އެއް އަހަރު ބޮޑުކޮށް ކިޔަވަމުންދާ ދަރިވަރުން ކަމުން އަލުން ހަ މަސް ގެއްލިގެން ދިއުންވެސް ވާނީ އެ ދަރިވަރުންނަށް ވަރަށް ބޮޑު ބުރައަކަށް ކަން ކަށަވަރު. އެހެންކަމުން އެކަމާ ބެލެނިވެރިންނާއި ދަރިވަރުންވެސް ކަންބޮޑުވާނެ. އެހެން ނަމަވެސް ޤަބޫލުކުރެވޭ ކަމަކީ ކުރިއާލާ ޕުލޭންކޮށްގެން ދަރިވަރުންނަށް އިތުރަށް ގެއްލުން ނުވާގޮތަށް ދިރާސީ އަހަރު ފެށޭނެކަން" ޑރ. އާސިޔަތު ލިޔުއްވާފައިވެއެވެ.
ސްކޫލެއް ހިންގަވާ ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ޑރ. އާސިޔަތު ފާހަގަ ކުރެއްވި ނުކުތާއަށް ދަރިވަރު ނޫހާ ވާހަކަ ދެއްކި ހުރިހާ ޕްރިންސިޕަލުން އެއްބަސްވެވަޑައިގަންނަވައެވެ. އެއީ އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށަން ޖެހުމުން، ސްކޫލްގެ ބަޖެޓް މެނޭޖު ކުރުމަށް ދިމާވާ އުނދަގޫތަކާއި މުއައްސަސާތަކާއި ގުޅިގެން ސްކޫލުތަކުގައި ބޭއްވޭ ތަފާތު އިތުރު ހަރަކާތްތައް ބޭއްވުން ފަދަ ކިތަންމެ ކަމެއްގައި ކުރިމަތިވާ އުނދަގުތަކެވެ.
" މިސާލަކަށް ބަލާނަމަ ދައުލަތުގެ ބަޖެޓު ކަނޑައަޅައި މުއައްސަސާތަކަށް ދެވެނީ ޖެނުއަރީ އިން ޑިސެމްބަރ އަށް ކަމަށް ވުމުން ސްކޫލްގެ ބަޖެޓު މެނޭޖު ކުރުމަށް ދިމާވާ އުނދަގޫތަކަކީވެސް އެއްކަމެއް. ކޮވިޑުގެ ފަހުން އެއްވެސް މަރާމާތެއް ނުކުރެވި ސްކޫލްތައް ވީރާނާވެފައިވާ މިންވަރަކީ މިފަދަ ބަދަލު ތަކުގެ ސަބަބުން ދިމާވި ދަތިތަކެއްގެ ނަތީޖާ ކަމަށްވެސް ވެދާނެ. ތަފާތު މުއައްސަސާތަކާއި ގުޅިގެން ސްކޫލުތަކުގައި ބޭއްވޭ ތަފާތު އިތުރު ހަރަކާތްތައް ބޭއްވުން ފަދަ ކިތަންމެ ކަމެއްގައި ދަތިތަކާ ކުރިމަތިވާއިރު އެދަތިތައް އެނގޭނީ އެކަން ކުރަންތިބޭ ބަޔަކަށް"
ދިރާސީ އަހަރު އޮގަސްޓްމަހު ފަށަން ނިންމައި އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި އޭރުގެ ތަޢުލީމީ ވަޒީރު، ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެފައި ވަނީ ޖެނުއަރީގެ ބަދަލުގައި އޮގަސްޓް މަހުގެ ތެރޭގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި އެއީ ތަރައްޤީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު އޭރު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރަން ވަރަށް ގިނަ ފަރާތްތަކާ އެކު ވަރަށް ގިނަފަހަރު އެ މިނިސްޓްރީން ބައްދަލުކުރި ކަމަށެވެ. ބައްދަލު ކުރި ފަރާތްތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ދިރާސީ އަހަރު އަހަރުގެ މެދުތެރެއަށް ބަދަލު ކުރީ ގިނަ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވި ނަމަވެސް އޭގެ ނަތީޖާ އެނގިވަޑައިނުގަންނަވާ ކަމަށް ބައެއް ޕްރިންސިޕަލުން ވިދާޅުވިއެވެ.
" އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް މިފަދަ ބޮޑު ބަދަލެއް ގެންނަން ޖެހެނީ. އެ ދިރާސާއެއް އާންމުކޮށްފައެއް ނެތް" ދިރާސީ އަހަރު ބަދަލުކުރި ގޮތުން ކަންބޮޑުވެވަޑައިގެންނެވި ޕްރިންސިޕަލަކު ނަންނުޖަހާ ގޮތަށް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގައި 40 އަހަރު ޚިދުމަތް ކުރެއްވި، ޤައުމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ދިރާސީ އަހަރު ބަދަލު ކޮށްފައި ވަނީ މަދުބަޔަކު އެދޭ ގޮތަށް މަންފާ ކުޑަގޮތަކަށެވެ.
އެހެންވެ ޑރ. ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ގެނެސްފައި އޮތް ބަދަލު އަލުން އިއާދަ ކުރާނަމަ ގިނަ ބަޔަކު ބޭނުންވާ ގޮތް ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ބެލެނިވެރީންގެ މެދުގައި ވޯޓެއް ނެގުން ރަނގަޅެވެ.
2025 ވަނަ އަހަރު، ދިރާސީ އަހަރު ބަދަލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް އެޑިޔުކޭޝަން މިނިސްޓަރު މިހާރު ވަނީ ފައްޓަވާފައެވެ.
ދިރާސީ އަހަރު ބަދަލުކުރުމުގެ މަޝްވަރާތަކުގެ ތެރެއިން ވީހާވެސް ގިނަ ބައެއްގެ ޚިޔާލު އެކަމަށް ބޭނުންވެއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާގެ އެންމެހައި ފަރާތްތައް އެކަމުގައި ޝާމިލުވާންޖެހެއެވެ. ޑރ. އާސިޔަތު ފާހަގަކުރެއްވި ގޮތަށް " ފާޑު ކިއުމުގެ ބަދަލުގައި އޮޅުންފިލުވައި އެކަމާ ވިސްނައި ދެވެން އޮތް ހިޔާލެއް ދިނުމަކީ އެކަންކުރަން ތިބޭބަޔަކަށް ރަނގަޅު ގޮތުގައި އެކަން ކުރުމަށް ލިބޭ ހިތްވަރެއްކަން ކަށަވަރު" އެވެ.
advertisment
ހިޔާލު