14 އަހަރުގެ ތަކުލީފުތަކަކަށްފަހު، ފެހެންދޫގެ ދަރިވަރުންނަށް ހިތްހަމަޖެހުން

ފެހެންދޫ ސްކޫލްގައި ދަރިވަރުން ސެޓެލައިޓް ސްކޫލުގެ މަފްހޫމަށް ކިޔަވަނީ- ފޮޓޯ އެޑިއުކޭޝަން މިނިސްޓްރީ

ވެހޭހާ ވާރެއެއްގައާއި ދޭހާ އަތްވެއްގައި ވިއްސާހާ ލޮނެއްގައި ފެހެންދޫ ސްކޫލުގެ ދަރިވަރުން ތަޢުލީމު ހޯދަން އެ ރަށާ ޖެހިގެން އޮތް ބ.ގޮއިދޫ ސްކޫލަށް ދަތުރުކުރާތާ 14 އަހަރުވީއެވެ.

ފެހެންދޫ އަކީ އާބާދީ މަދު ރަށެއްކަމުން، ސްކޫލަށް ކިޔަވަންދާނެ ކުދިން މަދުވުމުން އެ ރަށު ސްކޫލް ދާއިމީގޮތެއްގައި ބަންދުކުރީ 2008 ވަނަ އަހަރުއެވެ. ސްކޫލް ބަންދުކުރުމާ ގުޅިގެން، ކޮންމެ ދަރިވަރަކަށް އެލަވަންސެއް ހަމަޖެއްސީ ކައިރިގައި އޮތް ގޮއިދޫއަށް ދިއުމަށެވެ. އެދަތި އުނދަގުލުގައި ވެސް އެ ކުދިން ކިޔަވަން ކަނޑު ހުރަސްކޮށް ދަތުރުކުރިއެވެ.

ފެހެންދޫ ސްކޫލުގެ ދަރިވަރުން ބެލެނިވެރިންނާއެކު، ގޮއިދޫ ސްކޫލަށް ދިޔުމަށް ކުރާ ދަތުރުމަތީ؛-

އެތައް އަހަރެއްވަންދެން ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކުރަމުން އައީ ޑިންގީއެއްގައެވެ. މިކަމުންވެސް އެނގިގެންދަނީ އެ ރަށު ކިޔަވާ ކުދިންނާއި މައިންބަފައިން ކިޔެވުމަށާއި ކިޔަވައިދިނުމަށް އޮންނަ ލޯތްބާއި ދަރިންނަށް ކިޔަވައިދިނުމަށް އޮތް މުހިއްމު ކަމުގެ ބޮޑުކަމެވެ.

ޑިންގީގައި ފެހެންދޫ ސްކޫލުގެ ދަރިވަރުން، ބ.ގޮއިދޫ ސްކޫލަށް ދަތުރުކުރުމުގެ ތެރެއިން؛-

ޑިންގީއެއްގައި ދަތުރުކުރާތާ 11 ވަރަކަށް އަހަރަށްފަހު، ސްކޫލް ކުދިންނަށް ހާއްސަކޮށް ލޯންޗެއް ހަދިޔާކުރުމާއެކު، އެ ކުދިން ދެން ދަތުރުކުރަމުން އައީ ލޯންޗުގައެވެ. އެ ލޯންޗްގައި ކުރި ދަތުުރުތަކަށް ނިމުން އައީ ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމް މިއަދު ހަމަޖެހުމާ އެކުގައެވެ.

ފެހެންދޫ ސްކޫލުގެ ދަރިވަރުން، ގޮއިދޫ ސްކޫލަށް ދިޔުމަށް ދަތުރުމަތީ؛-

ސެޓެލައިޓް ސްކޫލް ތަޢާރަފްވުމާއެކު، ފެހެންދޫގެ ދަރިވަރުންނަށް ލިބިގެންދިޔައީ އުފާވެރިކަމުގެ އިހްސާސްތަކެވެ.

ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށުގައާއި ކުދިން ހަމަނުވާ ސްކޫލް ތަކުގައި ކިޔެވުން ކުރިއަށް ގެންދަން ހިންގާ ޕްރޮގްރާމެކެވެ. އެހެންކަމުން، ސެޓެލައިޓް ސްކޫލުގައި ކިޔެވުމަށް ހާޒިރުވާނެ އިމާރާތާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ތިބޭނެއެވެ. އަދި މި ސްކޫލުތަކުގެ މައި ހަބެއްގެ ގޮތުގައި ހުރަވީ ސްކޫލް ހަމަޖެހިފައިވާއިރު، ކިޔަވައި ދޭނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ.

ފެހެންދޫ ސްކޫލުގެ ދަރިވަރުން، ލޯންޗަށް އެރުމަށް ފާލަންމަތީ؛-

 

ސެޓެލައިޓް ސްކޫލަކަށް ބޭނުންވާނެ އިންޓެނެޓާއި ކޮމްޕިއުޓަރުގެ ވަސީލާތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ބ.ފެހެންދޫ، ވ.ތިނަދޫ އަދި އެ އަތޮޅު ރަކީދޫގައި ސެޓެލައިޓް ސްކޫލް އިމާރާތްކުރުމުގެ މަސައްކަތްވަނީ މިދިޔަ އަހަރުގެ މެދުތެރެއިން ފަށާފައެވެ. އެހެން ނަމަވެސް، ވ.ރަކީދޫގެ އިމާރާތް ނުނިމޭތީ އެ އިމާރާތް ނުހުޅުވައެވެ.

ފެހެންދޫ އަށް ފަހު، ދެން ސެޓެލައިޓް ސްކޫލުގެ ކިޔެވުން ފެށީ ވ.ތިނަދޫގައެވެ. މި ސްކޫލުގައި މިއަދު، ޓެކްނިކަލް ގިނަ މައްސަލަތައް ދިމާވެފައިވި ނަމަވެސް، މިނިސްޓްރީންނާއި ދިރާގުން ދަނީ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފެހެންދޫ އެކޭ އެއްގޮތަށް ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ލިބިގެން ދިޔައީ އަމިއްލަ ރަށުގައި ތިބެ ކިޔެވުމުގެ ފުރުޞަތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *