ސްކޫލަށް ހާޒިރުވާ ދުވަސްތައް މަދު، ލިބޭ ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ

ކޮވިޑް-19 ގެ ހާލަތްގެ ސަބަބުން ކިޔެވުން މި އަހަރު ފެށުނުއިރު ގިނަ ގްރޭޑްތަކެއް ސްކޫލަށް ހާޒިރުވެގެން ކިޔަވަނީ ހަފްތާއެކު ދެ ދުވަސް ނުވަތަ ތިން ދުވަސް ކަމުގައިވީއިރު ގިނަ ދަރިވަރުންނަށް ހުސްވަގުތު ދަނީ ލިބެމުންނެވެ. ބައެއް ދަރިވަރުންނަށް ޗުއްޓީ ނުނިމޭކަހަލަ އިޙްސާސެއް ކުރެވެއެވެ. ޓީވީ ދޮށުގައި ނެޓްފްލިކްސް ބެލުމަށް ނުވަތަ ގޭމް ކުޅުމަށް ސްކްރީން ކައިރީ ދުވަހުގެ ބޮޑު ބައި ހަމައެކަނި ހޭދަކުރެވޭކަށް ނެތެވެ. ހަރުދަނާ ދަރިންތަކެއް ބިނާކުރުމުގައި ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގެ އިތުރުން މި ލިބޭ ހުސްވަގުތުތަކަކީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިދާނެ ،ކާމިޔާބު ހަޔާތެއް ފެށުމުގެ ތަޅުދަނޑިއެވެ.

ސްކޫލްގައި ކިޔަވަމުންދާއިރު އެކި މާއްދާތަކަށް ޓާގެޓްކޮށް ނުވަތަ ޙާސިލްކުރަން ބޭނުންވާ މިންވަރެއް ކަނޑައަޅާއިރު ކޮންމެ ދަރިވަރެއްގެ ޙަޔާތުގައިވެސް ޓާގެޓެއް ނުވަތަ ގޯލްސް ކަނޑައަޅައި ރާވާލުން މުހިއްމެވެ. މި ޕްލޭންގައި ދަރިވަރުން މުސްތަޤުބަލުގައި ކުރިޔަށް ދާން ބޭނުންވާ ދާއިރާތަށް ހިމަނާލެވިދާނެއެވެ. ކުރަން ޝައުޤުވެރިވާ ކަންކަން ނުވަތަ ދަސްކުރަން ބޭނުންވާ ތަފާތު މަސައްކަތްތައްވެސް ލިޔެލާ އާއިލާއާއެކު މަޝްވަރާކޮށް ޙިޔާލު ހޯދާލާށެވެ. އަދި މައިންބަފައިން ދަރިންނަށް މިފަދަ މަސައްކަތްތައް ދަސްކުރުމަށް ހިތްވަރުދީ މަސައްކަތް ކުރުމަށް ފުރުޞަތު ހޯދައިދޭށެވެ. ނަފްސުގެ ހެދިބޮޑުވުން ފޯދިގެން ދިޔުމަށް ބޭނުންވާ ހުނަރުތަށްވެސް މި ޕްލޭންގައި ހިމަނާލާށެވެ. ޙަޔާތް ރާވާލުމުގެ ސަބަބުން ފަސްޖެހުމެއް ނެތި ރަނގަޅު ނިންމުންތަކެއް ނިންމަން ފަސޭހަވެގެންދެއެވެ. އަދި ކުރިޔަށްދާންވީ މިސްރާބާއި އަމާޒް ހިފަންވީ ކަންކަން ސާފުވެގެންދެއެވެ.

ގޯލްސް ކަނޑައަޅުން

ދިރިއުޅުމުގައި ތަފާތު ކަންކަމާ ކުރިމަތިލާންޖެހޭނެކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. އުފާވާ ދުވަސްތަކާއި ހިތްނުތަނަވަސްވާ ދުވަސްތަކަކީވެސް ޙަޔާތޭ ކިޔޭ ސަފްޙާތަކުގެ ބައެކެވެ. ވީމާ ގޮންޖެހުންތަކާ ކުރިމަތިލައި އެންމެ ބުއްދިވެރި ގޮތަކަށް އެކަން ކަމުން އަރައިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ލިބިފައިވާ ނާކާމިޔާބީއަކީ ހިތްވަރު ދޫކޮށްލަންވީ ކަމެއްނޫންކަމުގައި ދެކި އެކަމާމެދު ފުންކޮށް ވިސްނާ ހަޔާތުގެ މި އޮޑީގައި ކުރި ދަތުރުން މާދަމާ ދަތުރަށް ފެށުމުގެ ކުރިން ތައްޔާރުވެގެންނެވެ. އެފަދަކަމެއް ތަކުރާރުނުވާނެ ގޮތަށެވެ. އެފަދަ ކަމެއް ދިމާވިޔަސް ކުރިން ކޮށްފައިވާ ދަތުރުން ފިލާވަޅު ލިބިގެން ހަރުދަނާކަމާއެކު ކަންކަން ރަނގަޅުކޮށްގެންނެވެ.  ގޮންޖެހުންތަކާއި ކުރިމަތިލުމުގައިި މައިންބަފައިން ކޮށްފައިވާ ތަޖްރިބާއަށް ބިނާކޮށް ދަރިންގެ އުމުރާ ގުޅޭގޮތަށް، ޙަޔާތުގައި ދިމާވާ ތަފާތު ދަތިތަކާއި ނާކާމިޔާބީތަކުން އަރިގަންނާނެ ތަފާތު ގޮތްތަށް ޙިއްސާކޮށް އެހީވެދޭށެވެ. މިއީ ދަރިންނަށް ދިމާވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް މައިންބަފައިން އެކުގައި ވާނެކަން އިޙްސާސްކުރުވާނެ ކަމެކެވެ. މާޔޫސްނުވެ ކުރިއަރާ ދިޔުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

 

ތަފާތު ދަތިތަކާއި ނާކާމިޔާބީތަކުން އަރައިގަންނާނެ ތަފާތު ގޮތްތަށް މައިންބަފައިން ޙިއްސާކުރުން

ޓެކްނޮލޮޖީ ޙަޔާތުގެ ގިނަ ކަންކަމާ ގުޅިފައިވާއިރު މިޓެކްނޮލަޖީގެ ސަބަބުން ޢާއިލީ ގުޅުންތަކަށް އެންމެ އެކަށޭނެ ފައިދާއެއް ނުކުރެއެވެ. މި ވަސީލަތްތަކާ ނުލައި ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މައިންބަފައިންނަށް ގޭތެރޭގެ އެކި މަސައްކަތްތަކުގައި އެހީތެރިވެދޭށެވެ. ގޭތެރޭއަށް ބޭނުންވާ މަސައްކަތެއް ދަސްކޮށްލާށެވެ. މަންމަ ގާތުން ފަހަން ދަސްކޮށްލެވިދާނެއެވެ. ބައްޕަ ގާތުން މީރު ކާއެއްޗެއް ހަދާނެ ގޮތް ހޯދާލާށެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި މައިންބަފައިން ޖިންސީ ތަފާތުކުރުން ނުގެންގުޅޭށެވެ. ވަކި ޖިންސަކަށް ނިސްބަތްވާ މަސައްކަތެއް ނޯނާނެކަން ކިޔައިދޭށެވެ. އަންހެން ކުދިންނަށްވެސް ވައެރިންގ ފަދަ މަސައްކަތްކުރެވޭނެކަމާއި ފިރިހެން ކުދިންވެސް ކައި ނިންމުމަށްފަހު ތަށިދޮވުމަކީ ރީތި އާދައެއްކަން ކިޔައިދޭށެވެ.

 

 

ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި މައިންބަފައިންނަށް އެހީތެރިވުން

މިފަދަ ރީތި އާދަތަކާއި މަސައްކަތަތަށް ދަސްކުރުމުގައި  ހުސްވަގުތުގެ ބޭނުން ހިފުމުގެ އިތުރުން ދީނީ ކަންކަމަށް ފަރުވާތެރިވެ އަހައްމިއްޔަތުކަން ދެވިދާނެއެވެ. ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ކަނޑައަޅުއްވާފައިވާ ފަރުޟެކެވެ. ތަރުބިއްޔަތުގެ ބިންގާ ފުރިހަމަ ގޮތުގައި އެޅިގެންދަނީ ނަމާދުންނެވެ. ފަރުޟު ފަސް ނަމާދު ވަގުތުގައި ޤާއިމްކުރާށެވެ. ދުވަހުގެ ތާވަލުގައި ނަމާދަށް ވަގުތު ކަނޑައެޅުމަށްފަހު ބާކީ ވަގުތުތައް އެހެނިހެން ކަންކަމަށް ހުސްކުރާށެވެ. ޙަޤީޤީ ކާމިޔާބަކީ އެއީއެވެ.

 

ދަރިން ދީނީ ވާޖިބުތައް އަދާކުރަން ހިތްވަރުދިނުން

މައިންބަފައިން ދަރިން ނަމާދަށް ފަރުވާތެރިވުމުގެ އާދަ ހަރުލެއްވުމަށް މަސައްކަތްކުރާށެވެ. އަންހެން ކުދިން މާމަމެންނާއި މަންމަމެންނާއި ދައްތަމެންނާއެކު ގޭގައި ޖަމާޢަތުގައި ގިނަ ނަމާދުތަށް ކުރެވޭތޯ ބަލާށެވެ. މިސްކިތުގެ ޖަމާާޢަތުގައި ބައްޕަމެން ދަރިން ގޮވައިގެން ނަމާދުގައި ބައިވެރިވާށެވެ. ނަމާދަށް ފަރުވާތެރިވާ ކުދިބަޔަކު ބޮޑުކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ. ނަމާދުގެ އިތުރުން ޤުރުޢާން ކިޔެވުމާއި ތަދައްބުރުކޮށް ހަދައި ދަރިންގެ ހިތުގައި ދީނީ ކަންކަމާމެދު އުފެދޭ އެކި ސުވާލުތަކަށް ޖަވާބު ދިނުމަށް ވަގުތަކޮޅެއް ހުސްކޮށްލަދޭށެވެ. ދަރިން ދީނީ ވާޖިބުތައް އަދާކުރާ ރިވެތި ޙުލްޤުގެ ޝަހްސިއްޔަތަކަށްވުމުގެ ހުވަފެން ދެކޭށެވެ. ޙަޔާތުގައި ކާމިޔާބީގެ ފޮނިމީރުކަން ލިބިގެންދަނީ ހަމައެކަނި ތަޢުލީމްގެ އާރުކާޓީންނެއް ނޫނޭވެ. ލިބޭ ހުސްވަގުތުތަކުގެ ފައިދާ ހެޔޮގޮތުގައި ހިފައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *