ނ.އަތޮޅު ސްކޫލުގެ ދަރިވަރުންނަށް އެވޭލާ ދިރިއުޅުން ދައްކުވައިދިން "އެވޭލާ ހަވީރު"

ސަގާފަތް ފިލާވަޅު ކިޔަވައިދިނުމުގެ ގޮތުން، ނ،އަތޮޅު ސްކޫލުގައި ބޭއްވި "އެވޭލާ ހަވީރު"ގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

ދިވެހިންގެ ސަޤާފަތަކީ ވަރަށް ހިތްގައިމު ސަޤާފަތެއްކަން ރާއްޖެއަށް ޒިޔާރަތްކުރާ ގިނަަޔަކު ބުނެއެވެ. މި ސަޤާފަތް ފަނޑުވަމުން ވަޅުޖެހެމުންދާކަމުގެ ރަަގަބީލާއިއެކު، މި ސަޤާފަތް އައު ޖީލުތަކަށް ދަސްކޮށްދިނުމަަށް ސްކޫލުދައުރުގައި މިއީ ކިޔަވަންޖެހޭ، ނުވަތަ އުނގެނި، އެނގި ދަސްވާންޖެހޭ ކަމެކެވެ. އެގޮތުން ތަޢުލީމީ ކަރިކިއުލަމުގައި "ސަޤާފަތް" ދަސްކޮށްދިނުމުގެ ޚާއްސަ ފިލާވަޅެއް އޮވެއެވެ. އެ ފިލާވަޅު އުނގަންނައިދިނުމަށް ނ. އަތޮޅު ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތަކީ މިފަދަ ފާހަގަކޮށްލެވޭ ހަރަކާތެކެވެ.

"އެވޭލާ ހަވީރު" މިއީ ދިވެހި ސަޤާފަތުގެ ގިނަ ކަންކަން ދަރިވަރުންނަށް ދަސްކޮށްދިނުމަށް، ނ. އަތޮޅު ސްކޫލުން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތަކީ ކީ ސްޓޭޖު ދޭއް ( ގްރޭޑު ހަތަރަކުން ހައެއް) ގެ ދަރިވަރުންނަށް ބޭއްވި ހަރަކާތަކެވެ. ސްކޫލް ކޮމްޕައުންޑުގެ އެކި ސަރަހައްދުގައި ހަދާފައިވާ ސްޓޯލުތަކުން ފެނިގެންދިޔައީ އިހުޒަމާނުގައި ދިރިއުޅުމަށްޓަކައި ބޭނުން ކުރި ތަކެއްޗެވެ. މަސައްކަތް ކުރުމަށް ކާބަފައިން ބޭނުންކުރި ވަސީލަތްތަކެވެ. ބޭސްވެރިކަމަށް ގެންގުޅުނު ފަތްޕިލާވެއްޔެވެ.

"އެވޭލާ ހަވީރު" ގައި ހުރި މަސްވެރިކުމަގެ ސްޓޯލް؛ މި ސްޓޯލުގައި މަސްވެރިކަން ކުރަން އިހުގެ މީހުން ބޭނުންކުރި ތަކެތި ދައްކުވައިދޭ:- ފޮޓޯ: ނ.އަތޮޅު ސްކޫލް

މިއިން ކޮންމެ ސްޓޯލަކީ، ދަރިވަރުންވެސް، އެކަންތައްތައް ތަޖުރިބާ ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓޯލުތަކެވެ.

އެއްތަނަކުން، ހުރިހާ ދަރިވަރުންނަށް ސަގާފީ ތަރިކައިގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރެވިފައިވާ ސްޓޯލުތަކުގައި، އިލޮށި މެށުމާއި، ރޯނު ވެށުމާއި، ފަންގިވިނުމާއި، ފުނޑުމަށް ބޭނުންކުރާ ތަކެއްޗާއި، ފުނޑާނެ ގޮތާއި އަދި މަސްވެރިން ބޭނުން ކުރާ ވަސީލާތްތައް ދަރިވަރުންނަށް ދަސްކޮށްދިނެވެ.

"އެވޭލާ ހަވީރު" ހަރަކާތުގެ ތެރެއިން، ދަރިވަރުން ފަންގި ވިޔަނީ؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

ހަމައެއާއެކު، އެ ދުވަސްވަރު، ކުދި ހެދުން ހިއްކަން އަޅަން ބޭނުންކުރާ ކަނިގަނޑު ލާފައި ހުންނަ ދަނޑިއާއި، އޭގައި ރޯނު އަޅާނެ ގޮތްތަކުގެ އިތުރުން ވަޑާން ކުރުމުގައި މިން އެޅުމާއި ލަކުޑި ތޮރުފާނެ ގޮތްވެސް ދަރިވަރުންނަށް ދަސްކޮށްދިނެވެ. އަދި އެދުރުގޭގައި، ކިޔަވައިދިނުމަށް ބޭނުންކުރި ދެ ބާވަތެއް ދަރިވަރުންނަށް ދެއްކިއެވެ. އެއީ ވޮށުފިލާ އާއި ދޮލަނގެވެ. ދޮލަނގުގައި ކިޔަވައިދިނީ ހަނޑޫ ނުވަތަ ވެލިންނެވެ. މީގެ އިތުރުން ލިޔަން އޭރު ގެންގުޅުނު ދެލިވެސް ދަރިވަރުންނަށް ވަނީ ދައްކާފައެވެ.

"އެވޭލާ ހަވީރު" ހަރަކާތުގައި ތައްޔާރުކޮށްފައިވާ 'އެދުރުގެ’؛ އެދުރުގޭގައި އޭރު ކިޔަވަން ބޭނުން ކުރި ވޮށުފިލާ އާއި ދޮލަނގު އަދި ދެލި؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

"އެވޭލާ ހަވީރު" ގެ ސްޓޯލުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނީ ދިވެހި ބޭހުގެ ސްޓޯލަށެވެ. ދިވެހި ބޭހަކީ، ގުދުރަތީ އެކި ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ބޭސްތަކެވެ. ދަރިވަރުންނަށް މިކަން ވެގެންދިޔައީ ތަފާތު ކަމަކަށެވެ. އެ ކުދިންނަށް ފަތްޕިލާވެލީގެ އެކި ބާވަތްތަކާއި، ބޭސް ގޭނުމަށް ބޭނުންކުރާ އޮޑިހަން ވެގެންދިޔައީ އާޝޯހުކުރުވަނިވި ތަކެއްޗަސަށެވެ. މިނާ ބޭހާއި، ތަދުވީމާ ބޭނުން ކުރާ ބޭސްތަކުގެ އިތުރުން ތަފާތު ވައްތަރުގެ ބޭސް ހަދާނެގޮތްތަކާއި، ބޭނުން ކުރާ ތަކެތި ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

"އެވޭލާ ހަވީރު"ގައި ދަރިވަރުން ދިވެހި ބޭހުގެ ބާވަތްތައް ދަސްކުރުމުގެ ތެރެއިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

މި ސްޓޯލުތަކުގެ މަޤްސަދަކީ ހަމައެކަނި ކުދިންނަށް އަނގަބަހުންނާއި އެއްޗެހި ދައްކައިދީގެން ދަސްކޮށްދިނުމެއްނޫނެވެ. ޢަމަލީ ގޮތުންވެސް ކުދިން ބައިވެރިވެ، އޭރުގެ ވަސީލާތްތައް ބޭނުންކުރާނެ ގޮތް ދަރިވަރުން ތަޖުރިބާ ކޮށްފައިވެއެވެ. ޢަމަލީ ހަރަކާތްތަކުން އުންގަންނައިދިނުމަކީ، ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމަށް ފަސޭހަކަމެކެވެ. އެހެންކަމުން، އޭރުގެ ދިރިއުޅުން ތަޖުރިބާ ކުރުމުގެ އިތުރުން، އިހުގެ ކުދިން މަޖާކޮށް ފޫހިފިލުވުމަށް ކުޅުނު ކުޅިވަރުތައްވެސް ދަރިވަރުން ވަނީ ކުޅެފައެވެ.

"އެވޭލާ ހަވީރު" ގައި ދަރިވަރުން ކުޅިވަރުކުޅުމުގެ ތެރެިން؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

ސޯޝަލް ސްޓަޑީސް، ސައިންސް، އަރޓް އަދި ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން، މި މާއްދާތައް އެއްކޮއްލައިގެން ކުރިއަށްގެންދިޔަ ހަރަކާތުގައި އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދީފައިވަނީ ބެލެނިވެރިންކަމަށް އެ ސްކޫލުގެ ލީޑީންގ ޓީޗަރ ފާތިމަތު ރަޝީދާ ވިދާޅުވިއެވެ. ސްޓޯލުތަކަށް ބޭނުންވާ ތަކެތި ހޯދުމުގައިއާއި، މަޢުލޫމާތު ދިނުމުގައިވެސް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ފާތިމަތު ރަޝީދާ ފާހަގަކުރެއްވިއެވެ.

"އެވޭލާ ހަވީރު" ގައި ވަޑާން ކުރާ ވަސީލާތްތައް ދައްކުވައިދެނީ؛- ފޮޓޯ: ނ.އަތޮޅު ސްކޫލް

މި ހަރަކާތުގައި ކީ ސްޓޭޖު ދޭއްގެ ދަރިވަރުންގެ އިތުރުން، ކީ ސްޓޭޖް އެކެއްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. މި ދަރިވަރުންނަށްވެސް އެތަނުގައިވާ ތަކެތި ބަލާލާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ މަގުފަހިވެގެން ދިޔައެވެ. ކީ ސްޓޭޖް އެކެއްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ވަކިންނެވެ. އެއީ ބައިވެރިވުމުގެ ފުރުސަތާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށްވެސް ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *