ކުދިން ޒިންމާދާރު ކުރުވުމަށް ކަންތައްތައް ކުރަން ބާރުއަޅައި، ފުރުޞަތު ދޭންޖެހޭ!

ނިއުމާ މުޙައްމަދު

ތައުލީމާއި ތަރުބިއްޔަތުގެ އެންމެ މުހިންމު ބޭނުމަކަށްވާނީ ކުދިންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކާއި އަޚްލާޤާއި ސުލޫކެވެ. މުޖުތަމައުގެ އެހެންމީހުންނާއި އެކުގައި ދިރިއުޅެން ބޭނުންވާ ރަގަޅު އަގުތަކެވެ. މިކަންތައްތައް ދަރިންގެ ކިބައިގައި އަށަގަންނުވަން މައިންބަފައިން ބާރުއަޅުވަންޖެހެއެވެ. ގޭތެރޭގައިއާއި ބޭރުގައި އުޅޭއިރު އެކުދިންގެ ކިބައިން މިސިފަތައް އަމަލީގޮތުން ފެންނަން ޖެހެއެވެ. މިސާލަކަށް، ކުދިންނަކީ ޚުލްޤްހެޔޮ، އެހެންމީހުންގެ އިޙްސާސްތައް ދަންނަ ކުދިން ކަމުގައި ވާންޖެހެއެވެ. ކުދިންނަކީ ތަފާތު މަސައްކަތްކުރާހިތްވާ ކުދިބަޔަކަށް ހަދަންޖެހެއެވެ. ދިރިއުޅުމުގައި ކާމިޔާބު ލިބޭނީ އެހެންމީހުންނަށް ބަރޯސާނުވެ އަމިއްލައަށް، އަމިއްލަ ނަފްސު ބެލެހެއްޓޭ މީހަކަށް ވެވިގެންނެވެ. މިފަދަ ކުދިބަޔަކަށް ހެދޭނީ އެކުދިން ޒިންމާދާރުކުރުވައިގެންނެވެ.

ކުދިން ޒިންމާދާރު ކުރުވޭނީ ގޭތެރޭގައިއާއި ސްކޫލުގައި ކަންތައްތައް ހަވާލުކޮށް އަމަލީގޮތުން އެމަސައްކަތްތައް ކުރުވައިގެންނެވެ. އަދިހަމަ މައިބަފައިންވެސް ދަރިން ތަރުބިއްޔަތުކުރުމުގައި އެކުދިންނަށް ހުރިހާކަމެއް ކޮށްނުދިނީމައެވެ. ގޭގައިއާއި ސްކޫލުގައި އެކުދިންނަށް ދިރިއުޅުމުގެ ކަންކަން ފަސޭހަނުކޮށް އަމިއްލައަށް ކަންތައްތައްކުރަން ފުރުސަތުދިނީމައެވެ. ދަރިން ޒިންމާދާރުކުރުވިއްޖެނަމަ އެކުދިންނަކީ މުޅިހަޔާތުގައިވެސް ކާމިޔާބު ކުދިބަޔަކަށްވާނެއެވެ. މިފަދަކުދިން ތައުލީމީ ހަޔާތްވެސް ބާއްޖަވެރިވެފައި ވަޒީފާގެ މައިދާނުގައިވެސް ކާމިޔާބުހޯދައެވެ. އަދިހަމަ މިގޮތަށް ބޮޑުކުރާ ދަރިންވާނީ މުޖުތަމައުގެ އިތުބާރާއި ލޯބި ލިބޭ ޤަދަރުވެރި ބަޔަކަށެވެ. އެހެންވީމާ އެންމެ ތުއްތުއިރުން ފެށިގެންވެސް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން އެންމެންވެސް މަސައްކަތް ކުރަންޖެހެއެވެ.

އަޅުގަނޑަކީ މުދައްރިސުން ތަމްރީން ކުރާމީހަކީމެވެ. ވަރަށް ގިނައިން މުދައްރިސުންގެ ކިބައިން އަބަދުވެސް އަޑުއިވޭވާހަކަތަކަކީ އެމީހުންގެ ދަރިވަރުން ޒިންމާދާރުނުވާ ވާހަކައެވެ. މިސާލަކަށް އެކުދިން ކައިރީގައި އެއްޗެއް ސްކޫލަށް ގެންނަން ބުންޏަސް ހަނދާން ނުހުންނަ ވާހަކައެވެ. ވުމާއެކު މުދައްރިސުން މިކުރާކަމަކީ އެއްޗެއް ކުލާހަށް ގެންނަށް ވިއަސް އަބަދު ބެލެނިވެރިންނަށް މެސެޖްކުރަނީއެވެ. އާއްމުކޮށް ވައިބަރ ގްރޫޕްގައި އެމެސެޖެއް މުދައްރިސުން ލިޔެ އަންގަންޖެހެއެވެ. ބައެއްފަހަރު މުދައްރިސުން ދަރިވަރު ކައިރީގައި ކުލާހުގައި އެވާހަކަބުނެފައި، ވައިބަރ ގްރޫޕުގައި އެމައުލޫމާތު ނުލިޔެވިއްޖެނަމަ ކުށްވެރިވަނީ މުދައްރިސެވެ. އަދި ވައިބަރ ގްރޫޕުގައި ލިޔެފައި އެކުދިން އެ ގެންނަން ހަދާންނެތިއްޖެނަމަ ބުނަނީ މަންމަމެން ވައިބަރ ނުބެލީ ކަމަށެވެ. އެކުދިން ދެން ކުށްވެރިކުރަނީ މައިންބަފައިންނެވެ. އެއްވެސް ހާލެއްގައި އެކުދިން އެޒިންމާއެއް ނުނަގައެވެ. މިއީވެސް ރަގަޅު ކުރަންޖެހޭ ކަމެކެވެ. ސްކޫލުގެ އިސްފަރާތްތަކާއި މައިންބަފައިން މިފަދަ ކަންތައްތައް ރަގަޅުކުރާނެ ގޮތެއް އޮތްތޯވިސްނާ ބަލަންޖެހެއެވެ.

ޒިންމާދާރުކުރުވަން ގޭތެރޭގައިވެސް ވަރަށް ގިނަކަންކަން ކުރުވިދާނެއެވެ. މިސާލަކަށް، އަމިއްލަ  "ދާއެއްޗެހި"  ދޮންނާނެގޮތް ކިޔައިދީ އަމިއްލައަށް އެއްޗެހި ދޮންނަން ފުރުސަތުދޭށެވެ. ދޮވެނިމިގެން ހިއްކަން އަޅާ އެއެއްޗެހި ހިކުމުން، އެކުދިން ލައްވާ ފަށްޖަހާށެވެ. ނުވަތަ ކޮނޑުގައި އަޅުވައިފައި އަލަމާރީގައި ރީތިކޮށް ހެދުން ބަހައްޓަން ކިޔައިދީ އެކުދިންލައްވާ އެމަސައްކަތް ކުރުވާށެވެ. އަމިއްލަ ކޮޓަރި ކުނިކަހުވައި ރީތިކޮށް ސާފުކުރުވާށެވެ. ކައި ނިމިގެން އަމިއްލައަށް ކެއި ތަށި ދޮއްވާށެވެ. ކައި ނިމުމުން މޭޒުވެސް ސާފުކުރުވާށެވެ.

ސްކޫލުގައިވެސް ދަރިވަރުން ލައްވާ ކަންކަން ކުރުވާށެވެ. އެގޮތުން ދަރިވަރުންނާ އެކި މަސައްކަތްތައް ހަވާލުކޮށް ކުލާހުގައި ދަރިވަރުންގެ ދައުރު ނުވަތަ ރޯލު ފުޅާކުރާށެވެ. ދަރިވަރުންނަށް މިފަދައިން ސްކޫލުގައި އިސްރޯލުތައް އަދާކުރަން މުދައްރިސުން ފުރުސަތުތައް ފަހިކޮށްދޭން ޖެހެއެވެ. ތަފާތުކަންކަން ރާވައި އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދޭންޖެހެއެވެ. މިސާލަކަށް، ސްކޫލުގައިވެސް ތަންތަން ފޮޅާ ސާފުކޮށްރީތި ކުރަން ދަސްކޮށްދީ އެކުދިންލައްވާ މިފަދަ މަސައްކަތް ކުރުވާށެވެ. ސްކޫލުން ގެއަށް ދިއުމުގެ ކުރިން ކުލާސް ރީތިކޮށް ތަރުތީބުކޮށް ކުލާސް ސާފުކޮށް ބަހައްޓަން ދަރިވަރުން ލައްވާ އާދަކުރުވާށެވެ. މިފަދައިން ސްކޫލުގައި ކަންތައްތައް ކުރުވިއްޖެނަމަ ސްކޫލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަންވެސް ފަސޭހަވާނެއެވެ. ތަފާތު ހާލަތްތަކުގައި ހަރަކާތްތެރިވާން ދަރިވަރުންނަށް އެނގިގެންދާނެއެވެ. މިގޮތަށް ކަންތައްތައް ރޭވުމުން، އުނގެނުމާއެކުއެކީ އިސްނަގާ ޒިންމާދާރު ކުދިބަޔަކަށް ވެގެންދާނެއެވެ.

މީގެ އިތުރުންވެސް ދިރިއުޅުމުގެ އެކިކަންކަމާއި ދޭތެރޭ ވިސްނަން ފުރުސަތުދީ އަމިއްލައަށް ވިސްނައިގެން ކަންކަން ކުރުވަން  ބާރުއަޅާށެވެ. މިގޮތަށް ވިސްނައިގެން އަމިއްލައަށް ކަންކަން ހުށަޅައި، އިހްތިޔާރުކޮށް، އަދި ނިންމުންތައް ނިންމަންވެސް އެކުދިންނަށް ފުރުސަތުތައް ފަހިކޮށްދޭށެވެ. މިސާލަކަށް މެންދުރަށް ކައްކާނީ ކޯއްޗެއްތޯ! ހަވީރު ބޭރަށް ހިގާލަންދާނީ ކޮންތާކަށްތޯ!  އާއިލީ ގޮތުން ނިންމަންޖެހޭ ބައެއް ނިންމުންތައް ނިންމަން އެކުދިންނަށް ފުރުސަތުދޭށެވެ. އެއިރުން އެކުދިންނަކީވެސް އާއިލާގެ ތެރޭގައި މުހިންމު ބައެއްކަން ފާހަގަވެ އަމިއްލަ ނަފުސަށް އިހްތިރާމްކޮށް ކަންކަން ފުރިހަމަ ގޮތުގައި ކުރުމަށް ބާރުވެރިވެވެއެވެ. މިފަދައިން ކަންތައްތައްކުރުމުން އާއިލާގެ އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަނެވި ދޭދޭ ފަރުދުންގެ މެދުގައި ހުންނަ ހިޔާލު ތަފާތުވުންތަކަށް އިހްތިރާމްކުރަން ދަސްވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *