ދިމް އާންޓީ: ކުދީންގެ ޝައުޤުވެރިކަން ހޯދަނީ ތަފާތު ގޮތަކަށް!

ދިމް އާންޓީ ޕީޑީ ސެޝަނެއް ކުރިއަށް ގެންދަނީ: ފޮޓޯ/ ދިމްނާ

" ހުރިހާ ކުދިންނަކީ އެއްގޮތަކަށް ދަސްކުރާ ކުދީންނެއް ނޫން. އަޑުއަހައިގެން ދަސްކުރާ ކުދީންނާއި ކިޔައިގެން ދަސްކުރާ ކުދިން ތިބޭނެ. އަދި ބައެއް ކުދީންނަކީ، އިމޭޖިނޭޝަން ބޭނުން ކޮށްގެން ދަސްކުރާ ކުދީން. އަހަރުމެން ކިޔަވައިދޭ ގޮތަށް ކިޔަވައިދީގެން ދަސްނުވީމަ އެކުއްޖާއަކީ ވީކް ކުއްޖަކަށް ނުވާނެ. އެކުއްޖަކަށް ކޭޓަރ ކުރެވޭ ގޮތަކަށް ލެސަން ގެންދަންވާނީ."

މިއީ މިއަދު އެތައް ކުދިންތަކެއްގެ ލޯތްބާއި އިޚްތިރާމް ހޯދާފައިވާ ދިމް އާންޓީގެ ތަޖްރިބާގެ އަލީގައި ހުރިހާ މުދައްރިސުންނަށް ދޭން ބޭނުންވާ ނަސޭހަތެވެ.

އ.އ އުކުޅަހަށް އުފަން އައިމިނަތު ދިމްނާ ބިންތް އިމާދަކީ، މިއަދު ކިޔަވައިދިނުމުގެ ދާއިރާގައި އައު ނަމަކަށް ނުވާނެއެވެ. "ދިމް އާންޓީ" އޭ ބުނުމުން ނޭނގޭނެ ކުއްޖެއް މަދުވާނެއެވެ. މިއީ ކުދީން ޝައުގުވެރިވާ ގޮތަށް އެކި ހަރަކާތްތަކާއެކު ޤުރުޢާން ކިޔަވައިދެމުން އަންނަ ހުނަރުވެރި މުދައްރިސެކެވެ.

ފިލާވަޅެއް ކުރިއަށް ގެންދިޔުމުގެ ތެރެއިން ކިޔަވައިދޭ ދަރިވަރުންނާއެކު: ފޮޓޯ/ ދިމް އާންޓީ

ދިމްނާ ކިޔަވައިދިނުމުގެ މަސައްކަތްފެށީ، 2017ވަނަ އަހަރު ޕްރީ ސްކޫލަކުންނެވެ. އެއަށްފަހު 2019 ވަނަ އަހަރު މަދު ވަސީލަތްތަކާއެކު ޓިއުޝަންދޭން ފެށިީ ކިޔަވައިދިނުމަށް އޮތް ޝަޢުޤާއި، ކުރިއަށް ދިއުމަށް އޮތް އުއްމީދެއްގެ ސަބަބުންނެވެ.

" ފުރަތަމަ ކިޔަވައިދިނީ ކޮޓަރީގައި މުށިތައްމަތީގައި. އެކަމަކު މިހާރު ކިޔަވައި މި ދެނީ ކުޑަ ކުލާސް ރޫމެއްގައި މޭޒާއި ގޮނޑިވެސް ބަހައްޓައިގެން"

އެއިރާއި، މިހާރުގެ ތަފާތު، އަދި އައިސްފައިވާ ކުރިއެރުން ދިމްނާ ހިއްސާކުރެއްވިއެވެ.

ކިޔަވައިދިނުމުގައި ދިމްނާ ގެންގުޅޭ އުފެއްދުންތެރި ޚިޔާލުތަކާއި، ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ޝައުޤުވެރި މޮޅު ހަރަކާތްތަކެކެވެ. ހަމަ އެކަނި ފޮތާއި ފަންސޫރުގެ ބަދަލުގައި ތަފާތު މާހައުލެއްގައި އެކި ކަހަލަ ތަކެތި ބޭނުން ކޮށްގެން ފިލާވަޅުތައް ކުރިއަށް ގެންދިޔުމަކީ ދުރާލާ ވިސްނާ ތައްޔާރު ވާންޖެހޭނެ ކަމެކެވެ.

" ފިލާވަޅަށް ތައްޔާރުވުމުގެ ގޮތުން އަބަދުވެސް ވިސްނަން ތަފާތު ގޮތަކަށް ގެންނަން. މިސާލަކަށް މަތިގަނޑެއް ފެނުނީ، ދެން ބަލަނީ އެ މަތިގަނޑު ބޭނުން ކޮށްގެން ކިހިނެތްތޯ އަކުރެއް ދަސްވާނީ. ބައެއް ފަަހަރު އެކަން ކުރުމުގައި ޕިންޓްރެސްޓް ފަދަ ވަޞީލަތްތަކުގެ ބޭނުން ހިފިނަމަވެސް އަމިއްލަ ގޮތްތަކަށް ގެންނަން މަސައްކަތް ކުރަނީ."

ފިލާވަޅުތަކަށް ތައްޔާރުވާ ގޮތް ދިމްނާ ހިއްސާކުރެއްވިއެވެ.

ދިމްނާއަކީ ދަރިވަރުންގެ ޝަޢުޤު ދަމައިގަނެވޭ ގޮތަށް ކިޔަވައިދެއްވާ ޓީޗަރެއް. ފޮޓޯ: ދިމްނާ

އަތިރިމަތީގެ ހިތްފަސޭހަ މާހައުލުގައި، ވެލިގަނޑުމަތީ އަކުރު ލިޔެގެންނާއި ދަޑިކޮޅު، ހޮޅި އަދި ކަފަ ފަދަ އާންމުކޮށް ގެންގުޅޭ ތަކެތި ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދިނުމަކީ، ބައެއް ފަރާތްތަކަށް އައު ކަމަކަށް ވެދާނެއެވެ. ނަމަވެސް ދިމްނާ ފާހަގަ ކުރެއްވި ގޮތުގައި، ކިޔަވައިދިނުމުގައި އަގުބޮޑު މޮޅުު ތަކެތި ބޭނުންކުރުމަށްވުރެ ކުދީންނަށް އާންމުކޮން ފެންނަ ތަކެތި ބޭނުން ކުރުމުން އެކުދީން ފިލާވަޅަށްދޭ ޝައުގުވެރިކަން ބޮޑެވެ.

"މާޝާﷲ ވަރަށް އިންޖޯއި ކުރޭ ކުދީން. ވަރަށް އަންނަ ހިތުުން އަންނަނީ ވެސް. ބެލެނިވެރިން ބުނަނީ ޓިއުޝަން ގަޑީ ނުޖެހިގެން އެކުދިން އުޅޭ ވާހަކަ"

އަތިރިމަތީގައި ފިލާވަޅެއް ކުރިއަށް ގެންދަނީ. ފޮޓޯ: ދިމްނާ

ކުދީންނާއި ގުޅޭ ކޮންމެ ކަމެއްގައި ބެލެނިވެރީންގެ އެއްބާރުލުމާއި ހިއްސާއަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެކެވެ. ވަކީން ހާއްސަކޮށް ކިޔެވުމަކީ ބެލެނިވެރީން ވަރަށް ގާތުން ބަލާ ކަމެކެވެ. ދިމް އާންޓީ ފާހަގަ ކުރައްވާ ގޮތުގައި، އެ މަސައްކަތުގައި ކުރިއަށް ދިއުމުގެ ހިތްވަރަކީ ބެލެނިވެރިންގެ ސަޕޯޓެވެ. އެމީހުންގެ އެއްބާރުލުމެވެ.

" އަލްޙަމްދުލިﷲ ބެލެނިވެރީންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ. ވަރަށް ހިތްހަމަޖެހޭ."

ދިމްގެ ޝަޢުޤާއި ވަގުތު ކިޔަވައިދިނުމަށް ހުސްކުރެވެނީ އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ.

 " އެމީހުން {އާއިލާގެ މީހުން} ޚިޔާލުތައްވެސް ދޭނެ. ވަގުތުވާ ވަރަކުން ދަރިފުޅުގެ ކަންތައްތައްވެސް ބަލައިދޭނެ. އާއިލާގެ ސަޕޯޓަކީ މިކަމުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު "

އާއިލާއިންދޭ އެހީތެރިކަން ދިމްނާ ފާހަގަކުރެއްވިއެވެ.

ދިމްނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޤުރުއާންވެސް އެހެން މާއްދާތަށް ކިޔަވައިދޭހެން ޝައުގުވެރި ގޮތަކަށް ކިޔަވައިދޭތަން ދެކޭށެވެ.

"އިިނގިރޭސި މާއްދާތައް ފެނޭ ވަރަށް ޝައުގުވެރިކޮން ކިޔަވައިދޭ ތަން. އެކަމަކު، ޤުރުޢާން ކިޔަވައި ދިނުމުގައި ފެންނަނީ ހަމަ އެންމެ މުސްކުޅިގޮތަށް ކިޔަވައިދޭތަން. މިހާރު މަދުން ފެނޭ ޤުރުޢާންވެސް ޝައުޤުވެރިގޮތަށް ކިޔަވައިދޭތަން."

ކުދީންގެ ހިތުގައި ޤުރުޢާން ކިޔެވުމަށް ލޯބިޖެހުމަކީ ދިމްނާގެ މައިގަނޑު މަގްސަދެވެ. މިކަމުގައި ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދިމްނާ ދެއްވައެވެ.

" އެފްބީ ޕޭޖްއަށް މެސެޖެއް ކޮށްލީމަ އިންޝާﷲ އިގޭ މިންވަރަކުން ހަމަ ކިޔައިދޭން. މިހާރުވެސް ބެލެނިވެރީންނަށް ކިޔައިދެން ލިބިފަ ހުރި މައުލޫމާތެއް."

އަކުރު ދަސްކުރުމުގެ ފިލާވަޅެއް ކުރިއަށް ގެންދަނީ. ފޮޓޯ: ދިމްނާ

ކިޔެވުމަށް ފޫހިވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާނެ ގޮތްތަކާމެދު ހިޔާލެއް ބޭނުންނަމަ "ދިމް އާންޓީ" އެފްބީ ޕޭޖްއަށް މެސެޖެއް ކޮށްލުމުން ދިމްނާ ތަޖުރިބާގެ އަލީގައި އެހީތެރިވާނެކަމުގެ އުފާވެރި ޚަބަރު އޭނާ ދެއްވައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *