ފޯކައިދޫ ސްކޫލު ދަރިވަރުން ދައްކައިދިނީ ނަމޫނާއެއް

ދަރިވަރުން ގޮނޑުދޮށް ސާފުކުުރުމަށް ތައްޔާރުވެގެން. ފޮޓޯ: ފޯކައިދޫ ސްކޫލު

ކުދިންނަށް އެންމެ ތުއްތުއިރުއްސުރެ ސާފުތާހިރުކަމުގެ މުހިއްމުކަމާއި އުޅޭ މާހައުލު ރީތިކޮށް ބޭއްވުމަށް ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ.

ކުދިންގެ ހިތްތަކުގައި ކޮންމެ ކަމެއް ކުރުމުގައިވެސް ސާފުތާހިރުކަމަށް ލޯބިކުރުމާއި ކުނި އަޅަން ޖެހޭ ތަންތަނަށް ކުނި އެޅުމަށް ނަސޭހަތްތެރިވުމަކީ އަޅުގަނޑުމެން މައިންބަފައިންގެވެސް އަދި ކިޔަވައިދޭ މުދަރިއްސުންނާއި އެ ކުދިންގެ ބެލެނިވެރިންގެވެސް ވަރަށް ބޮޑު ޒިންމާއެކެވެ. އަމިއްލައަށް ސާފުތާހިރުކޮށް ހުރުމާއި އުޅޭ މާހަލު އެންމެ ތުއްތުއިރުއްސުރެ ސާފުތާހިރު ކަންމަތީ ބެހެއްޓޭނަމަ ބޮޑުވެގެންވެސް އެކުއްޖަކު ވާނީ ސާފުތާހިރުކަމަށް ލޯބި ކުރާ ކުއްޖަކަށެވެ. ސާފުތާހިރުކަމަށް ލޯބިކުރުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރު އަޅާ ކަމެކެވެ. އެހެން ކަމުން އެ ރީތި އާދަ ކުދިންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ.

ދާދި ފަހުން ފޯކައިދޫ ސްކޫލުން އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން މިވަނީ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އެކުދިން ގެންގޮސްފައިވަނީ ފޯކައިދޫގެ ގޮނޑުދޮށަށެވެ. އެކުދިން މި ހަރަކާތަށް ބޭނުންވާ ސާފުކުރުމުގެ ހުރިހާ ތކެތި ހިފައިގެން ދަތުރު ފެށީ ސްކޫލުގެ ގޯތި ތެރެއިންނެވެ.  އެކުދިން ދިޔައީ މި ހަރަކާތަށް ބޭނުންވާ ހުރިހާ ތަކެތި ހިފައިގެންނެވެ. މި ހަރަކާތް ވެގެން ދިޔައީ އެކުދިން ވަރަށް ޝައުގުވެރިވި އަދި ގިނަ ކަންކަން ދަސްވެ ތަޖުރިބާ ކޮށްލުމުގެ ހަރަކާތަކަށެވެ.

ދަރިވަރުން ގޮނޑުދޮށް ސާފު ކުރުމުގައި ހަރަކާތްތެރިވަނީ. ފޮޓޯ:ފޯކައިދޫ ސްކޫލް

މި ހަރަކާތަކީ "ކުނި" މިތީމްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ޓީޗަރުންނާއިއެކު އެކުދިން ގޮޑުދޮށް ސަރަހައްދަށް ދިޔައިރު ތިން ބާވަތެއްގެ ކުނި ހޮވައި، އެޅުމަށް، ޚާއްސަ ފޮށިތަކެއްވަނީ ބަހައްޓާފައެވެ. އެ ގޮތުން ޕްލާސްޓިކް ،ދަނގަޑު އަދި އެހެނިހެން ކުނި އެޅުމަށް 3 ފޮށްޓެެއް ގޮނޑު ދޮށުގައި ބެހެއްޓިފައިވެއެވެ. ފުރަތަމަ އެ ސަރަހައްދަށް ކުދިން ދިއުމުން، ޓީޗަރުން އެކުދިންނަށް އަވަހަށް ފަނާވާ ކުންޏާއި ލަހުން ފަނާވާ ކުނި ވަކި ކުރާނެ ގޮތްތައް ކިޔައިދިނެވެ. އަދި އެކުދިންނަށް ވަކިވަކިން އެ ބާވަތުގެ ކުނި ހޮވުމަށްފަހު ފޮށިތަކަށް އަޅާނެ ގޮތް ކިޔައި ދެވުނެވެ. އަދި ހޮވި ކުނިތަކަުގެ ތެރެއިން ނަން ޖަހާފައިވާ ފޮށި ނޫން ފޮށްޓަކަށް އެ ބާވަތެއްގެ ކުނި، ކުދިންްނަށް އޮޅިގެން އެޅިއްޖެނަމަ ޓީޗަރުންގެ އެހީތެރިކަމާއެކު ރަނގަޅު ފޮށްޓަށް ވަނީ ކުނި އަޅައިދީފައެވެ.

45 މިނެޓަށް ކުރިއަށް ގެންދިޔަ މިހަރަކާތުގެ ތެރެއިން އެކުދިންނަށް ވެއްޔާ ކުޅެލުމުގެ ފުރުސަތުވެސް ޓީޗަރުން ވަނީ ދީފައެވެ. އަދި ޓީޗަރުން ވަނީ ގޮޑުދޮށް އެއީ އަބަދުވެސް ސާފުތާހިރުކޮށް ބާއްވަން ޖެހޭނެ ތަނެއްކަމާއި އެ ސަރަހައްދަށް ކުނި އެޅުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫންކަން ކިޔައިދީފައެވެ.

ދަރިވަރުނަށް ފޮށިތައް ބެހެއްޓިފައިވާ ގޮތާއި އެކި ބާވަތުގެ ކުނި އަޅަން ޖެހޭ ގޮތް ކިޔައިދެނީ ފޮޓޯ/ ފޯކައިދޫ ސްކޫލު

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ލީޑިންގ ޓީޗަރ އައިމިނަތު ފިޒާނާ ވިދާޅުވީ މި ފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ކުލާހުގައި އެ ކުދިންނަށް ކިޔަވައިދޭ އެކިއެކި މައުޟޫއުގެ ދަށުން އެކުދިންނަށް އަމަލީ ގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ. ހަމައެއާއިއެކު ގިނަ މައުލޫމާތުތަކެއް އެއްތަނެއްގައި ގިނަ ކުދިންނާއެކު ތިބެގެން އެކުވެރި މާހައުލެއްގައި ކިޔައި ދިނުމަކީވެސް މިފަދަ ހަރަކާތެއްގެ މުހިއްމު އެއް ބޭނުންކަމުގައި ފިޒާނާ ވަނީ ވިދާޅުވެފައެވެ. މި ހަރަކާތުގައި ސްކޫލުގެ މެނޭޖްމަންޓާއި، ސަޕޯޓް ސްޓާފުންނާއި ބެލެނިވެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެގެން ގޮސްފައެވެ.

ދަރިވަރުން އެކި ބާވަތުގެ ކުނި ހޮވުމަށް ތައްޔާރުވަނި. ފޮޓޯ.: ފޯކައިދޫ ސްކޫލު 

މިކުދިންނަށް ގިނަ ކަންތައްތަކެއް މިހަރަކާތުގެ ތެރެއިން އެނގިގެން ހިގައްޖެކަމަށް ގިނަ ބެލެނިވެރިން ވަނީ ފާހަގަ ކޮށްފައެވެ.  މި ހަރަކާތް ނިމުމުން އެކުދިން ވަނީ ޓީޗަރުންގެ ކިބައިން މިފަދަ އެހެން ފުރުސަތެއް ހޯދައިދިނުމަށް އެދިފައެވެ. މި ހަރަކާތްތަކުގެ ސަބަބުން އެކުދިންނަށް ދަސްވެގެންދަނީ އެ ހަރަކާތުގައި އެކުދިންނަށް ފޯރުކޮށް ދީފައިވާ މައުލޫމާތު ތަކެއް އެކަންޏެއް ނޫނެވެ.

އޭގެ އިތުރުންވެސް މުސްތަގްބަލްގައި އެކުދިން ވެގެންދާނީ އެހަރަކާތުން ލިބުނު މައުލޫމާތުތައް އެހެން ކުދިންނަށް ފޯރުކޮށްދީ އެކުދިންނަށްވެސް ސާފުތާހިރުކަމުގެ މުހިއްމުކަން އަންގައިދީ އަދި ތަފާތު ވައްތަރުގެ ކުނި އެއްތަނަކަށް ނޭޅުމަށް ނަސޭހަތްތެރިވާނެ ކުދިންނަށެވެ. މި ފަދަ ހަރަކާތައް ސްކޫލުތަކުން ރާވައި ހިންގަނީނަމަ ކުދިންގެ ވިސްނުމާއި ސިކުނޑި ތާޒާވެ އެކުދިން އެކި ކަންކަމުގައި ވިސްނާ ވިސްނުންވެސް މުއްސަދިވެގެން ދެއެވެ. މި ފަދަ ހަރަކާތްތަކަކީ ކިޔެވުގެ އިތުރުން ސްކޫލްތަކުގައި އެކުދިންގެ ކިޔެވުމާއިގުޅޭ ގޮތުން ކުރިއަށް ގެންދިޔުން މުހިއްމު ހަރަކާތްތަކެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *