ރަނގަޅު ގޮތުގައި ކުއްޖަކު ބޮޑުކުރުމުގައި ބެލެނިވެރިން އަދާކުރާ ދައުރަކީ އެއްވެސް ޙާލެއްގައި މާ ފަސޭހަ ދައުރެއް ނޫނެވެ. މިއީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ދަތިތަކާއި، ގޮންޖެހުންތަކެއް ތަޖުރިބާ ކުރަންޖެހޭ ޙާލަތެކެވެ. ކުއްޖަކު ބަލައި ބޮޑުކުރުމުގައި ކޮންމެ ބެލެނިވެރިއަކު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ކުއްޖާއަށް އުފާވެރިކަން ހޯދައިދިނުމަށާއި، އެ ކުއްޖަކީ ކާމިޔާބު ކުއްޖަކަށް ހެދުމަށެވެ. މިކަން މިގޮތަށް ކުރެވޭނީ ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދުގައި އޮންނަ ގުޅުމަކީ ވަރަށް ހަރުދަނާ، ބަދަހި ގުޅުމަކަށް ވެގެންނެވެ. މި ގުޅުން ބަދަހިވާ ވަރަކަށް ކުއްޖާ ބެލެހެއްޓުމުގައި ބެލެނިވެރިޔާއަށް ވަރަށް ގިނަ ގޮތްގޮތުން ފަސޭހަތައް ލިބިގެންދެއެވެ. އެގޮތުން ބެލެނިވެރިޔާ ބޭނުންވާ ގޮތަކަށް ކުއްޖާ ތަރުބިއްޔަތު ކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދުގައި އޮންނަ ގުޅުމަކީ ވަރަށް ޚާއްޞަ "ޔުނީކް" ގުޅުމެކެވެ. ކުއްޖާގެ ހެދިބޮޑުވުމާއި، ސުލޫކާއި، ޝަހުސިއްޔަތުގެ ބިންގާ އެޅިގެން ދަނީ މި ގުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިގެންނެވެ.

ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދުގައި "ދުޅަހެޔޮ" ގުޅުމެއް އޮތުން އެހާ މުހިއްމުވާ ސަބަބުތައް:
- ތުއްތު ކުއްޖަކު ބޮޑުވަމުން ދާއިރު ބެލެނިވެރިޔާއާ ދެމެދުގައި އޮންނަންޖެހޭ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އޮވެގެން ބޮޑުވާނަމަ ކުއްޖާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެގެންދެއެވެ.
- ކުއްޖާއަށް ރައްކާތެރިކަން އިހުސާސްކުރެވި، އެއްވެސް ކަމެއް ސިއްރުކުރުމެއް ނެތި ބެލެނިވެރިޔާއާ ހިއްސާކުރެއެވެ.
- އަމިއްލަ އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ފަސޭހަވެގެންދެއެވެ. ދަތިއުނދަގޫ ޙާލަތްތަކާ ކުރިމަތިލައި، އެކަންކަމުން އަރައިގަތުމަށް މަސައްކަތްކުރަން ދަސްވެގެންދެއެވެ.
- އާއިލާގެ އެހެން މީހުންނާއި، ރައްޓެހި ރަހުމަތްތެރިންނާ އޮންނަ ގުޅުންތައް ހަރުދަނާވެއެވެ.
- ދިރިއުޅޭ މުޖުތަމަޢުގައި އުޅޭ އެހެނިހެން މީހުންނާ ގުޅިގެން އުޅެން ދަސްވެއެވެ.
- ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރަން ހުންނަ ކަންކަން ކުރުމަށް ފަސޭހަވެގެންދެއެވެ.
- ކިޔެވުމުގައި ކާމިޔާބު ހޯދައި، ކުއްޖާގެ ކިބައިގައި ހުރި އެހެނިހެން ހުނަރުތައް ތަރައްޤީކުރުމަށް މަގު ތަނަވަސްވެއެވެ.
- މުސްތަޤުބަލުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އަމާޒަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތްކުރެއެވެ.

ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދުގައި ހަރުދަނާ ގުޅުމެއް ބާއްވާނީ ކިހިނެއް؟
- ކުއްޖާ ދެކެ ލޯބިވާކަން އަބަދުވެސް އިހުސާސްކޮށްދިނުން.
މިއީ ވަރަށް އާންމުކޮށް އިވޭ ވާހަކައެކެވެ. ކުރަން ވަރަށް ފަސޭހަ ކުޑަކުޑަ ކަމެކެވެ. އެކަމަކު ގިނަ ބަޔަކަށް ނުކުރެވި، ފަރުވާކުޑަ ކުރެވިފައިވާ ކަމެކެވެ. މިއީ ކޮންމެހެން ކުރުން ލާޒިމު ކަމެކެވެ. މަދުވެގެން ދުވާލަކު އެއްފަހަރު ވިޔަސް ކުއްޖާ ދެކެ ލޯބިވާ ވާހަކަ ބުނަން ޖެހެއެވެ. ކުދިންނަކީ އަބަދު ވެސް ލޯތްބާއި، ސަމާލުކަމާއި، ރައްކާތެރިކަމަށް އެދިއެދި ތިބޭ ބައެކެވެ. މިއީ ހަމައެކަނި ކުއްޖާގެ ޅަފަތުގެ ޙަޔާތުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. ކުއްޖާ ކިތަންމެ ބޮޑުވިޔަސް، އުމުރު ކިތަންމެ މަތި ވިޔަސް، ލޯބިވާ ވާހަކަ ދުލުން ބުނެ، ޢަމަލުން އެކަން ދައްކައިދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ދިމާވާ ކަމެއްގެ ސަބަބުން ކުއްޖާއާ ބެލެނިވެރިޔާއާ ދެމެދުގައި މައްސަލައެއް ޖެހުނަސް، ހިތްހަމަ ނުޖެހޭ ފަދަ ޙާލަތެއް ކުރިމަތިވިޔަސް، ކުއްޖާއަށް ގޯސްކޮށް ކަމެއް ކުރެވުނަސް، އެކަމުގެ ސަބަބުން ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމާއި، އަބަދު ވެސް ލޯބިވާނެކަން ވިސްނައިދޭށެވެ.
- ކުއްޖާއަށް ސަމާލުކަން ދިނުން.
ބެލެނިވެރިންނަކީ ވަރަށް އަވަދިނެތި "ބިޒީ" ދިރިއުޅުމެއްގައި އުޅޭ ބައެކެވެ. ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމާއި، ގޭތެރޭގައި ކުރަން ހުންނަ މަސައްކަތްތައް ކުރުމާއި، ކުދިންނަށް ބޭނުންވާނެ ކަންކަން ކޮށްދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ނަމަވެސް ކިތަންމެ ބުރަކޮށް އުޅުނަސް ކުއްޖާއަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކުއްޖާ ދައްކާވާހަކަ ކަނުލައި އަޑުއަހާ، އެވާހަކަތަކަށް ޖަވާބު ދޭންވާނެއެވެ. ކުއްޖާ އުޅޭ ގޮތާއި، ކުރާ ކަންކަން ގާތުން ބަލައި، ކުއްޖާއަށް ސަމާލުކަންދޭކަން އިހުސާސްކޮށްދޭން ވާނެއެވެ. ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަޢުރީފުކުރަން ވާނެއެވެ. ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅު ކުރުމަށް އެހީތެރިވާން ވާނެއެވެ.
- ދީނީ ކަންކަމަށް ކުއްޖާ އަހުލުވެރިކުރުވުން.
ދީނީ ކަންކަމަށް ކުއްޖާ އަހުލުވެރިކުރުވުމުގެ ގޮތުން ބެލެނިވެރިޔާއާ އެކުގައި ދީނީ ކަންކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިޔާ އާއި ކުއްޖާއާ ދެމެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމެކެވެ. އެގޮތުން ކުއްޖާ ބައިވެރިކޮށްގެން ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމުގައި އެއްކޮށް ވަގުތު ހޭދަކުރުމުން ގުޅުން ހަރުދަނާވުމުގެ އިތުރުން، ދީނީގޮތުން ކުއްޖާގެ ކިބައިގައި ހަރުލައްވަންޖެހޭ އާދަތައް ހަރުލުމަށް ފަސޭހަވެގެންދެއެވެ. އަދި ފަރުޟު ނަމާދުތައް ވަގުތަށް ކުރަން އާދަވުމުން، ދިރިއުޅުމުގައި ދެން ކުރަން ހުންނަ އެހެން ހުރިހާ ކަމެއް ވަކި ޤަވައިދުތަކަކާއި، އުސޫލުތަކެއްގެ ތެރެއިން ކުރުމަށް ފަސޭހަވެއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ ފެންވެރުން، ކެއުން، ފިލާވަޅު ހެދުން، ކުޅުން، ނިދުން ފަދަ ކަންކަން ވަކި ގަޑިއަކަށް ކުރުމަށް އާދަކުރެވޭނެއެވެ.
- އެއްކޮށް ކެއުން.
އާއިލާގެ އެންމެން އެއްކޮށް، އެއް ސުފުރާއެއްގެ މަތީގައި ކައިބޮއެ ހެދުމަކީ ވެސް ބެލެނިވެރިންނާއި ކުދިންނާ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ، ވަރަށް މުހިއްމު ކަމެކެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކޮންމެ ވަގުތަކު އެއްކޮށް ނުކެވުނަސް، ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ފަހަރު ކުދިންނާ އެކުގައި ކެއުމަށް އާދަކުރާށެވެ. ކުދިންނާ އެއްކޮށް ކާން ތިބޭ ވަގުތު ވާންވާނީ ހުރިހާ "ސްކްރީން"ތަކެއް ނިއްވާލެވިފައިވާ ވަގުތަކަށެވެ. މިގޮތަށް ޢަމަލުކުރުމުން ކެއުމުގެ ވަގުތު ވެގެންދާނީ ދެފަރާތުން ވެސް ދައްކަން ބޭނުންވާ ވާހަކަތައް ދައްކައި، ކަންކަން ހިއްސާކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށެވެ.
- ގޭތެރޭގެ މަސައްކަތްތަކުގައި ކުއްޖާ ބައިވެރިކުރުން.
ގޭތެރޭގެ މަސައްކަތްތަކަކީ ވަކި ޖިންސަކަށް ޚާއްޞަ މަސައްކަތްތަކެއް ކަމަށް ގިނަ ބަޔަކަށް އޮންނަނީ ޤަބޫލުކުރެވިފައެވެ. އެކަމަކު އެއީ މުޅިން ގޯސް ވިސްނުމެކެވެ. ކޮންމެ ޖިންސެއްގެ، ކޮންމެ އުމުރެއްގެ ކުއްޖެއް ވިޔަސް ގޭތެރޭގެ މަސައްކަތްތަކުގައި ބެލެނިވެރިޔާއަށް އެހީވުމުގެ ގޮތުން ކުރެވޭނެ ކަންތައްތައް ހުންނާނެއެވެ. އުމުރާ ގުޅޭ ގޮތުން ކުދިން ލައްވާ މަސައްކަތް ކުރުވުމުން އެކުދިންނަށް މަސައްކަތް ދަސްވުމުގެ އިތުރުން ޒިންމާދާރުވުމުގެ ސިފަ އަށަގަނެއެވެ. އަދި ހަމައެހެންމެ ބެލެނިވެރިޔާއާ އެކުގައި މަސައްކަތުގައި ހޭދަކުރާ ވަގުތަކީ ގުޅުން ހަރުދަނާކުރުމަށް ލިބޭ ފަހި ފުރުޞަތެކެވެ.
- ކުދިންގެ އިހުސާސްތައް ކަނުލައި އަޑުއެހުން.
ކުދިންގެ އިހުސާސްތަކާއި، ދައްކާވާހަކަ ކަނުލައި އަޑުއެހުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާ ވާހަކައެއް ބުނަން ބޭނުންވެއްޖެ ނަމަ، ލަސްނުކޮށް އެވާހަކައެއް ބުނަން ފުރުޞަތު ދޭށެވެ. ކުއްޖާ ވާހަކަދައްކާ ގަޑީގައި އެހެން މީހުންނާ ވާހަކަނުދައްކާ، ހަމައެކަނި ކުއްޖާއަށް ސަމާލުކަންދީގެން އެވާހަކަ އަޑުއަހާށެވެ. އެދައްކާ ވާހަކަ އެބަ އެނގޭކަން، ފަހުމުވާކަން އިހުސާސް ކޮށްދިނުމުގެ ގޮތުން ބޯޖަހައި، ޖަވާބުދީ، އިތުރަށް ސުވާލުކޮށް ހަދާށެވެ. ކުއްޖާ ކިޔައިދޭން ބޭނުންވަނީ ސްކޫލްގައި ހިނގި ކަމެއް ނުވަތަ ކުޅެން އުޅެނިކޮށް ދިމާވި "ކޫސަނި"ކަމެއްގެ ވާހަކަ ކަމުގައި ވެސް ވެދާނެއެވެ. އެކަމަކު އެއްވެސް ޙާލެއްގައި އެއީ ކޫސަނި، ތާކުންތާކު ނުޖެހޭ، ބޮލަށް އުނދަގޫވާ ވާހަކަތަކެއް ކަމުގައި ނުދެކޭށެވެ. ޝައުޤުވެރިކަމާ އެކު، އެވާހަކަތައް ކަނުލައި އަޑުއަހާށެވެ. ޚާއްޞަކޮށް އެއްވެސް މީހަކާ ގުޅޭ ޝަކުވާއެއް ކޮށްފިނަމަ ސީރިއަސްކަމާއެކު އެ މައްސަލައެއް ބަލާށެވެ. މިގޮތަށް ދެކެވޭ ވާހަކަތަކުގެ ތެރެއިން ކުއްޖާގެ އިތުބާރު ހޯދަން ވަރަށް ފަސޭހަވާނެއެވެ. އެހެންކަމުން އެކަމުގެ ނާޖާއިޒު ފައިދާ އެހެން މީހަކު ނެގިޔަ ނުދީ، ބެލެނިވެރިޔާ ވާން ޖެހޭނީ ކޮންމެ ވަގުތެއްގައި ވެސް ކުއްޖާ ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާ، ކުއްޖާ އެންމެ އިތުބާރުކުރާ، އެންމެ ގާތް މީހާ ކަމުގައެވެ.
ބެލެނިވެރިންނާއި ކުދިންނާ ދެމެދުގައި އޮންނަންޖެހޭ ގުޅުމާ ދޭތެރޭގައި ކުރިން ވިސްނާލެވިފައި ނުވާ ނަމަ މިވަގުތުން ފެށިގެން އަޒުމެއް ކަނޑައަޅާށެވެ. "ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި ހުންނަ ކުއްޖާގެ އެންމެ ގާތް މީހަކަށް ވާނީ ތިމާއެވެ." މި އަޒުމު ހިތުގައި އޮތް ނަމަ މިއީ ނުކުރެވޭނެ ވަރުގެ "ބުރަ"ކަމެއް ނޫނެވެ. އިސްވެ ދެންނެވުނު ގޮތަށް ދުވަހުގެ ކަންކަން ރާވާލެވިއްޖެނަމަ ކިތަންމެ ބިޒީ ދިރިއުޅުމެއްގައި އުޅެން ޖެހުނު ނަމަވެސް، ކުއްޖާއާ އޮންނަ ގުޅުން ޤާއިމުކޮށް، އެގުޅުން ހަރުދަނާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
advertisment
ހިޔާލު