އިލްމަކީ އެމީހަކު ކުރި މަސައްކަތަކުން ނޫނީ އެމީހަކަށް ނުލިބޭނެ އެއްޗެކެވެ. އިލްމު ހޯދުމަށްޓަކައި އެންމެ ތުއްތުއިރުއްސުރެ ފޮތް ކިޔުމުގެ އާދަ އެކުއްޖެއްގެ ކިބައިގައި ހަރުލެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ބިންގާ އެޅެން ޖެހެނީ އެންމެ ތުއްތު އުމުރު ފެށޭ ހިސާބުންނެވެ. މިސާލަކަށް ކޮންމެ ރެއަކު މަންމަ ދަރިފުޅު ނިންދަވަން އަރުވާ ވަގުތަކީ ކޮންމެސް ކަހަލަ ވާހަކައެއް އެކުދިންނަށް ވާހަކަ ފޮތަކުން ކިޔައިދޭ ވަގުތަކަށް ހެދުން މުހިއްމެވެ. އެއިރުން ކުދިންގެ ހިތްތަކުގައި ފޮތް ކިޔުމުގެ އާދަ އަބަދުވެސް އޮންނާންނެއެވެ.

ތަފާތު މައުލޫމާތު ލިބޭ ފޮތް ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ އެކުދިން ކިޔަވައިގެން މަތީ ތައުލީމުގެ މަރުހަލާއަށް ނުކުންނައިރުވެސް އެކުދިންނަކީ އާއްމު މައުލޫމަތުގެ ޚަޒާނާ ނުހަނު މުއްސަދި ކުދި ބަޔަކަށް ވާންޖެހެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންގެ ދިރިއުޅުމާއި ސަޤާފަތް އެނގޭ ބަޔަކަށް އެކުދިން ވާން އެބަޖެހެއެވެ. ފޮތް ކިޔުމަކީ އިލްމް ހޯދުމުގެ އެއްބައެވެ. އަބަދުވެސް އެކި ދާއިރާތަކުގެ ފޮތް ކިޔައި ދިރާސާ ކުރަންވާނެއެވެ. އެއިރުން ބޮޑުވެގެން މޮޅު ދިރާސާވެރިއަކަށް އެކުއްޖަކަށް ވެވިދާނެއެވެ.

ފޮތް ގިނައިން ކިޔާ ކުދިންނަކީ ސްކޫލްގެ ކިޔެވުމުގެ މަރުހަލާގައިވެސް މޮޅެތި ކުދިންނެވެ. ސްކޫލްގެ ގިނަ އިތުރު ހަރަކާތްތަކުގައި އުޅޭ ދަރިވަރުންނެވެ. ސްކޫލަށާއި އަދި އަމިއްލަ ނަފްސަށްވެސް ރީތި ނަން ހޯދައިދޭ ކުދިންނެވެ. މައިން ބަފައިންގެ ކިބައިގައިވެސް ފޮތް ކިޔުމުގެ އާދަ ހަރުލާފައިވާނަމަ ކުދިންވެސް އެފަދަ މައިންބަފައިން ރޯލް މޮޑެލުން ގޮތުގައި ނަގާނެއެވެ. އަންނަން އޮތް ޖީލުތަކަށްވެސް ފޮތް ކިޔުމަކީ ކިހާވަރެއްގެ ފައިދާއެއް ލިބިގެންދާނެ ކަމެއްތޯ އެކުދިންނަށް އަންގައިދޭން ޖެހެއެވެ. އިންސާނާގެ ސިކުނޑި ތަރައްގީ ކުރުމަށްޓަކައި ފޮތް ކިޔުމުގެ އާދަ އޮތުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެވެ. ކުދިންނަށް ފޮތް ގަނެދޭއިރުވެސް އެކުދިންގެ އުމުރާއި ގުޅޭ ފޮތްތައް ގަނެދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ފޮތަކީ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ ކަމުގައި ހަދަން އެބަޖެހެވެ. އެހެނީ ކުދިންގެ ހިތްތަކުގައި ފޮތަށް ލޯބިޖެހިއްޖެނަމަ އެކުދިންނަކީ އެކުދިންގެ މުޅި ހަޔާތުގައިވެސް ފޮތަށް ލޯބި ޖެހި ފޮތާ ދުރަށް ނުދެވޭ ކުދިންގެ ގޮތުގައި ފެންނާނެއެވެ. ކުދިންގެ ކިބައިގައި ފޮތަށް ލޯބި ޖެއްސުމަށްޓަކައި ޓީޗަރުންނަށްވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. ސްކޫލްތަކުން ފޮތް ކިޔުމުގެ ހުނަރު ކުދިންގެ ކިބައިގައި އަށަގެންނެވުމަށަޓަކައި މިހާރު އަންނަނީ ގިނަ މަސައްކަތަތަކެއް ކުރަމުންނެވެ. އަދި ފޮތާއި ރަށްޓެހި މާހަލެއް ގާއިމް ކުރުމަށްޓަކައި އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައިވެސް ކިޔެވުމުގެ ތެރެއިން ތަފާތު ވައްތަރުގެ ފޮތް ކިޔުމަށް ޝައުޤުވެރިވާ ކުދިން ތިބި ކަމީ މިހާރު އުފާކުރުން ހައްޤު ކަމެކެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކުން ކުދިންނަށް ފޮތް ކިޔުމަށް ހިތްވަރު ދިނުމަކީ މުހިއްމުކަމެކެވެ.
advertisment
ހިޔާލު