އޯލެވެލް އިމްތިހާނަށް 100 ދުވަސް!

ރ.ފައިނު ސްކޫލުގައި އޯލެވެލް އިމްތިހާނުގެ 100 ދުވަހުގެ ކައުންޓްޑައުންގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ: ރ.ފައިނު ސްކޫލް

އޯލެވެލް އިމްތިހާނުގެ 100 ދުވަހުގެ ކައުންޓްޑައުން ފަށައިފިއެވެ.

އޯލެވެލް އިމްތިހާނަކީ ސާނަވީ އިމްތިހާނުތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ ބޮޑު އިމްތިހާނެވެ. ގްރޭޑް 10އެއްގެ ކުއްޖަކަށް، އެންމެ މުހިއްމު މި އިމްތިހާނުގައި އިށީނުމަށްޓަކައި ޔަޤީނުންވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ތަޢުލީމީ ބިންގާ އެޅުނީއްސުރެ، މުދައްރިސުންނާއި ބެލެނިވެރިން މިދަނީ، އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރަމުންނެވެ. މި އިމްތިހާނު ފެށެން 100 ދުވަހަށް ވީއިރު، ސްކޫލުތަކުން ދަނީ ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

މޭ/ޖޫން ގައި ފެށުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން، ސްކޫލުތަކުގައި ތަފާތު އިތުރު ގަޑީ ހަރަކާތްތައް ހިންގައެވެ. އެހެންކަމުން، ކޮންމެ ސްކޫލަކަށް ވަދެލިޔަސް ފެނިގެންދާނީ، އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ވަމުންދާ ތައްޔާރީތަކެވެ. މުދައްރިސުން ކުރަމުންދާ މަސައްކަތެވެ.

ކަމަދޫ ސްކޫލުގައި އޯލެވެލް އިމްތިހާނުގެ 100 ދުވަހުގެ ކައުންޓްޑައުން ފާހަގަކުރުމުގެ ތެރެއިން؛- ފޮޓޯ: ކަމަދޫ ސްކޫލް

އިމްތިހާނުގެ ދުވަސްތައް ކައިރިވަމުންދާ ވަރަކަށް، ސްކޫލުތަކުން ކުރަމުންދާ މަސައްކަތްތައްވެސް ގިނައެވެ.

އެހެންކަމުން، ރާއްޖޭގެ ގިނަ ސްކޫލުތަކުން ދަނީ ދަރިވަރުން އެންމެ ދަށް މާއްދާތައް އިތުރަށް ކިޔަވައިދީ، އެ މާއްދާއަކުން ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް، އިތުރު ގަޑީގެ ކްލާސްތައް ނަގައިދެމުންނެވެ. އެއް ގަޑިއިރާއި ދެގަޑިއިރުގެ މި ކްލާސްތަކުގައި ކިޔަވއިދޭނީ އެ މާއްދާއެއްގެ އެންމެ އުނދަގޫ ފިލާވަޅުތަކެވެ. މި ކްލާސްތަކުގައި ސުވާލުކުރުމުގެ ފުރުސަތުވެސް ދަރިވަަރުންނަށް ލިބިގެންދާނެއެވެ.

އއ.އޭއީސީން އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް އިސްލާމް ސްޓަޑީ ކޭމްޕް؛- ފޮޓޯ: އއ.އޭއީސީ

"އިސްލާމިކް ސްޓަޑީ ކޭމްޕަކީ ގްރޭޑް 9 އަދި 10އެއްގެ ދަރިވަރުންނަށް ބާއްވާފައިވާ ކޭމްޕެއް.. މި އަހަރު އެސްއެސްސީ އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް އިސްލާމް ފިލާވަޅު ރަނގަޅަށް އުންގަންނައިދިނުމުގެ ގޮތުން މި ކޭމްޕް ކުރިއަށް ގެންގޮސްފަ މި ވަނީ.. މި ކޭމްޕުގެ ޓީޗަރެއްގެ ގޮތުގައި ވަޑައިގެންނެވީ ރެހެންދި ސްކޫލުގެ އިސްލާމް މުދައްރިސް ޤާސިމް މުޙައްމަދު.. ތަފާތު ހަރަކާތްތަކާއެކީ ފިލާވަޅު އުންގަންނައިދިނީ.. ވަރކްޝީޓްސް އަދި ލެކްޗާރސްގެ އިތުރުން އައުޓްޑޯރ އެކްޓިވިޓީސް އާއެކު." އއ. އަތޮޅު ތަޢުލީ މަރުކަޒުގެ ޕްރިންސިޕަލް ރަޝީދާ މޫސާ

މީގެއިތުރުން، ސްޓަޑީ ކޭމްޕުތަކަކީވެސް، ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ހިންގަމުންދާ ކޭމްޕުތަކެކެވެ. ސްޓަޑީ ކޭމްޕުގެ ބޭނުމަކީ، އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމެވެ. މާއްދާގެ ސިލަބަސް ރިވައިސްކޮށް، ދަރިވަރުންގެ ސުވާލުތައް އޮޅުންފިލުވައިދިނުމުގެ އިތުރުން، ޕާސްޓްޕޭޕަރު ހައްދާ އިމްތިހާނުގައި ޖަވާބުދޭނެގޮތް ކިޔައިދިނުމެވެ. ދިވެހި ކޭމްޕް، ސައިންސް ކޭމްޕް، އިސްލާމް ކޭމްޕް އަދި އިންގްލިޝް ކޭމްޕް ފަދަ ކޭމްޕުތައް ހިމެނެއެވެ.

ކ.ގުރައިދޫ ސްކޫލުގެ އޯލެވެލް ދަރިވަރުންނަށް ކުރިއަށްގެންދިޔަ އިންގްލިޝް ރިސޯސް ޕްރޮގްރާމް؛- ފޮޓޯ: ކ.ގުރައިދޫ ސްކޫލް

"މި ކްލާސްތައް ގެންދެވުނީ 3 ދުވަހަށް..ޖުމްލަ 18 ގަޑިއިރުގެ ކޭމްޕެއް މީ.. މި ކްލާސްތަކުގައި ސުވާލުތަކަށް ޖަވާބު ދޭނެ ގޮތް ކިޔައިދެވޭނެ، ސުވާލުތައް އޮޅުންފިލުވާނެ، އެކިއެކި ވަރކްޝީޓުތައް ދަރިވަރުން ހަދާނެ.. މި ކްލާސް ނަގައިދިނީ އިނގުރައިދޫ ސްކޫލުގެ އިނގިރޭސި ޓީޗަރ މުޙައްމަދު މާލިކް" ގުރައިދޫ ސްކޫލުގެ ލީޑިންގ ޓީޗަރ

އަދި އެސެމްބްލީތަކުގައާއި، ކްލާސްރޫމްތަކުގައި، ޕްރިންސިޕަލުންނާއި މުދައްރިސުން ދަނީ ގޭގައި ފިލާވަޅުދަސްކުރުމަށާއި، ފޮތް ކިޔުމަށް ހިތްވަރުދެމުންނެވެ. ދަރިވަރުން ސޯޝަލް މީޑިއާގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ޒަމާނީ ވަސީލާތްތަކުގެ އެހީގައި މަޢުލޫމާތު ހޯދުމަށް ކިޔައިދެމުންނެވެ. ދަރިވަރުންގެ ވަގުތުތައް ބޭނުންތެރިގޮތުގައި ހިފުމަށާއި، ދީނީ ކަންކަމަށް ބޮޑަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވަމުންނެވެ.

2019 ވަނަ އަހަރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ބާއްވާ އިތުރު ގަޑީީގެ ކްލާސްތަކުގެ ތެރެއިން؛- ފޮޓޯ: އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

އޯލެވެލް އިމްތިހާނަކީ އާއްމުގޮތެއްގައި އޮކްޓޯބަރ/ނޮވެމްބަރގައި ބާއްވަމުން އަންނަ އިމްތިހާނެކެވެ. ނަމަވެސް، 2020 ގައި ހަލުވިކަމާއެކު ފެތުރިގެންދިޔަ ކޮވިޑް-19ގެ ސަބަބުން، އިމްތިހާނުތައް ފަސްކުރުމަށް މަޖްބޫރުވުން، އެ އަހަރުގެ އިމްތިހާނު ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ މޭ/ޖޫން މަހުގައެވެ. އެ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވަނީ 235 ސެންޓަރުން 5955 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *