ދަރިންގެ އުނގެނުން ފަސޭހަކޮށްދިނުމަށް މައިންބަފައިންނަށް ކޮށްދެވިދާނެ ބައެއް ކަންތައްތައް

ލިއުނީ: ނިއުމާ މުޙައްމަދު

 

އަމިއްލަ ކޮންމެ ދަރިއަކީވެސް ވަރަށް ތަފާތު ކުއްޖެކެވެ. ދަރިން އުޅޭއުޅުމާއި، އަޚްލާޤާއި، މިޒާޖާއި ކުރަންބޭނުންވާ ކަންތައްތައްވެސް ތަފާތުވާނެއެވެ. މިކުދިން ގޭތެރޭގައި އުޅޭއިރުވެސް މިޒާޖުގެ ގޮތުންނާއި ތަބީއީގޮތުންވެސް ތަފާތުވާނެއެވެ. ވީމާ ކިޔެވުމާއި އުނގެނޭގޮތްތައް ނުވަތަ ފިލާވަޅު ދަސްކުރާ ގޮތްތައްވެސް އެކި ކުދިންގެ ތަފާތުވާނެއެވެ. މިގޮތުން މިބަލައިލަނީ ދަރިންގެ އުނގެނުން ފަސޭހަކޮށްދިނުމަށް މައިންބަފައިންނަށް ގޭގައި ކޮށްދެވިދާނެ ބައެއް ކަންތައްތަކަށެވެ.

 

ގޭގައި މައިންބަފައިންނަށް، ކުދިންނަށް އެހީވާން ކަންތައްތައް ކޮށްދެވިދާނެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް އެކުދިންނާއެކީ ހޭދަކޮށްލަންވާނެއެވެ. ފިލާވަޅުތައް މުތާލިޔާކޮށް ކިޔައިދީ އޮޅުންފިލުވައިދެމުންދާއިރު ވިސްނަންވީ އެއްކުއްޖަކު އުނގެނޭ ގޮތާއި އަނެއް ކުއްޖަކު އުނގެނޭ ގޮތްތައް ތަފާތުވާނެކަމެވެ. ވަރަށް އަވަހަށް ވިސްނޭކުދިންނާއި ތަންކޮޅެއް ވަގުތު ނަގައިގެން އެކަމެއް ދަސްވާ ކުދިން ތިބޭނެއެވެ. ނަމަވެސް އެކުދިންނަށް އުނގެނުން ފަސޭހަވާނެގޮތްތަކަކީ ކޮބައިތޯ ހޯދައިބަލައި އެގޮތަށް ބެލެނިވެރިން އަމަލުކުރަންވާނެއެވެ. މިސާލަކަށް، މާމެލާމެލީގެ މައުލޫމާތު ކިޔައިދޭނަމަ އޭގެ ތަސްވީރާއި އަސްލު އެއްޗެހި ދެއްކުމުން ފަސޭހަކަމާއެކު އަވަހަށް ދޭހަވެ ހަނދާނުގައި ހަރުލައެވެ. ނުވަތަ މާމެލާމެލީގެ ޔޫޓިއުބް ވީޑިއޯތަކެއް ދައްކައިދީގެން ފިލާވަޅު އޮޅުންފިލުވައިދޭށެވެ. ނޫނީ ބަގީޗާ ނުވަތަ ޕާރކުފަދަ ތަންތަނަށް ގެންގޮސް އެފެންނަ މާތަކާއި ބެހޭގޮތުން މައުލޫމާތު ކިޔައިދޭށެވެ. މިގޮތަށް ކަންތައްތައް ކުރާއިރު ދަރިންނާއި ސުވާލު ކުރަމުންދާށެވެ. އަދި އޭނައަށް އެދޭހަވިކަން ވާހަކަދައްކުވައިގެން (މުއާމަލާތްކޮށްގެން) ޔަގީންކުރަންވާނެއެވެ. މިގޮތަށް އަސްލު އެއްޗެހި/ ވީޑިއޯ/ ތަސްވީރު ފަދަ އެއްޗެހި ދައްކައިގެން އެމައުލޫމާތުތައް ކިޔައިދިނުމުން ދަރިންގެ ވިސްނުން ތަރައްގީވެ އެމައުލޫމާތުތައް ގިނަ ދުވަހު ސިކުނޑީގައި ހަރުލައެވެ.

ބައެއް ކުދިންނަށް ފިލާވަޅު ދަސްކުރަން ފަސޭހައީ އެމައުލޫމާތުތައް އަޑުއަހައިގެންނެވެ. މިފަދަ ކުދިންނަށް އެދަސްކޮށްދޭން ބޭނުންވާ މައުލޫމާތު އޭނާއަށް އަޑުއިވޭ ވަރަށް ބާރަށް ކިޔައިދެވިދާނެއެވެ.  ކިޔައިދެމުންދާއިރު ސުވާލުކުރަމުން ގެންދަންވާނެއެވެ. އެއީ އޭނާ އަޑުއަހާތޯ ޔަޤީން ކުރުމަށެވެ.

މިކުދިންނަށް ގޭގައި ގިނަގިނައިން ބަހުސްކުރަން ފުރުސަތުދީ އަދި އާއިލާގެ ތެރޭގައި އެ ދަސްކުރަން ބޭނުންވާ ސުރުހީއަށް މަޝްވަރާތައް ކުރެވިދާނެއެވެ. މިސާލަކަށް ސުރުޙީއަކާއި ބެހޭގޮތުން ގޭގައި ކޮއްކޮއާއި ދައްތައާއި ވާހަކަ ދައްކާލެވިދާނެއެވެ. އަދި މިނޫނަސް އާއިލާގެ ތެރޭގައި އެމަޢުލޫމާތު އެނގޭ ހުނަރުވެރިއަކު ލައްވާ، އެސުރުޙީއަށް ވާހަކަ ދައްކާލެވިދާނެއެވެ. މިގޮތަށް އުނގެނޭ ކުދިންނަށް ފިލާވަޅުތަކުގެ ތެރޭގައި މައުލޫމާތު ރޭޑިއޯ/ ޓީވީން އަޑުއަހާލަން ފުރުސަތު ދެވިދާނެއެވެ. މިސާލަކަށް ޓެލިކުލާސްތަކުގެ ވީޑިއޯތައް ގޭގައި ބޭނުންކުރެވިދާނެއެވެ.

ބައެއްކުދިންނަށް ފަސޭހައީ މަޢުލޫމާތު އަމިއްލައަށް ކިޔާފައި ލިޔުނީމައެއެވެ. މިސާލަކަށް، އިސްލާމް މާއްދާގެ ފިލާވަޅުގައި ހުންނަ މައުލޫމާތު ދަރިފުޅުކައިރީގައި ކިޔަމުން ލިޔަން ބުނެވިދާނެއެވެ. މިގޮތަށް ކަންތައްތައް ކުރުމުން އެމައުލޫމާތުތައް ގިނަދުވަހު ހަނދާނުގައި ހަރުލައެވެ. މިފަދައިން ކަންތައްތައް ކުރުމުން އެސެސްމަންޓް ނުވަތަ އިމްތިހާނު ހަދާއިރު ހަނދާނަށް ގެނެސްގެން ކުދިންނަށް ފަސޭހަކަމާއެކު ސުވާލުތަކުގެ ޖަވާބު ލިޔެލެވޭނެއެވެ. މިކުދިން ފިލާވަޅުތައް ދަސްކުރަމުންދާ ގަޑީގައި ޑައިރީފަދަ ރީތިފޮތްތައް ހޯދާފައި ބެހެއްޓުމުން މިގޮތަށް ކިޔަވާހިތް ބޮޑަށް ވާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް މިފަދަ މައުލޫމާތު އެކުލެވޭ ފިލާވަޅުތައް ރީތިކޮށް ލިޔުއްވިދާނެއެވެ. އަދި ބެލެނިވެރިޔާ ކިޔައިދިނުމުން ދަރިފުޅު އިމްލާ ލިޔާގޮތަށް އެމައުލޫމާތު ލިޔުއްވިދާނެއެވެ. ނުވަތަ އެމައުލޫމާތުތައް އެއްފޮތުން އަނެއްފޮތަށް ބަދަލުކުރަން ބުނެވިދާނެއެވެ. އެ ކުދިންލައްވާ ބައެއް ފިލާވަޅުތަކުގެ މައުލޫމާތުތައް ލިސްޓްކޮށް، ކުދިކުދި ނޯޓްސްތައް އަމިއްލައަށް ލިޔެ ހަދަން ބުނެވިދާނެއެވެ. ނޫނީ ފިލާވަޅު ކިޔުމަށްފަހު ހަނދާނުގައި ބެހެއްޓުމަށްޓަކައި ކޮންސެޕްޓްމެޕް /މައިންޑްމެޕްވެސް ހައްދާލެވިދާނެއެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *