"ފާހެއް ވެސް ނުވާނެ" ވާހަކަ މުދައްރިސް ވިދާޅުވީ އޭނާއަށް ހެޔޮއެދިގެންނެވެ. އެކަމަކު ފިލާވަޅު ނުނިންމުނު ދުވަހެއްގައި މުދައްރިސް ވިދާޅުވި އެ ޖުމްލައިން ރާނިޔާ އަގްލީމް ބޭނުންވީ އޭނައަށް "ވާނެކަން" ދައްކާށެވެ. ސީއެޗްއެސްއީން މަތީ ސާނަވީ ނިންމި ރާނިޔާ އެކަން ސާބިތުކޮށްދިނީ އޭލެވެލްގައި ފަސް މާއްދާއިން އޭ ސްޓަރ ހޯދައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ވެސް ހޯދައިގެންނެވެ.
އޯލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދަން އެކަށީގެންވާ މަސައްކަތެއް ރާނިޔާއަށް ނުކުރެވެއެވެ. އެކަމަށް އޭނާ އެއްބަހެވެ. ކުރި މަސައްކަތާ އަޅާބަލާއިރު ލިބުނު ނަތީޖާއާ މެދު ވެސް އޭނާ ހިތްހަމަ ޖެހެއެވެ. ޤައުމީ ގަދަ ދިހައެއްގެ ހަ ވަނައާއެކު ބިޒްނަސް ސްޑަޓީޒްއިން މުޅި ދުނިޔެއިން ދެވަނަ ލިބުނެއެވެ. އެ ނަތީޖާ ލިބުމުން ރާނިޔާގެ ހިތަށް އެރިއެވެ.
" މަސައްކަތް ކުރި ނަމަ އެއަށްވުރެ މާ ރަނގަޅު ނަތީޖާއެއް ލިބުނީހެވެ." ރާނިޔާ ސާނަވީ ނިންމީ އަމީނިއްޔާއިންނެވެ.
އޭލެވެލްގައި އަމިއްލައަށް ކުރި މަސައްކަތް އިތުރުކޮށްލީ އަމިއްލައަށް ބޭނުންވެގެންނެވެ. ވަކި ޓާގެޓެއް ވެސް އޮވެގެންނެވެ.
ކިޔެވުމުގައި ރާނިޔާއަކީ މުޅިން ތަފާތު ދަރިވަރެކެވެ. އިމްތިޙާން ކައިރިވަމުން އަންނައިރު، އެހެން ކުދިން ހާސްވެ ކަނޑޮޑުވެގެން އުޅޭއިރު، ކިޔެވުމާއިގެން ކުރިއަށް ދަނީ އޭނާގެ ދުވަހީ ތާވަލާ އެއްގޮތަށެވެ. މަންމައަށް އެހީވަމުން ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރަމުން، ނުވިތާކަށް ޖިމްއަށް ވެސް ދަމުންނެވެ. އިމްތިޙާނަށް ތައްޔާރުވާށެކޭ ކިޔާފައި އެއިން އެއްވެސް ކަމެއް ދޫކޮށްނުލައެވެ.

އިމްތިޙާނުގެ ދުވަސްވަރު ލައްވާލިއިރު އޭނާގެ އެންމެ ހަގު ކޮއްކޮއަށް އަހަރެއް ނުވެއެވެ. ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތަކާއި ކޮއްކޮމެންނަށާއި މަންމައަށް އެހީތެރިވުމުގައި ބޮޑު ޒިންމާއެއް އޭނާގެ ކޮނޑުގައި އެޅުނެވެ. އެ އާއިލީ ޒިންމާގެ ތެރެއިން ކިޔަވަމުން އަމިއްލަ ހިތްހަމަޖެހުމާއެކު އޭނާ އޭލެވެލްގައި ނެރުނީ ސައްތައިން ސައްތައިގެ ނަތީޖާއެކެވެ.
ރާނިޔާއަށް އޯލެވެލްއަށްވުރެ އޭލެވެލް ފަސޭހައެވެ. އޭލެވެލް ފެށި ދުވަސްވަރު ކޮވިޑް 19އާ ގުޅިގެން އޮންލައިންކޮށް ކިޔަވަން ޖެހުން އެއީ އެންމެ ހިތްދަތި ދުވަސްތަކެވެ. އެކައުންޓިންގ ކަހަލަ މާއްއްދާތަކުން ދެވޭ ނުދެވޭ މިސްރާބެއް ނޭނގއެވެ. ބޮލަކަށް އެއްޗެއް ނުވަދެއެވެ. އެހެންވެ އިންތިޒާރު ކުރީ ސްކޫލްތައް ހުޅުވި އާންމު ޙާލަތަކަށް އަންނާނެ އިރަކަށެވެ.
" ސްކޫލް ހުޅުވައިގެން ކިޔަވައިދޭން ފެށީމާ އެކައުޓިންގ ކަހަލަ މާއްދާތާކުން އެއްޗެއް ފަހުމްވާވަރުވީ" ރާނިޔާ ބުންޏެވެ.
ލިޔެގެންނާއި ޓީޗަރުން ކައިރިން އޮޅުން ފިލުވުމަކީ އަބަދުވެސް ރާނިޔާ ކުރާ ކަމެކެވެ. ފިލާވަޅުތައް ބަލައި ކިޔައިގެން ދަސްކުރުމަށްވުރެ އޭނާއަށް ފަސޭހައީ ލިޔެގެން ދަސްކުރުމެވެ.
" އާންމުކޮށް ދަސްކުރަނީ ލިޔެގެން. ކިޔަވައިދޭ ޓޮޕިކް ކިޔާލާފައި ދެން އޭގެ ކުރު ޚުލާސާއެއް ލިޔެލަނީ. އެހެން ހެދީމާ ވަރަށް ފަސޭހައިން ހަނދާންހުރޭ ކިޔަވާ އެއްޗެއްގެ. އެކައުންޓިންގ ކަހަލަ މާއްދާތަކަށް ޕާސްޓް ޕޭޕަރު ހަދަން ޖެހޭނެ. ބިޒްނަސް ވެސް ލިޔެގެން ދަސްކުރަނީ. އެކަމަކު އިކޯންގެ ޕާސްޓް ޕޭޕަރެއް އެހާ ގިނައިން ނުހަދަން. ޔޫޓިއުބުން ބަލައިގެން އެ މާއްދާގެ މައުލޫމާތު ހޯދިން." ރާނިޔާ ބުންޏެވެ.
ކިޔަވާ ގަޑިވެސް އެހެން ކުދިންނާއި ރާނިޔާ ތަފާތެވެ. އޭނާ ކިޔަވަން އިށީންނަނީ މެންދުރާއި ހަވީރުއެވެ. މުޅި ގޭތެރެ ވެސް އަމާންވާ ގަޑީއަކީ އެއީއެވެ. މަންމަމެން ވެސް އެ ގަޑީގައި ކިޔަވަން އެނާއަށް ހުސްކޮށްދެއެވެ.
އަވަހަށް ނިދުމަކީ ވެސް ރާނިޔާގެ އާދައެކެވެ. ރޭގަނޑު އަށެއްގެ ފަހުން ކިޔެވުމެއް ނޯންނާނެއެވެ.
ކިޔަވާށޭ ކިޔާފައި އެއްތަނެއްގައި މާގިނައިރު އިނުމަކީ ވެސް ރާނިޔާ ކުރާ ކަމެއް ނޫނެވެ. އެއީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. އެންމެ ގިނަވެގެން ވެސް އެއްތަނެއްގައި އިނދެވެނީ 15 ވަރަކަށް މިނެޓަށެވެ.

" ކިޔަވާށެކޭ ކިޔާފައި ގިނައިރަކު ނުއެއް އިނދެވޭނެ. 15 މިނެޓް ކިޔަވާލާފައި ބްރޭކެއް ނަގާފައި ދެން ވެސް ކިޔަވަނީ"
ކިޔަވަން އިންނަގަޑީގައި ކާނެ ލުއިއެއްޗެއް އަތްފޯރާ ފަށުގައި ހުންނަން ޖެހެއެވެ. ކުރިއަށް ދަނީ "ކަމުން ކިޔަވަމުން"ނެވެ.
ޓެސްޓް އޮންނަ ދުވަހުގެ ކުރީ ރޭ ހުރިހާ ކުދިންހެން އިމްތިޙާނަށް ތައްޔާރު ވުމުގެ މަސައްކަތް ކުރަމުންދާއިރު، ފިލާވަޅުތައް މުޠާލިއާ ކުރުމަށްފަހު ރާނިޔާ ދަނީ މަންމައާއެކު ސައިކަލު ދުއްވާލާށެވެ. އިމްތިޙާނަށް ދިއުމުގެ ކުރިން އަމިއްލަ ނަފުސަށް ހިތްހަމަ ޖެހުމުގެ އުފާވެރި ވަގުތު ކޮޅެއް ހޯދުމުގެ ގޮތުންނެވެ. އެރޭ ނިދަނީ ވެސް ފިލްމެއް ނޫނީ ސީރީޒެއް ބަލާފައެވެ. އިމްތިޙާނެއް އޮވެގެން ކަންބޮޑުވުމެއް ހާސްކަމެއް އޭނާގެ މޫނުމައްޗަކުން ނުފެންނާނެއެވެ.
" އިމްތިޙާން ހޯލަށް ވަންނަ ވަގުތު ކޮންމެ ވެސް ވަރެއްގެ ހާސްކަމެއް ހުއްނާތީ، އެ ވަގުތު ދުއާ ކިޔަވަން ސަމާލުކަން ދެން. އިމްތިޙާނު ހަދަން ފެށުމާއެކު އެ ބިރު މަޑުމަޑުން ފިލައި ދާނެ. އެ ނޫނީ އިމްތިޙާނެއް ބޯމަތީގައި އޮތޭ ކިޔާފައި ޖެހިލުން ވެސް ހާސްވެ ކަންބޮޑުވާ ވަގުތެއް ނާދޭ"
ރާނިޔާ ބުނި ގޮތުގައި ކިޔެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނީ މަންމައާއި ބައްޕަގެ އިތުރުން ދޮން ބައްޕައެވެ. ދުރުގައި ހުއްޓަސް އޭނާގެ ހުރިހާ ކަމެއް ބަލަހައްޓައި ދެއެވެ. ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއެވެ. ކިޔެވުމަށް ބާރުއަޅާ ހެޔޮ ނަސޭހަތް އަބަދުމެ ދެއެވެ. ވަގުތު ލިބޭ ވަރަކުން އެކީގައި ވަގުތު ހޭދަކުރެއެވެ.

ފެށުނީއްސުރެ ސްކޫލަށާއި ޓިއުޝަންގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކަށް ގެންގޮސް ގެނެސްދިނުމުގެ ބުރަ އުފުލީ ދޮންބައްޕައެވެ.
" ކިތައްމެ ބިޒީވިޔަސް އެކަން ކޮށްދެނީ ދަރިއަކަށް ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި"
ރާނިޔާ ބުނީ އަބަދު ވެސް އެންމެ ކައިރީގައި ހުންނަނީ މަންމަ ކަމަށާއި ކޮންމެ ކަމެއް ދިމާވިޔަސް ހިތްވަރުދީ " ވާނެއޭ" ބުނެދެނީ މަންމަ ކަމަށެވެ.
ރާނިޔާ ދެކޭގޮތުގައި އޭ ސްޓަރ ހޯދުމަކުން މޮޅު މީހަކަށް ނުވާނެއެވެ. މޮޅު މީހަކަށް ވަނީ ހޯދާ ނަތީޖާއާއެކު އަޚުލާގާއި އުޅުމުން ވެސް ނަތީޖާ ދައްކައިގެންނެވެ.
" ކިޔެވުމުގެ އިތުރުން ތިމާއަކީ އަޚްލާގު ރަނގަޅު މީހަކަށް ވާންޖެހޭ. ފޮތުން ކިޔަވައިގެން އެނގޭ އެއްޗަކުން ނުފުދޭ. ހަމައެކަނި އިލްމް އުނގެނިގެން މުސްތަޤުބަލް އަދި އާޚިރަތް ވެސް ބިނާ ނުކުރެވޭނެ. ކިޔެވުމާ އެއްވަރަށް ދީނީކަންތައްތަކަށް ވެސް ޚާއްޞަ ސަމާލުކަން ދިނުމާއެކު އޭގެ ބޭނުން ވެސް ހިފަންޖެހޭ"
ސްކޫލްގައި އުޅުނުއިރު ކުޅިވަރަކަށް ކުޅުނީ ބާސްކެޓެވެ. އިންޓަރ ހައުސްގައާއި އިންޓަރ ސްކޫލް ފެންވަރުގައި ވެސް ބާސްކެޓް ކުޅުނެވެ. އޭގެ އިތުރުން ސީއެޗްއެސްއީ ނިންމާލިއިރު ޕްރިފެކްޓަރެއްގެ ގޮތުން ވެސް ރާނިޔާ މަސައްކަތް ކުރިއެވެ.

ރައްޓެހިންނަކީ ވެސް ރާނިޔާގެ ތަޢުލީމީ ޙަޔާޔުގައި ވަރަށް މުހިންމު ބައެކެވެ. ކިޔެވުމުގައި ވެސް އެއީ މުހިންމު ބައެކެވެ. އެކަކަށް ނޭނގޭއެއްޗެއް އަނެކަނަށް ބުނެދިނުމުގައި އެ ރައްޓެހިން މަސައްކަތް ކުރީ ވާދަކުރުމެއް ނެތިއެވެ.
ސާނަވީން ލިބުނު ކާމިޔާބާއެކު ރާނިޔާގެ ކުރިމަގު އޮތީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަށެވެ.
ނަޞޭހަތެއްގެ ގޮތުގައި ރާނިޔާ ބުނީ، ކިޔަވަން ވާނީ ކިޔަވާ ހިތުންނެވެ. މީހަކު ބުނެގެން ނޫނެވެ. އަދި ކިޔަވަންވީ ގޮތް ވެސް މީހަކު ބުނެދޭކަށް ނުޖެހެއެވެ. އެކުއްޖަކަށް ފަސޭހަގޮތެއް ހޯދުމަކީ އެއީ ކުރިއަށް ދިއުމަށް މުހިންމު ކަމެކެވެ. އެ ގޮތް ހޯދިއްޖެނަމަ ކިޔެވުމަކީ އެއީ އުނދަގޫ ކަމެއް ނޫނެވެ.
އެކަން އަމަލީ ގޮތުން ދައްކައިދިން އެއް ދަރިވަރަކަށް ހަމަގައިމުވެސް ރާނިޔާވާނެއެވެ.
advertisment
ހިޔާލު