ދެމަފިރިއަކު އެމީހުންގެ 10 ދަރިންނަށް ގޭގައި ކިޔަވައިދީ، ޔުނިވަރސިޓީ ތައުލީމާ ހަމައަށް ގެންދިއުމަކީ ކުޑަމަސައްކަތެއް ނޫނެވެ. އެއީ ހުރިހާގޮތަކުން ބެލިނަމަވެސް ބުރަ އުނދަގޫ މަސައްކަތެކެވެ. އަދި ހައިރާންވާންޖެހޭ ކަމަކީ މި ދިހަ ކުދިންނަށް ވެސް ޔުނިވަރސިޓީތަކުން ޖާގަ ލިބުނުއިރު ތޭރަ އަހަރު ނުފުރޭ ކަމެވެ.
މި ކުދިންނަކީ އާދަޔާ ޚިލާފަށް ތޫނުފިލި ކުދިންތަކެއްކަމަށް ބަޔަކަށް ހީވިއަސް، އެ 10 ކުދިންގެ މަންމަ، 53 އަހަރުގެ މޮނާލިސާ ހާޑިން، އެކަމާ އެއްބަހެއް ނުވެއެވެ. އޭނާ ބުނީ އެ ކުދިންނަކީ "އާދަޔާ ޚިލާފު ތޫނުފިލި ކުދިން" ނޫން ކަމަށެވެ. އެމީހުންގެ ތޫނުފިލިކަމާއި އަޚުލާޤަކީ މޮނާލިސާއާއި އޭނާގެ ފިރިމީހާ އެކުދިން ބައްޓަން ކުރި ހަރުދަނާ " ހޯމްސްކޫލިން މެތަޑް"ތަކުގެ ނަތީޖާއެވެ.
އެމެރިކާގެ ކެލިފޯނިއާގެ ސެން ޖޯސްގައި ހައި ސްކޫލުން ފެށިގެން މޮނާލިސާ އާއި އޭނާގެ ފިރިމީހާ ކީޕް ހާޑިންއަކީ ދެމަފިރިންނެވެ. ދަރިން ލިބުމާއެކު، އެކުދިން ގޭގައި ބައިތިއްބައިގެން އެކުދިންނަށް ކިޔަވައިދިނީ، އާންމު ސްކޫލެއްގައި ކިޔަވައިދޭ ސިލަބަހުގެ ބަދަލުގައި އެމީހުން އަމިއްލައަށް ތައްޔާރު ކުރި ސިލަބަހެއް ބޭނުން ކޮށްގެންނެވެ. އެމީހުން ހުރިހާ ކުދިންނަށްވެސް ދިންހާ ތަރުބިއްޔަތަކާއި ކިޔަވައިދިން އެއްޗެއް ދަސްކޮށްދިނީ މި ސިލަބަހުގެ ތެރެއިންނެވެ.
އެމީހުންގެ ޓީޗިން މެތަޑަކީ ކާމިޔާބު މެތަޑެއްކަން އެ ދެމަފިރިންނަށް އިހުސާސްކުރެވުނީ ފުރަތަމަ ތިން ދަރިން 13 އަހަރުވުމުގެ ކުރިން ޔުނިވާސިޓީތަކުން ފުރުޞަތު ލިބުމުންނެވެ. އެމީހުންގެ އެންމެ ހަގު އަންހެން ދަރިފުޅު، މިހާރު އުމުރުން 34 އަހަރުގެ ހަނާ، ވަނީ މޮންޓްގޮމެރީގެ އޮބާރން ޔުނިވާސިޓީން އޭނާގެ އުމުރުން 17 އަހަރުގައި ދަސްވެނިވެފައެވެ. ހިސާބުން ޑިގްރީއެއް ހާސިލުކޮށްފައިވާއިރު، ޔުނިވަރސިޓީއަށް އޭނާ ވަނީ އުމުރުން އެންމެ 11 އަހަރުގައެވެ.

އެންމެ ހަގު ދަރިފުޅު ތަންޑަރ ވަނީ 2020 ވަނަ އަހަރު ކޮލެޖް އެސްއޭޓީސްއިން ފާސްވެފައެވެ. ޔުނިވާސިޓީއަކަށް އޭނާ ބަލައިގަތުމުގެ ކުރިން އޭނާއަށްވުރެ ދޮއްޓަށް ތިބި ދައްތައިންނާއި ބޭބެއިން ވަނީ އުމުރުން 16 އަހަރުގައި ޔުނިވާސިޓީއަކުން ގްރެޖުއޭޓް ވެފައެވެ. އަދި އެމީހުންގެ ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ.
ހާޑިން އެއްބަނޑު އެއްބަފާ ހަ މީހުންގެ ތެރެއިން ހަ ކޮއްކޮއަކީ ޑޮކްޓަރުންނާއި އާކިޓެކްޓުންނާއި ސްޕޭސްކްރާފްޓް ޑިޒައިނަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ކެރިއަރުތަކެއް އޮތް ހަ ކުދިންނެވެ. އުމުރުން އެންމެ 19 އަހަރުގައި ސެތު ހާޑިން ވަނީ އަލަބާމާގެ އެންމެ ޒުވާން ވަކީލަށް ވެފަ އެވެ.
މޮނާލިސާއަށް ގަބޫލުކުރެވުނު ގޮތުގައި އޭނާގެ ދަރިންގެ ކާމިޔާބީގެ އަސްލަކީ "ހޯމް އެޑިއުކޭޝަން" ޓެކްނިކް ބޭނުން ކުރުމަށް ފިރިމީހާ ބާރު އެޅުމުގެ ނަތީޖާއެވެ.
ކިޕް އާއި މޮނާލިސާ ހާޑިންގެ ހޯމްސްކޫލިން މެތަޑަކީ ސްކޫލަކަށް ދަރިން ފޮނުވުމަށްވުރެ މާ ކުޅަދާނަ މެތަޑެއްކަން މިހާރު ވަނީ ސާބިތުވެފައެވެ. އެ މީހުންގެ ނަޒަރުގައި ކޮންމެ އާއިލާއަކަށްވެސް އަމިއްލަ ދަރިންނަށްވެސް ހޯމް ސްކޫލް ހިންގިދާނެއެވެ.
"ހޯމް އެޑިއުކޭޝަން" ޕްރޮމޯޓް ކުރުމަށް އެ ދެމަފިރިން އަހައްމިއްޔަތުކަން ދެއެވެ. މުޅި އެމެރިކާގައި ލެކްޗަރތައް ދިނުމަށާއި ޝައުގުވެރިވާ އާއިލާތަކަށް ލަފާދިނުމުގެ ހިދުމަތް ދިނުމަށް އެ ދެމަފިރިންނަށް ދަނީ ދައުވަތު ލިބެމުންނެވެ. މިހާރު އެމީހުން ވަނީ އެކަށީގެންވާ ތައުލީމީ ގޮތްތަކާއި ހުނަރުތައް ގޭގައި ތިބެގެން ހޯދާނެ ގޮތުގެ ތަފްސީލުތައް ހިމަނައިގެން "ދަ ބްރެއިނީ ބަންޗް"ގެ ނަމުގައި އެ ދެމަފިރިން ލިޔެފައިވާ ފޮތެއް ނެރެފަ އެވެ.
ހިޔާލު