ދިރާސީ އާ އަހަރާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ޞަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާސިޙާ އިދުރީސް ހަމަޖައްސައިފިއެވެ. ނާސިޙާ ކުރިން ހުންނެވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ޕްރިންސިލްގެ މަގާމުގައެވެ.
ޞަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމް، ނާސިޙާއަށް ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލައްވައި އެންމެ މަތިން މާކްސް ހޯއްދައިވައިގެންނެވެ.
" ދެވަނަ ފަހަރަށް އިއުލާން ކުރީމާ، އާ ޗެލަންޖަކާ ކުރިމަތިލާން ޞަލާހުއްދީނުގެ ޕްރިންސިޕަލް ކަމުގެ މަޤާމަށް ކުރިމަތިލީ" ދަރިވަރު ނޫހަށް ނާސިހާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޞަލާހުއްދީނަކީ ގުރޭޑް 1ން 10އަށް ކިޔަވައިދޭ ސްކޫލެކެވެ.
މިޑްލް ސްކޫލް މުދައްރިސެއްގެ ގޮތުގައި، ކިޔަވައި ދެއްވުމުގެ ތެރެއަށް ނާސިހާ ވެންނެވީ 2005 ވަނަ އަހަރު ޢިމާދުއްދީން ސްކޫލުންނެވެ. އޭގެ ފަހުން ލ. އިސްދޫ ސްކޫލާއި ހދ. ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޕްރިންސިލްގެ މަޤާމް އަދާކުރެއްވިއެވެ.
އަފީފުއްދީނުގެ ޕްރިންސިޕަލް ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. ނާސިޙާ އަކީ ކުޅުދުއްފުށީ ސްކޫލެއްގައި މަސައްކަތް ކުރެއްވި ފުރަތަމަ އަންހެން ޕްރިންސިޕަލެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ކަމުން ވަކިވެވަޑައިގެންނެވީ ހަތް އަހަރާއި ހަތް މަސް ހޭދަކުރެއްވުމަށްފަހުއެވެ.

ނާސިޙާ ވިދާޅުވީ، ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަކީ އެއީ ވަރަށް ބޮޑު ޗެލަންޖެއްކަން އެޑިޔުކޭޝަން މިނިސްޓްރީއާއި ކުޅުދުއްފުށީގެ މީހުން ވެސް ފާހަގަކުރެއްވި ކަމަށެވެ.
" އަންހެން ޕްރިންސިޕަލަކަށް ވީމާ ގިނަ ބަޔަކު އެ ސުވާލު ކުރީ. އިރާދަކުރެއްވީތީ ދިމާވީ ހުރިހާ ޗެލަންޖްތަކާ ކުރިމަތިލައި ނަތީޖާ ނެރެދެވުނު" ނާސިޙާ ވިދާޅުވިއެވެ.
އަފީފުއްދީނުގެ ޕްރިންސިޕަލް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެ ސްކޫލްގެ ފާސްވާ އިންސައްތަ ހުރީ އެންމެ 30 އިންސައްތައިގައި ކަމަށާއި ކިޔަވަމުން ދިޔަ ކުދިންގެ އަދަދަކީ 710 ދަރިވަރުން ކަމަށް ނާސިޙާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި 34 ރަށަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވަމުން ގެންދިޔަ ކަމަށެވެ.
" އެ ހާލަތު ބަދަލު ކުރެވިއްޖެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙް އުފައްދައި ކޮންމެ މީހަކީވެސް މުހިންމު މީހެއް ކަމުގައި ދެކި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ ނަތީޖާއަކީ ފާއިތުވި އަހަރު ކުޅުދުއްފުށި ހިމެނޭ ސަރަޙައްދުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލަށް އަފީފުއްދީން ސްކޫލް ވުން" ނާސިޙާ ވިދާޅުވިއެވެ.
އަފީފުއްދީން ސްކޫލުގެ މިހާރުގެ އާބާދީއަކީ 1089 ދަރިވަރުންނެވެ. އޭގެތެރޭގައި 60 ރަށަކަށް ނިސްބަތްވާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
" ޕާސްވާ އިންސައްތަ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި 30ން 80 އިންސައްތަ އަށް މަތި ކުރެވިއްޖެ. އެއީ އެންމެ ބޮޑު ކާމިޔާބަކީ" ނާސިޙާ ވިދާޅުވިއެވެ.
ނާސިޙާ ވިދާޅުވީ އަފީފުއްދީނާ ހަވާލުވެވަޑައިގެންނެވިއިރު، އެ ސްކޫލަކީ ޝާމިލުކޮށްގެން ކިޔަވައިދޭ ސްކޫލެއް ނޫން ކަމަށެވެ. އެކަމަކު ވަޞީލަތްތަކާއެކު 70 އަށްވުރެ ގިނަ ދަރިވަރުން ޝާމިލުކޮށްގެން އެ ސްކޫލުގައި މިއަދު ކިޔަވައި ދެމުން ގެންދިއުމަކީ އެއީ އެ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްގަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.
" އަފީފިއްދީނުގެ ކާމިޔާބީއަކީ އެ ސްކޫލްގައި އޮތް ޓީމް. އެއީ ގުޅިގެން މަސައްކަތް ކުރާ ނަތީޖާ ނެރެން ދަންނަ ޓީމެއް. އޭގެ ފަހަތުގައި ތިއްބެވީ ބެލެނިވެރިން"
ނާސިޙާ ވިދާޅުވީ ދެން އޮތީ ޞަލާހުއްދީނަށް ވެސް ބަދަލު ތަކެއް ގެންނެވުން ކަމަށާއި އެ މަސައްކަތް އަދި ކިރިޔާ ފަށައިގަނެވުނީ ކަމަށެވެ.
advertisment
ހިޔާލު