ސްކޫލްތަކުގައި މުޢާމަލާތުކުރާ ވަޞީލަތަކަށް ވައިބަރ ގްރޫޕްތައް ނަހަދަމާ!

ކޮވިޑް-19 ގެ ސަބަބުން ދުނިޔެއިން ކުރިމަތިލާންޖެހުނު ޕެންޑެމިކްގައި، އެންމެ ބޮޑު އަސަރުތަކެއް ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާ ހިމެނެއެވެ. މި ވައިރަހުގެ އައު ވޭރިއަންޓުތަކާއެކު ބަލީގެ ކޭސްތައްވެސް ދަނީ އިތުރުވަމުންނެވެ.

މި ދިރާސީ އަހަރުގެ ދެވަނަ ޓަރމުގެ ކިޔެވުން ފެށިފައިވާއިރު، މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ކިޔަވައިދެމުންދަނީ ގްރޭޑް އަށަކުން ދަށުގެ ގްރޭޑްތަކަށް ހަފްތާއަކު ދެ ދުވަހުއެވެ. ކޮވިޑް-19 ގެ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ މި ދުވަސްވަރުގައި މި ވައިރަހުގެ ޝިކާރައަކަށް މުދައްރިސުންނާއި ދަރިވަރުން ވެގެން ދިޔުމުން، ކިޔެވުން ކުރިއަށްގެންދިޔުމުގައި ދަތިވުމާއެކު އޮންލައިންކޮށް ކިޔަވައިދޭން ބައެއް ގްރޭޑްތަކަށް ވަނީ ޖެހިފައެވެ. ބައެއް ސްކޫލްތަކުންނާއި ތަޢުލީމީ މުޢައްސަސާތަކުން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު ވަނީ ކިޔެވުން އެއްކޮށް އޮންލައިންކޮށްފައެވެ.

ހަފްތާގެ މަދު ދުވަސްތަކެއްގައި ސްކޫލަށް ހާޒިރުވެ ކިޔެވުމާއި އޮންލައިންކޮށް ކިޔަވަން ޖެހުމުން މުދައްރިސުންނާއި ދަރިވަރުންނާއެކު ހޭދަކުރެވޭ ވަގުތު ވަނީ ކުޑަވެގެން ގޮސްފައެވެ. ހަމަ އެހެންމެ މުދައްރިސުންނާއި ބެލެނިވެރިންނާ ބައްދަލުވަނީވެސް މަދުންނެވެ. އެހެންކަމުން، ބެލެނިވެރިން، އެދުވަހެއްގެ ކިޔެވުމާއި ގުޅޭގޮތުން މުދައްރިސް ގާތުން އޮޅުންފިލުވައިލަން ބޭނުންވާ ކަމެއް އޮވެދާނެއެވެ. މުދައްރިސުން ދަރިވަރުންގެ އެސެސްމަންޓަށް އަންނަ ބައިތައް ނުވަތަ މާއްދާއެއްގެ މަސައްކަތަކަށް ބޭނުންވާ ތަކެތީގެ ލިސްޓް ބެލެނިވެރިންނަށް ފޯރުކޮށްދޭން ބޭނުންވެދާނެއެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް. ފޮޓޯ: ޔުނިސެފް

ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންކަން ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވާން ޖެހިފައިވާ މި ދަނޑިވަޅުގައި މިފަދަ ކަންތައްތަކުގެ ހައްލެއް، އެހީއެއް ނުވަތަ މެދުވެރިއަކަށްވީ "ވައިބަރ ގްރޫޕް" ތަކެވެ. ނަމަވެސް ކިލާހުގެ މުދައްރިސުންނާއި އެކިލާހެއްގެ ބެލެނިވެރިންނާއެކު މި ހެދިފައިވާ ވައިބަރ ގްރޫޕްތަކަކީ މުވާސަލާތުކުރުމަށް ބޭނުންކުރަން އެންމެ ރަނގަޅު ބަހާއެއް ނޫނެވެ.

ސްކޫލުގައި ކިޔަވާ ދުވަސްތައް މަދުވުމުގެ ސަބަބުން، ވައިބަރ ގްރޫޕްގެ މައްސަލަތަކާއި ކުރިމަތިލާންޖެހުމުން ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މުދައްރިސުންނަށްވެސް ނުތަނަވަސްކަމާއި އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ.

އޮންލައިން އެޑިއުކޭޝަން ސްޓޫޑިއޯއަކުން ކޮށްފައިވާ ދިރާސާއަކުން، މުދައްރިސުންނާއި ބެލެނިވެރިންގެ ވައިބަރ ގްރޫޕްތައް ނުވަތަ ޗެޓްތައް ސިފަކޮށްފައިވަނީ، ހިތްހަމަނުޖެހުމާއި ފަސާދަވެރިކަން އެ ގްރޫޕްގެ ބައިވެރިންގެ މެދުގައި އުފެދޭ ތަނެއްގެ ގޮތުގައެވެ. މިފަދަ ގޮތަކަށް ސިފަކުރުމަށް ދިމާވި ބޮޑު އެއް މައްސަލައަކީ ގްރޫޕަށް އެއްފަހަރާ ގިނަ މެސެޖްތަކެއް ފޮނުވުން ކަމަށާއި، ފޮނުވާ މެސެޖްތަކުގައި ވަކި ތަރުތީބެއް އަދި އޮނިގަނޑެއް ފެންނަން ނެތުމުގެ ސަބަބުން މުހިއްމު މެސެޖްތައް ގެއްލުމެވެ.

ދަރިވަރުންގެ ހާޒިރީ ބެލުމަށްފަހު އެދުވަހަކު ސްކޫލަށް އައިސްފައިވާ ކުދިންގެ ލިސްޓެއް ވައިބަރ ގްރޫޕްގައި ލިޔެލެވޭ ފަހަރުތައްވެސް އެބައާދެއެވެ. މުދައްރިސުންނަށް މިގޮތަށް ކަންކުރެވެނީ ދުވަހުގެ ބާކީ ބައިގައި ކުރަން ހުރި މަސައްކަތުގެ ބުރަދަނުގެ ސަބަބުން ކުރަންހުރި މަސައްކަތްތައް ނިންމާލަން ބޭނުންވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ހާޒިރުވާ ދަރިވަރުންގެ ލިސްޓެއް ވައިބަރ ގްރޫޕްގައި ލިޔެވުމަކީ އެ ލިސްޓުން ހާޒިރު ނުވާ ދަރިވަރު އެނގެން ފަސޭހަކަމަކަށްވެދެއެވެ. އެކަމުގެ ސަބަބުން ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ ނަންތައް ނުލިޔުނަސް އެވަނީ "އިއުލާން" ކުރެވިފައެވެ. މި ލިސްޓުގެ ސަބަބުން ދަރިވަރަކު ސްކޫލަށް ހާޒިރުނުވާ ސަބަބާމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ޖެހިޖެހިގެން ގިނަ ދުވަސްތަކެއް ހާޒިރުނުވާ ދަރިވަރެއް ފާހަގަވާން ފެށުމުން، ބައެއް ބެލެނިވެރިންނަށް އެކުއްޖަކާމެދު ދެކެމުންދާގޮތް ތަފާތުވެއެވެ. މީގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ހިތްހަމަނުޖެހޭ ކަންކަން ދިމާވާން މެދުވެރިވެއެވެ. ދިމާވާ މިފަދަ ހިތްހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅަކީ، ވައިބަރ ގްރޫޕްގައި ލިސްޓު ލިޔުމުގެ ބަދަލުގައި ދަރިވަރަކު ސްކޫލަށް ހާޒިރުނުވާނަމަ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީގެ ދަށުން އެދަރިވަރެއްގެ ބެލެނިވެރިޔަކާއި ފޯނުން ގުޅާލައިގެން އެ ދަރިވަރު ސްކޫލަށް ހާޒިރުނުވެވުނު ސަބަބު ސާފުކުރުމެވެ. ހަމަ އެގޮތަށް ބެލެނިވެރިންނަށް ދަރިވަރު ނާދެވުނު ސަބަބު މުދައްރިސަށް ވަކިން މެސެޖެއް ކޮށްލައްވައިގެން ނުވަތަ ގުޅާލައިގެންވެސް އަންގާލުން ރަނގަޅުވާނެއެވެ. ގޭތެރޭގައި ދިމާވާ އެމަރޖެންސީއެއް ނުވަތަ މައްސަލައެއްގެ ސަބަބުން ނޫނީ ބަލި ހާލަތުގެ ސަބަބުން ސްކޫލަށް ހާޒިރުނުވެވުމުން ދަރިވަރާމެދު ތަފާތު ނަޒަރަކުން ދެކުމުގެ ވިސްނުން އެހެންބަޔަކަށް ލިބުނަ ނުދޭށެވެ. އެއީ ބައެއް ޙާލަތްތަކުގައި އެވާހަކަތައް ކިލާހުގެ ކުދިންގެ މެދުގައި ދެކެވެމުން އުނދަގޫތަކެއް ދަރިވަރަށް ވެދާނެތީއެވެ.

ވައިބަރ ގްރޫޕްތަކުގެ ސަބަބުން އުފެދޭ މައްސަލަތަކަށް ގެނެވިދާނެ އަނެއް ހައްލަކީ، މުހިއްމު މަޢުލޫމާތުތަކާއި އެންގުންތައް ގްރޫޕްގައި ޙިއްސާނުކުރުމެވެ. ވަކި މާއްދާއެއްގެ މަސައްކަތެއް ކުރުމަށް ބޭނުންވާ ތަކެތި ހަމަކުރުމަށް ގްރޫޕްގައި ލިޔާ މެސެޖްގެ ބަދަލުގައި އެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ދެ ތިން ދުވަސް ކުރިން ދަރިވަރަށް ޕްރިންޓެޑް ލިސްޓެއް ހަވާލުކޮށްލާށެވެ. ޕްރިންޓް ކުރުމަށްދާ ޙަރަދު ކުޑަކުރުމަށް ދަރިވަރުން ގާތުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އެމާއްދާއެއްގެ ފޮތުގައި ބެލެނިވެރިންނަށް ފަސޭހައިން ފެންނާނެ ގޮތަށް މިފަދަ ތަކެތި ލިޔުމަށް ސަފްޙާއެއް ކަނޑައެޅިދާނެއެވެ. މިގޮތަށް ކަންކުރެވުމުން ދަރިވަރުން ޒިންމާ ނަގަން ކުޑައިރުއްސުރެ ދަސްވެގެންދާނެއެވެ. މުދައްރިސުން ބެލެނިވެރިންނަށް މުހިއްމު މަޢުލޫމާތެއް ޙިއްސާކުރަން ބޭނުންވާނަމަ، ބައްދަލުވެގެން ޙިއްސާކުރާށެވެ.

ފޮޓޯ: ފިންލެންޑް ސްކޫލް

ދަރިވަރުންގެ އަޙްލާޤާއި ސުލޫކާއި، ކިލާހުގައި ދަރިވަރުންގެ ބައިވެރިވުމާއި ފިލާވަޅުތައް ނިންމުމާއި އިމްތިޙާންތަކުން ދަރިވަރުން ނެރޭ ނަތީޖާތަކާމެދު ބެލެނިވެރިންނާއި ވާހަކަތައް ޙިއްސާކުރާނީ މުދައްރިސުންނެވެ. ނަސޭޙަތްތެރިވުމާއި ހަނދާންކޮށްދިނުމަކީ އިންސާނުންނަށް ވީތީ ކުރަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ޙާއްސަގޮތެއްގައި ދަރިން ތަރުބިއްޔަތުކޮށް ރަނގަޅު ކުދިބަޔެއްގެ ގޮތުގައި މުޖުތަމަޢަށް ފޯރުކޮށްދިނުމުގައި "ނަސޭޙަތް" ބޮޑު ދައުރެއް އަދާކުރެއެވެ. މިކަމުގައި ވިސްނާލަންޖެހޭ މުހިއްމު ކަމަކީ ނަސޭޙަތްތެރިވާއިރު ނުވަތަ ދަރިވަރުގެ މަޢުލޫމާތެއް ހާމަކުރާއިރު އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެނގޭނެ ގޮތަށް ނުވަތަ ދަރިވަރަށް ނޭދެވޭ އަސަރެއް ކޮށްފާނެ ގޮތަކަށް ހާމަނުކުރުމެވެ. ވަކި ދަރިވަރެއްގެ ކަމެއްނަމަ އެކަމެއް ސީދާ އެދަރިވަރަކާއި ބެލެނިވެރިޔާއާ ޙިއްސާކުރާށެވެ. ދުވަހުގެ ތާވަލުން ވަކި ގަޑިއެއް ހުސްކޮށްލުމަށްފަހު މުދައްރިސާއި ބެލެނިވެރިޔާއަށް ވާހަކަދައްކާލެވިދާނެއެވެ.

ފޮޓޯ: ގދ.އަތޮޅު ތަޢްލީމީ މަރުކަޒު

އެދަރިވަރުންނަށް ލޯތްބާއި މަޑުމައިތިރިކަމާއެކު ނަސޭޙަތްތެރިވާށެވެ. ވިސްނުވައިދީ މަގުދައްކުވައިދޭށެވެ. އެއްވެސްގޮތަކަށް ދަރިވަރަކާމެދު އެހެން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދޭ ގޮތަށް ވާހަކަދެކެވިގެން ނުވާނެއެވެ. ދަރިވަރުންނާއި މުދައްރިސުންނާ މެދު އޮންނަ ގުޅުމަށް މިފަދަ ކަމެއްގެ ސަބަބުން ހީނަރުވެގެންނުވާނެއެވެ. ދަރިވަރަށް ރައްކާތެރިކަން ފޯރުކޮށްދެވޭނީ މުދައްރިސުންނާއި ދަރިވަރުގެ ބެލެހެއްޓުންތެރިޔާ ދަރިވަރުންގެ މަަޢުލޫމާތުގެ ކޮންފިޑެންޝިއަލިޓީ ހިފަހައްޓައިގެންނެވެ.

ފޮޓޯ: ފިންލެންޑް ސްކޫލް

މުޢާމަލާތުކުރާ ވަޞީލަތަކަށް ވައިބަރ ގްރޫޕްގައި ލިޔެލައިގެން ފަސޭހަކޮށްނުލާށެވެ. މިކަމުގެ ސަބަބުން ޚިޔާލު ނުކުރެވޭވަރުގެ ދަތިތަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. މުދައްރިސުންނާއި  ބެލެނިވެރިންވެސް  އެބަޔެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ މަސައްކަތްކުރާށެވެ. ދަރިވަރުންގެ ދެވަނަ މައިންބަފައިންނަކީ މުދައްރިސުންކަމުގައި ވާއިރު ދަރިވަރުންނަށް ލިބިދީފައިވާ ޙައްޤުތަކަށް ރައްކާތެރިކަން ފޯރުކޮށްދޭށެވެ. މި މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން އެކުގައި މަސައްކަތްކުރާށެވެ. ވަކި ބަޔަކަށް އިނގިލި ދިއްނުކޮށެވެ. އެއީ ތަޢުލީމީ ޙަޔާތުގެ ފޮނިމީރުކަން ދަރިވަރުންނަށް ހޯދައިދޭ ފިޔަގަނޑަކީ ބެލެނިވެރިންނާއި މުދައްރިސުން ކަމުގައިވާތީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *